Roadha Mihaaru
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ

ލިޔުންތައް ނައްތާލުން ހުއްޓުވަން ފުލުހާއި ޕީސީބީގައި އޭސީސީން އެދިއްޖެ

23 އޮކްޓޯބަރ 2023

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

އެ ކޮމިޝަނުން އެ ކަމަށް އެދުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު އެ ކުންފުނީގެ މުވައްޒަފެއް ކަަމަށްވާ އަހުމަދު އަނީސް އަމިއްލަ އަށް ވީޑިއޯކޮށް، އެ އާންމު ކޮށްފައި ވަނިކޮށެވެ.

ވީޑިއޯ އާންމުކޮށް އެފްއެސްއެމްގެ އެ އަމަލު ފަޅާއަރުވާލުމާ އެކު، އަނީސް ވަނީ އިއްޔެ އިން ފެށިގެން އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފަ އެވެ. ކަރުދާސްތައް ނައްތާލާ ތަން ވީޑިއޯކޮށް، އެ އާންމުކުރި އަނީސް އެފްއެެސްއެމްގައި މަސައްކަތް ކުރާތާ 8 އަހަރު ވެއްޖެ އެވެ. އޭނާ މިހާރު ހުރީ މީޓަރު ޓެކްނީޝަނެއްގެ މަގާމުގަ އެވެ.

އެފްއެސްއެމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

އެފަދަ ކަމެއް ކުރަން ވަކި ފަރާތަކުން އެންގިޔަސް އެކަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރާކަން އެނގިއްޖެ ނަމަ ވަގުތުން ހުށަހަޅަން އޭސީސީން އެދުނެވެ.

"ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ލިޔެކިޔުންތައް ނައްތާލާ ވީޑިއޯގެ މައްސަލަ ހޫނުވެފައި ވާއިރު، އެފްއެސްއެމް އިން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައި ހުރި ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ކަމަށެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެމުން އެފްއެސްއެމްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.

"ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މި ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.