Roadha Mihaaru
އައިއޭސީގެ ފަލަސްތީން ފަންޑަށް 23 މިލިއަން ރުފިޔާ

އައިއޭސީގެ ފަލަސްތީން ފަންޑަށް 23 މިލިއަން ރުފިޔާ ލިބިއްޖެ

29 އޮކްޓޯބަރ 2023

އިޒުރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީ ދޭން ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް އިއްޔެގެ ނިޔަލަށް 23 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒުރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީ ދޭން ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް އިއްޔެގެ ނިޔަލަށް 23 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އައިއޭސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ވިއްސަކަށް ދުވަހުގެ ތެރޭގައި އެ ފަންޑަށް 23،987،108ރ. ވަނީ ލިބިފަ އެވެ. އަދި 13،023 ޑޮލަރު ވެސް ލިބިފައިވެ އެވެ.

"އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެހީ އަދި އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެހީގެ ފަންޑަށް ވަންނަ ފައިސާގެ 12.5 ޕަސެންޓް ފިޔަވާ ހުރިހާ ފައިސާއެއް ހަރަދުކުރަނީ އެހީ ފޯރުކޮށްދިނުމަށެވެ. އެ 12.5 ޕަސެންޓަކީ އެހީ ފޯރުކޮށްދިނުމަށް ދާ ލޮޖިސްޓިކަލް ހަރަދުތަކަށް ބޭނުންކުރާ ފައިސާ އެވެ.

އައިއޭސީގެ އިތުރުން ދިވެހި ރެޑްކްރެސެންޓުން ވެސް ވަނީ އެހީގެ ފަންޑެއް ހުޅުވާލައިފަ އެވެ.

އެކި ގައުމުތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ އައިއޭސީން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް، އެ ޖަމިއްޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ވެސް އާންމުކުރާނެ ކަމަށް ބުނެފަ އެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވަނީ ޑޮނޭޝަންގެ ގޮތުގައި އެ ޖަމިއްޔާ އަށް އާންމުން ދޭ ފައިސާ އަކީ އޭގެ ހައްގުވެރިންނަށް އަމާނާތްތެރި ކަމާ އެކު ރައްދުކޮށްދޭ އެއްޗެއް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަޒްހަދު ވިދާޅުވި ގޮތުގައި، 2016 ވަނަ އަހަރު އުފެއްދި އައިއޭސީން އަބަދުވެސް ގެންގުޅެނީ އެންމެ "ހައި ލެވެލްގެ ޓްރާންސްޕޭރެންސީ" އެވެ. އެ ޖަމިއްޔާގެ އެކައުންޓަށް ވަންނަ ފައިސާ ހަރަދުކުރާ ގޮތް ޑޮކިއުމެންޓް ނުކޮށް އެއްވެސް އިރަކު ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިއޭސީ އަށް ލިބޭ ފައިސާ އިން އެހީ ފޯރުކޮށްދޭ ގޮތް ފެންނަ ފޮޓޯތައް ވެސް އެ ޖަމިއްޔާ އިން ސޯޝަލް މީޑިއާގައި އާންމުކުރެ އެވެ. އެހީގެ ގޮތުގައި ފައިސާ އާއި ކާބޯތަކެއްޗާއި ފެނާއި ޒަރޫރީ އެހެން އެއްޗެހި ފޯރުކޮށްދޭ މަންޒަރުތައް އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރާ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެނެ އެވެ.

އެ ޖަމިއްޔާ އިން އެއްވެސް އަހަރެއްގައި އޮޑިޓް ރިޕޯޓް ވެސް ނުހަދާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަޒްހަދު ވިދާޅުވީ އެ ރިޕޯޓް ވެސް އާންމުކުރާނެ ކަމަށެވެ.