Roadha Mihaaru
ޔަހޫދީ ސިފައިން ކަމާލް އުދުވާން ހޮސްޕިޓަލް ހިސާރުކޮށްފި

އިޒްރޭލު ސިފައިން ކަމާލް އުދުވާން ހޮސްޕިޓަލް ހިސާރުކޮށްފި

05 ޑިސެމްބަރ 2023

ޣައްޒާގެ އުތުރު ސަރަހައްދުގައި މިހާރު ކިރިޔާ ވެސް ޚިދުމަތެއް ދެވޭ ގޮތަށް ހުރި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ، ކަމާލް އުދުވާން ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިއްޔެ އިން ފެށިގެން އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، މިއަދު ހެނދުނުން ފެށިގެން އެ ހޮސްޕިޓަލު ހިސާރުކޮށްފި އެވެ.

ޣައްޒާގެ އުތުރު ސަރަހައްދުގައި މިހާރު ކިރިޔާ ވެސް ޚިދުމަތެއް ދެވޭ ގޮތަށް ހުރި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ، ކަމާލް އުދުވާން ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިއްޔެ އިން ފެށިގެން އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، މިއަދު ހެނދުނުން ފެށިގެން އެ ހޮސްޕިޓަލު ހިސާރުކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ ވަށައިގެން ހުރި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮމާއި މިސައިލުން ހަމަލާ ދީ އެ ތަންތަން ސުންނާފަތި ކުރި އިރު ވެސް، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ އެތައް ސަތޭކަ ބަޔަކު އެ ހޮސްޕިޓަލުގައި ތިއްބެވެ. ކައިރީގައި ހުރި އިމާރާތްތަކަށް ހަމަލާ ދޭ ކޮންމެ ފަހަރަކު ހޮސްޕިޓަލަށް ވެސް ގުޑުން އަރައިގެން ގޮސް، ދުމާއި ހިރަފުހުން މުޅި ހޮސްޕިޓަލު ތެރެ ފުރިގެންދެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ކަމާލް އުދުވާން ހޮސްޕިޓަލުގެ ބޭރުގައި އިޒްރޭލުގެ ޓޭންކުތައް ރުކުރުވާލާފައިވާ އިރު، އެ ހޮސްޕިޓަލަށް ވަދެނުކުތުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ހޮސްޕިޓަލުގެ ގޯތި ތެރޭގައި ނުވަތަ ބޭރަށް ފެންނަ ގޮތަށް ހޮސްޕިޓަލުގެ ތެރޭގައި އެއްވެސް މީހަކު ހަރަކާތްތެރިވާ ނަމަ، ކައިރީގައި ހުރި އިމާރާތްތަކުގައި ތިބި އިޒްރޭލުގެ ސްނައިޕަރުން ގެންދަނީ އެމީހަކަށް ހަމަލާ ދެމުންނެވެ.

އިޒްރޭލު ސިފައިން އެ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބި އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ 108 މީހެއްގެ ހަށިގަނޑު ވަޅުނުލެވި މިހާރު ވެސް އެ ހޮސްޕިޓަލުގައި އެބަ އޮތް ކަމަށް ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ. ނަމަވެސް އެމީހުންގެ ޖަނާޒާގެ ކަންތައް ކުރުމަށް އިޒްރޭލު ސިފައިން ފުރުސަތު ނުދޭތީ އެމީހުން ވަޅުލެވޭނެ ގޮތެއް ނެތް ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އެ ހޮސްޕިޓަލުގައި ތިބި ސިއްހީ ޚިދުމަތްތެރިން ބުނާ ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ބިރަކީ، މީގެ ކުރިން އިޒްރޭލު ސިފައިން ހިސާރު ކުރި ދެ ހޮސްޕިޓަލުގައި ކަންތައް ކުރި ގޮތަށް އެހޮސްޕިޓަލުގައި ވެސް ކަންތައް ކޮށްފާނެ ކަމުގެ ބިރެވެ. ޣައްޒާގައި ހުރި އައްޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިޔާ ހޮސްޕިޓަލު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހިސާރު ކުރުމަށް ފަހު، އިޒްރޭލު ސިފައިން ވަނީ ހަތިޔާރާއެކު އެ ދެ ތަނަށް ވަދެ، އެ ދެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި އެނޫން މީހުންނާ ސުވާލުކޮށް ތަހުގީގު ކުރުމަށް ފަހު ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

ކަމާލް އުދުވާން ހޮސްޕިޓަލުގައި ވެސް، ޣައްޒާގެ އެކި ހިސާބުތަކުން އައިސް ތިބި ގެދޮރު ގެއްލިފައިވާ 7000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެބަތިއްބެވެ. އެހެންކަމުން އިޒްރޭލު ސިފައިން އެ ހޮސްޕިޓަލަށް ވަދެ، އާންމުންގެ ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

އެ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލުން މިހާރު ވަނީ ކަރަންޓު ވެސް ކެނޑިފަ އެވެ. އެހެންކަމުން، ޒަޚަމްވެގެން ގެނެސްފައި ތިބި މީހުންގެ ތެރެއިން އެކަކުވެސް އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ މީހުންގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އޭގެ އިތުރުން، އެ ހަތަރު ހޮސްޕިޓަލުގައި ބޭނުންކުރަމުން އައި އެމްބިއުލާންސްތަކުގެ ތެރެއިން 55 އުޅަނދު މިހާރު އޮތީ އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެފައި ކަމަށް ވާތީ، ހަމަލާތަކުގައި ޒަޚަމްވާ މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމުގައި ހިމާރު ގާޑިއާތައް ބޭނުންކުރަން ވަނީ މަޖުބޫރުވެފަ އެވެ. ޣައްޒާގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ނެތް އިރު، އަމިއްލަ ޖަނަރޭޓަރު ހުރި ހޮސްޕިޓަލުތަކުގައި ވެސް، ޖަނަރޭޓަރު ހިންގާނެ ޑީސަލް ނެތުމުން ކަރަންޓު ލިބޭނެ ގޮތެއް ނެތެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 60 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16000 އަށް ވުރެ މަތިވެފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 42000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7800 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.