Roadha Mihaaru
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް

ނަޝީދަށް ދިން ހަމަލައާ ސިޔާސީ އެއްވެސް ގުޅުމެއް ނެތް: އައްބާސް ފާއިޒް

24 އޮކްޓޯބަރ 2023

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސިޔާސީ އެއްވެސް ފަރާތެއްގެ ބައިވެރިވުން އޮތް ކަމުގެ ހެކި ފެންނަން ނެތް ކަމަށް، އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސިޔާސީ އެއްވެސް ފަރާތެއްގެ ބައިވެރިވުން އޮތް ކަމުގެ ހެކި ފެންނަން ނެތް ކަމަށް، އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި އޭނާ ހޯއްދެވި ކަންކަން އާންމު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސިޔާސީ ވާދަވެރިންގެ ފަރާތުން މިފަދަ ހަމަލައެއް އަތުވެދާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ތުހުމަތުތައް އަމާޒުވި ކަމަށެވެ.

އެކަމަކު، ސަރުކާރުގެ ތެރެއިން ވެސް ނުވަތަ އިދިކޮޅުގެ އެއްވެސް ފަރާތަކާ ވެސް އެފަދަ ގުޅުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލު އައްބާސް ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ އަމާޒުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރައްވަން އެ މަނިކުފާނު މަސަައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ އެކަމާ ގުޅިގެން ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އެކަމާ ވެސް ގުޅުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.

"ހަމަލާ ދިން މީހުން ހަމަލާ ދޭން ރާވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުގެ މާ ކުރީގައި ކަން ވަނީ ހާމަވެފައި،" އައްބާސް ވިދާޅުވި އެވެ.

މޭ 6 މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އައްބާސް ފާއިޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މޭ 6 މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އައްބާސް ފާއިޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ، މިހާތަނަށް ހޯދާފައިވާ ހުރިހާ ހޯދުމަކުން ވެސް ފެންނަން އޮތީ އެ ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ. ނަމަވެސް، މި ކަމުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ހަރުކަށި ފިކުރުގެ ގުރޫޕެއްގެ ބައިވެރިވުން އޮތް ކަން ފެންނަން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.

އެ ހަމަލާ އަށް ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން މިއަދު ވެސް އައްބާސް ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުގެ ތެރެއިން މިހާތަނަށް ހޯދި ހޯދުންތަކުން ފެންނަން އޮތީ ހަރަދު ކުރީ އެ މީހުންގެ އަމިއްލަ ޖީބުންނެވެ.

"އެ މީހުން ސެލްގެ ބޭރުން އެއްވެސް ހަރަދެއް ކޮށްފައި ނުވޭ. ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ގަނެފައިވާ ކަން އެ މީހުން އެކައުންޓުތަކުގެ ޓްރާންސެކްޝަނުން ފެންނަން އެބަހުރި. އެއީ ބޭރުން އައިސްފައިވާ ފައިސާއެއް ނޫން،" އައްބާސް ވިދާޅުވި އެވެ.

ހަމަލަ އަށް ފަންޑު ކުރިތޯ ބަލަން ތަހުގީގު ހިންގާފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވައި އޭނާ ވަނީ އެ ތަހުގީގުގެ ބައި ނުހުއްޓި ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ކަން ފުލުހުން ދެއްވާފައިވާ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި، ތަހުގީގުގެ ތެރެއިން އިތުރު ކަމެއް ފާހަގަވުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ. ތަހުގީގު ހުއްޓާލަން ނުޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވަނީ ނަޝީދަށް ހަމަލަދިން މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން މިއަދު ވެސް ފާހަގަކުރައްވައިފައިފަ އެވެ. އޭނާ ވިދާޅުވީ، ޝަރީއަތް ލަސްވަނީ ކްރިމިނަލް ކޯޓުގެ އިމާރާތުގައި ހުރި ދަތިތަކުގެ ސަބަބުން ކަން ފަނޑިޔާރުން އޭނާ އަށް އެންގެވިޔަސް އެ ސަބަބުތައް ބަލައި ނުގަނެވޭ ކަމަށެވެ.

މިފަދަ ދޯހަޅި ކަންކަމުގެ ސަބަބުން މުހިންމު ބޮޑެތި މައްސަލަތަކުގައި އިންސާފު ހޯދުމަށް ލަަސްނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ޖޭއެސްސީ އަށް އޭނާ ވަނީ ރިކޮމެންޑޭޝަނެއް ވެސް ދެއްވައިފަ އެވެ.