Roadha Mihaaru
ޔާމީން ގާނޫނާ ހިލާފުވަނީ، ކަރެކްޝަނުން މޮނިޓަކުރަނީ

ޔާމީން ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފުވެއްޖެ، ކަރެކްޝަނުން އަދިވެސް މޮނިޓަކުރަނީ

31 އޮކްޓޯބަރ 2023

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަންދަށް ދިން ލުއިތަކާ އެކު، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފްވެ ވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަންދަށް ދިން ލުއިތަކާ އެކު، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފްވެ ވަޑައިގެންފި އެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރު 25 ގައި ކުރި ހުރުމަށް ފަހު އެ މަނިކުފާނު ޖަލުން ގެޔަށް ބަދަލުކުރީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާ އެކުގަ އެވެ. ގޭބަންދުގައި ހުއްޓާ، ކަސްރަތުކުރުމަށާއި މެޑިކަލް ކަންކަމުގައި ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ކަރެކްޝަންސް އިން ހޮނިހިރު ދުވަހު ބޮޑެތި ލުއިތަކެއް ދިން ފަހުން ކޮންމެ ރެޔަކު ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން ސިޔާސީ އެއްވުންތައް ބާއްވަވަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ޔާމީނަށް ލުއި ދިނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފުނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިގުރާރުވުމަށް ފަހު ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ؛

ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ.

އެކަމަކު، ޕީޕީއެމުން ކުރިއާލައި އިއުލާނުކޮށްގެން ރޭ ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގެން، ވާހަކަފުޅު ވެސް ދެއްކެވި އެވެ. އަދި އެ ޖަލްސާ ވަނީ ޓީވީތަކުން ވަގުތުން ދުރަށް ދައްކައިފަ އެވެ.

އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތަކުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވުމުން، ކަރެކްޝަންސް އިން އިއްޔެ ވެސް ވަނީ އެ މަނިކުފާނުގެ ހަރަކާތްތައް ކައިރިން މޮނިޓާކުރާނެ ކަމަށާއި ގާނޫނާ ހިލާފުވާ ނަމަ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ކަރެކްޝަންސްގެ ފަރާތުން މައުލޫމާތު ސާފުކުރުމަށެވެ. އިތުރު ވާހަކައެއް ނުދެއްކެވި އެވެ.