ފަލަސްތީނުގެ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލަކީ މިހާރު ގަބުރުސްތާނެއް ކަމަށާއި ސިއްހީ ޚިދުމަތް ދޭ ތަނެއްގެ އެއްވެސް ސިފައެއް އެ ހޮސްޕިޓަލުން މިހާރު ނުފެންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލަކީ މިހާރު ގަބުރުސްތާނެއް ކަމަށާއި ސިއްހީ ޚިދުމަތް ދޭ ތަނެއްގެ އެއްވެސް ސިފައެއް އެ ހޮސްޕިޓަލުން މިހާރު ނުފެންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.
އެ ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެޔާ ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިންގެ ހިސާރުގައި މިހާރު ހުރި ޝިފާ ހޮސްޕިޓަލުގައި މިވަގުތު ވެސް 600 އަށް ވުރެ ގިނަ ބަލިމީހުން އެޑްމިޓްކޮށްފައި އެބަތިއްބެވެ. އޭގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ގެދޮރު ސުންނާފަތިވެ މަގުމަތިވެފައިވާ ދެތިން ހާސް މީހުން ވެސް އެ ހޮސްޕިޓަލުގެ ހޯލުތަކާއި އެކި ތަންތަނުގައި އެބަތިއްބެވެ.
ޝިފާ ހޮސްޕިޓަލުގެ ބިމު އަޑީގައި ހަދާފައިވާ ބިންގަރާހެއްގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ހިންގާ އަސްކަރީ މަރުކަޒެއް ހުރި ކަމަށް ބުނެ، އިޒްރޭލު ސިފައިން އެ ހޮސްޕިޓަލު ހިސާރުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. އެ ހޮސްޕިޓަލު ހިސާރު ކުރުމަށް ފަހު އިޒްރޭލު ސިފައިން ގެންދަނީ އެ ހޮސްޕިޓަލް ހުސްކުރަން އިންޒާރު ދެމުންނެވެ.
"ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގައި މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތަކާއި ޒަޚަމްވެފައިވާ އެތައް ބަޔަކު އެބަތިބި. ވަޅުލަން ނުވަތަ މޯޗަރީއަށް ލާން ވިޔަސް، އެތަނުން އެހަށިގަނޑުތައް ނަގައިގެން ގެންދެވޭނެ ގޮތެއް ނެތް. އަދި ޒަޚަމްވެފައިވާ މީހުން ނަގައިގެން ފަރުވާ ދޭން ގެންދެވޭކަށް ވެސް ނެތް،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގެ އެތެރޭގައި ވެސް މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑު އެބަހުރި. އެ ހަށިގަނޑުތައް ވެސް އެ ތަނުން ބޭރަށް ގެންގޮސް ވަޅުލެވޭނެ ގޮތެއް ނެތް. ޝިފާ ހޮސްޕިޓަލަކީ ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރެވޭ ފަދަ ތަނެއް ނޫން. މިހާރު އެއީ ގާތްގަނޑަކަށް ގަބުރުސްތާނެއް."
އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ހޮސްޕިޓަލުގެ އެތެރޭގައި ހުރި ހަށިގަނޑުތައް ވެސް މިހާރު ދަނީ ފިލުނދުވަމުން އަދި ކުނިވަމުންނެވެ. ހޮސްޕިޓަލުގެ ގޯތި ތެރޭގަ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ހުރި ހަށިގަނޑުތައް ކުނިވެ، އެ ސަރަހައްދުގައި އުޅޭ ކުއްތާތައް އައިސް އެ ހަށިގަނޑުތައް ވީދައިގެން ކަމުން ދާއިރު ވެސް، އެ ހަށިގަނޑުތައް ނަގައިގެން ވަޅުލާން ގެންދިއުމަށް އިޒްރޭލު ސިފައިން އަދިވެސް ހުއްދައެއް ނުދެ އެވެ.
މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ކުނިވަމުން ދާއިރު، އެ ސަރަހައްދުގައި އުޅޭ ކުއްތާތައް އައިސް އެ ހަށިގަނޑުތައް ވީދައިގެން ކާ މަންޒަރު ފެންނަ ކަމަށް ޝިފާ ހޮސްޕިޓަލުން ބުނެ އެވެ.
އޭގެ އިތުރުން، ހޮސްޕިޓަލުގެ ޖަނަރޭޓަރު ހިންގާނެ ތެޔޮ ނެތުމުން ކަރަންޓު ކެނޑިފައިވާތީ، އެކަށީގެންވާ ފަރުވާ ނުދެވުމުން، އެ ހޮސްޕިޓަލުގައި ތިބި އަލަށް އުފަންވި ކުދިންގެ ތެރެއިން ބައެއް ކުދިން މިހާރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި މިހާރު ތިބި ކުދިންގެ ހާލު ވެސް ދުވަހުން ދުވަހަށް ދަށަށް ދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 38 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 29000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޒަޚަމްވި މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ ނިސްބަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 186 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 350 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 220 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ޔަހޫދީ ސިފައިން ކަމާލް އުދުވާން ހޮސްޕިޓަލް ހިސާރުކޮށްފި
ޣައްޒާގެ ޝިފާ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެގެންފި
ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ ބިރު ބޮޑުވަނީ
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
އިޒްރޭލުން ގާޒާގެ ހޮސްޕިޓަލުތައް ހިސާރުކޮށްފައި
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި