Roadha Mihaaru
ގާޒާ އަށް އެހީ ފޮނުވުމުގެ ގަރާރު އެމެރިކާ ވީޓޯކޮށްފި

ގާޒާ އަށް އެހީ ފޮނުވުމުގެ ގަރާރު އެމެރިކާ އިން ވީޓޯކޮށްފި

19 އޮކްޓޯބަރ 2023

ނިއުޔޯކް (އޮކްޓޯބަރު 19) - އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ސާމާނު ފޮނުވުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލައި، ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު، އެމެރިކާ އިން އިއްޔެ ވީޓޯކޮށްފި އެވެ.

ނިއުޔޯކް (އޮކްޓޯބަރު 19) - އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ސާމާނު ފޮނުވުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލައި، ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު، އެމެރިކާ އިން އިއްޔެ ވީޓޯކޮށްފި އެވެ.

ބްރެޒިލްގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ސަލާމަތީ މަޖިލީހުގެ ޖުމްލަ 15 މެމްބަރުންގެ ތެރެއިން 12 މެމްބަރުން ވޯޓު ދިނެވެ. އެއީ ދާއިމީ ފަސް މެމްބަރުންގެ ތެރެއިން ޗައިނާ އާއި ފަރަންސޭސި ވިލާތުގެ އިތުރުން، ދާއިމީ ނޫން 10 މެމްބަރުން ކަމަށްވާ، އަލްބޭނިޔާ، ބްރެޒިލް، އިކުއެޑޯ، ގަބޯން، ގާނާ، ޖަޕާން، މޯލްޓާ، މޮޒަމްބީކް، ސްވިޓްޒަލޭންޑް އަދި އެމިރޭޓްސް އެވެ. ދާއިމީ ފަސް މެމްބަރުންގެ ތެރެއިން ރަޝިޔާ އާއި އިނގިރޭސި ވިލާތް މި ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އިޒްރޭލަށް ހަމަލާ ދީފައިވާތީ، މި ގަރާރުގައި އިޒްރޭލު ވެސް ކުށްވެރިކޮށްފައި އޮތް ނަމަވެސް، އެމެރިކާ މި ގަރާރު ވީޓޯ ކުރީ، އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތައް ހުއްޓައިލުމަށް ގޮވާލާފައިވާތީ އެވެ. ގަރާރު ވީޓޯ ކުރުމަށް ފަހު އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވީ ގާޒާގެ މައްސަލަ ހައްލު ކުރުމަށް ޑިޕްލޮމެޓިކް ގޮތުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން، ޑިޕްލޮމެޓިކް ގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް އެމެރިކާގެ ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، މަދަނީންނަށް ދޭ ހުރިހާ ހަމަލާތަކެއް، އެ ގަރާރުގައި ކުށްވެރިކޮށްފައި ހުއްޓަސް، އިޒްރޭލަށް ލިބިގެންވާ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގުގެ ވާހަކަ އެކަށީގެންވާ މިންވަރަކަށް އެ ގަރާރުގައި ހިމެނިފައި ނެތް ކަމަށެވެ.

ކުރިން ވެސް ބެލެވިފައި އޮތް ގޮތަށް، އެމެރިކާ އިން މިގަރާރު ވީޓޯ ކުރި ނަމަވެސް، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް އާންމު ރައްޔިތުން ގެންދަނީ، މަގުތަކަށް ނުކުމެ، އިޒްރޭލު ކުށްވެރިކޮށް އަޑު އުފުލަމުންނެވެ. އެ ގޮތުން އެމެރިކާގައި ދިރިއުޅޭ ޔަހޫދީންގެ އެތައް ސަތޭކަ ބަޔަކު ވެސް އިއްޔެ ވަނީ ވޮޝިންޓަންގެ މަގުތަކުގައި، އިޒްރޭލު ކުށްވެރިކޮށް މުޒާހަރާ ކުރުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ، އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި އިހުތިޖާޖްކޮށްފަ އެވެ.

އަގްސާ ތޫފާންގެ ނަމުގައި، މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 12000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 500 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.

ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1450 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 4400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.