Roadha Mihaaru
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް

މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލު ކައިިރިއަށް

05 ނޮވެމްބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާ އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި އިއްޔެ އިޒްރޭލު ކައިރި އަށް ހިނގައްޖެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާ އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި އިއްޔެ އިޒްރޭލު ކައިރި އަށް ހިނގައްޖެ އެވެ.

އެއްފަހަރާ 90 މަތިންދާބޯޓު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އަދި ނިއުކްލިއާ ހަކަތައިން ދުއްވާ މި ބިޔަ މަނަވަރަކީ، އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން އެ ސަރަހައްދަށް ފޮނުވި މި ބާވަތުގެ ދެ ވަނަ މަނަވަރެވެ. މި މަނަވަރުގެ ލަޝްކަރުގައި އިތުރު ހަތް މަނަވަރު ހިމެނެ އެވެ.

މި މަނަވަރު މެޑިޓެރޭނިއަން ކަނޑުން ވަދެގެން މިސްރުގެ ސުއޭޒް ކެނެލް ހުރަސްކުރުމަށް ފަހު އިއްޔެ ވަނީ، ރަތް ކަނޑުގެ ތެރެއަށް ނުކުމެފަ އެވެ. ބެލެވޭ ގޮތުގައި މި މަނަވަރު މަޑުކުރާނީ ސައޫދީ އަރަބިއްޔާ އާއި މިސްރާ ދެމެދުގައި ރަތްކަނޑުގެ ތެރޭގަ އެވެ. ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާ އާއި އޭގެ ލަޝްކަރު ރަތްކަނޑުގެ ތެރެއަށް މިފޮނުވީ، ޔަމަންގެ ހޫތީ ހަނގުރާމަވެރިން ހަމާސް-އިޒްރޭލު ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން އިއުލާންކޮށް، ޔަމަނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާ މިސައިލްތައް އިތުރުކޮށްފައި ވަނިކޮށެވެ.

އިޒްރޭލަށް އެހީވުމަށް އެމެރިކާ އިން ފޮނުވި މަތިންދާބޯޓު އުފުލާ ފުރަތަމަ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ފަލަސްތީނުގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑަށް ދިޔައީ، ހުސްވި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ 75-80 މަތިންދާބޯޓު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އަދި ނިއުކްލިއާ ހަކަތައިން ދުއްވާ ބިޔަ މަނަވަރެކެވެ.

އިޒްރޭލަށް އެހީވުމުގެ ގޮތުން، މަނަވަރުތަކާއި ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާ އިން ނިންމީ، އޮކްޓޫބަރު 7، 2023 ގައި، ހަމާސް އާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އަދި، އެފަދަ އެހީއަކަށް އިޒްރޭލުން އެދުމުގެ ވެސް ކުރިންނެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުމާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށެވެ. މީގެ 75 އަހަރު ކުރިން، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ދައުލަތް އިއުލާނުކުރިތާ އެންމެ 11 މިނެޓްގެ ތެރޭގައި އެމެރިކާ އިން އިޒްރޭލުގެ ދައުލަތް ގަބޫލުކުރިކަން ފާހަގަކޮށް، ބައިޑެން ވިދާޅުވީ އިޒްރޭލުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެމެރިކާ އިން ކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ އަށް 30 ދުވަސް ވެގެން ދާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 9500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ވެސް، އެމެރިކާ އިން ބުނަނީ ހަމަލާތައް ހުއްޓައިލުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓައިލުމަށް އިޒްރޭލަށް ބާރުވެސް ނާޅާނެ ކަމަށް އެމެރިކާ އިން އަންނަނީ ބުނަމުންނެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 30 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 9500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 23000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2500 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5300 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.