Roadha Mihaaru
ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ ބިރު ބޮޑުވަނީ

ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ ބިރު ބޮޑުވަނީ

30 އޮކްޓޯބަރ 2023

ފަލަސްތީނުގެ ގާޒާގެ ދެކުނު ސަހަރެއް ކަމަށްވާ ތައްލް އަލް-ހަވާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލް ވަގުތުން ހުސް ކުރުމަށް އިންޒާރު ދިނުމަށް ފަހު، ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިޒްރޭލު ސިފައިން އިއްޔެ ބޮން އަޅައި އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ފަލަސްތީނުގެ ގާޒާގެ ދެކުނު ސަހަރެއް ކަމަށްވާ ތައްލް އަލް-ހަވާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލް ވަގުތުން ހުސް ކުރުމަށް އިންޒާރު ދިނުމަށް ފަހު، ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިޒްރޭލު ސިފައިން އިއްޔެ ބޮން އަޅައި އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެގެ ފުރަތަމަ އިންޒާރު އިޒްރޭލުން ދިނީ އިއްޔެ ހެނދުނު އެވެ. އެއަށް ފަހު އެ ހޮސްޕިޓަލާ 50 މީޓަރު ދުރަށް ބޮމުގެ ހަމަލާތަކެއް ދިނެވެ. އެ ހަމަލާތައް ދިން އިރު ވެސް ގުދުސް ހޮސްޕިޓަލުގެ ތެރޭގައި، ގިނަ އަދަދެއްގެ ބަލި މީހުންނާއި، ވަގުތީ ހިޔާވަހިކަން ހޯދަން އައިސް ތިބި 12000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ތިއްބެވެ.

ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދިނުމަށް ގެނެސްފައި ތިބި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް އެ ހޮސްޕިޓަލުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި އައިސީޔޫގައި ތިބި ހާލު ބޮޑު ބައެއް މީހުންނާއި، އިންކިއުބޭޓަރުގައި ތިބި އަލަށް އުފަންވި ކުދިން ހިމެނެ އެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުގައި މިވަގުތު ތިބީ، އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ގެދޮރު ސުންނާފަތިވެ ދިރިއުޅޭނެ ހިޔާވައްސެއް ނެތުމުން ގާޒާގެ އެކި ސަރަހައްދުތަކުން އައިސް ތިބި އާންމު ރައްޔިތުންގެ 12000 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލު ސިފައިން ތަކުރާރުކޮށް އިއްޔެ އިންޒާރު ދީފައި މިވަނީ، މީގެ ކުރިން އެ ގޮތަށް އިންޒާރު ދިން ހޮސްޕިޓަލުތަކަށް އިޒްރޭލު ސިފައިން ބޮން އަޅައި، ބޭނުން ނުކުރެވޭ ވަރަށް އެ ތަންތަން ހަލާކުކޮށްލުމަށް ފަހު އެވެ. އޭގެ ތެރޭގައި، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު އަލް-އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާގައި 500 އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން ތަކުރާރުކޮށް އިންޒާރު ދެމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނަރަލް ޑރ. ޑެޓްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ބަލިމީހުންތަކުން ތޮއްޖެހިފައި އޮތް ހޮސްޕިޓަލެއް އެމީހުންގެ ފުރާނަ އަށް ނުރައްކާ ނުވާ ފަދަ ގޮތަކަށް ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިޒްރޭލު ސިފައިން ގާޒާގެ އުތުރު ސަރަހައްދަށް އެއްގަމު މަގުން އަރައިގަތުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި، ގާޒާގެ އުތުރު ކޮޅުގައި ހުންނަ އައްޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއާ ހޮސްޕިޓަލްގެ ވަރަށް ކައިރިއަށް ބޮން އެޅި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 24 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 20000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3340 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2060 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 120 އަށް އަރައިފި އެވެ. އަދި އިތުރު 2000 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.