Roadha Mihaaru
ހަމަލައަށް ހޭދަކުރިތޯބަލަނީ ވަކި މައްސަލައެއްގެ ގޮތުގައި

ނަޝީދަށް ދިން ހަމަލާ އަށް ފަންޑު ކުރިތޯ ބަލަނީ ވަކި މައްސަލައެއްގެ ގޮތުގައި

03 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދޭން ބަޔަކު ފަންޑު ކުރިތޯ ބަލަމުން އަންނަނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދޭން ބަޔަކު ފަންޑު ކުރިތޯ ބަލަމުން އަންނަނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން، ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ނަޝީދު އަވަހާރަކޮށްލަން އުޅުނީ ފައިސާތަކެއް ހަރަދުކޮށްގެން ބަޔަކު އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް މިހާތަނަށް ލިބިފައިވާ ހެކިތަކުން ނުބެލެވޭ ކަމަށެވެ.

ޕީޖީ ޝަމީމް މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ހަމަލާއަށް ފަންޑު ކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި އެކަމާ ގުޅޭ މައުލޫމާތުތައް ވެސް ލިބެމުންދާނެ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް ވަކިން އަދި ވާހަކަ ދެއްކޭ ހިސާބަށް ގެންދެވޭނެ ކަމަށް،" ޕީޖީ ވިދާޅުވި އެވެ.

ބޮން ގޮއްވާލި ކަމަށް ބުނާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއެކު ދައުލަތުން މިހާރު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އޭނާ އިތުރު މައުލޫމާތު ދެމުންގެންދާނެ އެވެ.

އަދުހަމްގެ ބަޔާންތައް އަދިވެސް ނަގަމުންދާނެ ކަމަށާއި އެހެންކަމުން ފަންޑު ކުރިތޯ ބަލާ މައްސަލަ އަށް އިތުރު މައުލޫމާތު ލިބޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަދުހަމާއެކު އެއްބަސްވުމަކަށް އާދެވުނީ އިއްޔެގެ ވަގުތެއްގައި. އެހެންވެ އަދި އިތުރު ތަހުގީގުތައް ކުރިއަށް ދާނެ އަދި އިތުރު ބަޔާންތައް ވެސް އަޅުގަނޑުމެން ނަގަމުން ދާނެ. އެހެންވީމާ އެއާ ގުޅިގެން އިތުރު މައުލޫމާތު ލިބެމުން ދާނެ. ދާ ވަރަކަށް އަޅުގަނޑުމެންނަށް ފަންޑު ކުރުމުގެ ބައި އިތުރަށް ޑިވޮލެޕް ކުރެވެމުން ދާނެ." ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ހޯދާފައިވާ ހެކިތަކުން އެނގިފައި ވަނީ ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން ކަމަށެވެ. އެ މަނިކުފާނަކީ ދީނާ ދެކޮޅު މީހެއް ކަމަށާއި އަވަހާރަކޮށްލަން ޖެހޭ ބޭފުޅެއް ކަމަށް އެ މީހުން ގަބޫލު ކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕީޖީން ދައުވާ ކުރީ އަދުހަމްގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. ލ. ގަން ދުންފިނިއުފާ އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އަށް ފޮނުވި ނަމަވެސް އަދި ދައުވާއެއް ނުކުރެ އެވެ.

މައްސަލައިގައި ދެން ހިމެނޭ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ބައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.