Roadha Mihaaru
ހާޒިރީ އެލަވަންސް ދެނީ ޝިފްޓް ޑިއުޓީގެ ސްޓާފުންނަށް

ބަންދު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބެނީ އާ ޕޭ ފްރޭމްކޯވުގެ ދަށުން ޝިފްޓް ޑިއުޓީކުރާ މުވައްޒަފުންނަށް

26 އޮކްޓޯބަރ 2023

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ހަމަޖައްސައި ދިނީ ސަރުކާރު އޮފީސްތަކުގައި ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގެ ދަށުން ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް އެކަނި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ހަމަޖައްސައި ދިނީ ސަރުކާރު އޮފީސްތަކުގައި ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގެ ދަށުން ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް އެކަނި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްލާހެއް ގެނެސްފަ އެވެ.

އެ އިސްލާހާ ގުޅޭ ތަފުސީލު ދެއްވަމުން ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް ހަދީޖާ ޖަމީލާ "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ އާ ޕޭ ފްރޭމްކޯވަކަށް އަމަލުކުރަން ފެށުމުގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނުގައި، ހުކުރު ދުވަސް ހިމެނޭ ގޮތަށް ސަރުކާރު ބަންދު 11 ދުވަހެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ.

އެ ގާނޫނުގައި އޮތީ ސިވިލް ސާވަންޓުން ބަންދު ދުވަސްތަކުގައި ވަޒީފާއަށް ނުކުތަސް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަހު 22 ގައި ގެޒެޓްކުރި އިސްލާހަކީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައި ތިބި މުވައްޒަފުންގެ ތެރެއިން ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވާ މުވައްޒަފުން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، އެ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ލިބެގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ޝިފްޓް ޑިއުޓީގެ ބައިވަރު މުވައްޒަފުން ސީއެސްސީގެ ތެރޭގައި މަސައްކަތް ކުރޭ. އެކަމަކު އެ ހުރިހާ އެންމެންނަކީ އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައި ތިބި މުވައްޒަފުންނެއް ނޫން."

ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، އެ ޕޭ ފްރޭމްވޯކުގެ ތެރެއިން މަސައްކަތްކުރާ މުވައްޒަފުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތްކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެ އެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި އޮންލައިންކޮށް މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވެއްޖެ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށެވެ. އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެ އެވެ.