Roadha Mihaaru
ލިޔުންތައް ނައްތާލި މައްސަލަ ބަލަން ޕޮލިހުގައި އެދެނީ

އެފްއެސްއެމް އިން ލިޔުންތައް ނައްތާލި މައްސަލަ ބަލައި، ފިޔަވަޅު އަޅައިދޭން ގައުމީ އަރުޝީފުން ޕޮލިހުގައި އެދެނީ

23 އޮކްޓޯބަރ 2023

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގައުމީ އަރުޝީފަށް އެންގުމަކާ ނުލައި ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އެ އިދާރާ އިން ޕޮލިހުގައި އެދެން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގައުމީ އަރުޝީފަށް އެންގުމަކާ ނުލައި ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އެ އިދާރާ އިން ޕޮލިހުގައި އެދެން ނިންމައިފި އެވެ.

ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު "މިހާރު" އަށް ވިދާޅުވީ ފުލުހުން މެދުވެރިކޮށް އެކަން ހިނގި ގޮތް ބަލައި ފިޔަވަޅު އަޅައިދިނުމަށް މި މައްސަލަ ފުލުހުންނަށް ހުށަހަޅަން މިއަދު ނިންމާފައިވާ ކަމަށެވެ.

"ދައުލަތުގެ ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވިޔަސް، ލިޔެކިޔުންތައް ނައްތާލަން ޖެހޭނީ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުގެ މަތިން. އެކަން ގައުމީ އަރުޝީފަކަށް އެނގިފައެއް ނެތް، އެކަން ކުރާ ކަމެއް. އެހެންވީމާ، އެ ގާނޫނާ ހިލާފުވެފައިވޭތޯ މި ބަލާ އެއްޗަކީ،" އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް އަންދާލާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް އަންދާލާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

މީގެ 12 އަހަރު ކުރިން އަމަލުކުރަން ފެށި ގައުމީ އަރުޝީފުގެ ގާނޫނުގައި ބުނާ ގޮތުގައި، ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލެވޭނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލަށް ހުށަހަޅައި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަރުޝީފުކޮށްފައިވާ އެއްޗަކަށް ގަސްދުގައި ގެއްލުމެއް ދީފި ނަމަ، އަދަބެއްގެ ގޮތުގައި 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލަށް ލެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުން ދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިއަދު ވަނީ އެދިފަ އެވެ.

އޭސީސީން ވެސް އެކަމަށް އެދުނީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު އެ ކުންފުނީގެ މުވައްޒަފެއް ކަަމަށްވާ އަހުމަދު އަނީސް އަމިއްލަ އަށް ވީޑިއޯކޮށް، އެ އާންމު ކޮށްފައި ވަނިކޮށެވެ.

ވީޑިއޯ އާންމުކޮށް އެފްއެސްއެމްގެ އެ އަމަލު ފަޅާއަރުވާލުމާ އެކު، އަނީސް ވަނީ އިއްޔެ އިން ފެށިގެން އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފަ އެވެ. ކަރުދާސްތައް ނައްތާލާ ތަން ވީޑިއޯކޮށް، އެ އާންމުކުރި އަނީސް އެފްއެެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރު ވެއްޖެ އެވެ. އޭނާ މިހާރު ހުރީ މީޓަރު ޓެކްނީޝަނެއްގެ މަގާމުގަ އެވެ.

ލިޔެކިޔުންތައް ނައްތާލާ ވީޑިއޯގެ މައްސަލަ ހޫނުވުމުން، އެފްއެސްއެމް އިން ބުނެފައި ވަނީ އެ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައި ހުރި، އެއްވެސް ގޮތަކަށް ބޭނުން ނުހިފޭ، ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ކަމަށެވެ.

މި ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކެ އެވެ.