Roadha Mihaaru
ކަންގަނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ

އެހެން މީހުންގެ ފިލްމުތައް ބޮއިކޮޓްކުރަން ގޮވާލި ކަންގަނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ

02 ނޮވެމްބަރ 2023

އެހެން އެކްޓަރުންގެ ފިލްމުތައް ބޮއިކޮޓްކުރަން ކަންގަނާ ރަނާވަތު ގޮވާލާފައި ވަނިކޮށް، މިފަހުން ނުކުތް އޭނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ އެވެ.

އެހެން އެކްޓަރުންގެ ފިލްމުތައް ބޮއިކޮޓްކުރަން ކަންގަނާ ރަނާވަތު ގޮވާލާފައި ވަނިކޮށް، މިފަހުން ނުކުތް އޭނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ އެވެ.

އެންމެފަހުން ނުކުތް ކަންގަނާގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، އޭނާ ސިފައިންގެ ޕައިލެޓެއްގެ ރޯލު ކުޅޭ "ތޭޖަސް" އެވެ. އެ ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވާން ކައިރި ވާއިރު، ފިލްމަށް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ. ބޮލީވުޑްގެ ބައެއް ޓްރޭޑް އެނަލިސްޓުން ބުނި ގޮތުގައި، އެ ފިލްމަކީ "ބޮކްސް އޮފީސް ޑިޒާސްޓާ"އެކެވެ.

"ތޭޖަސް" އަކީ 7.2 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި އަދި ލިބުނީ އެންމެ 624،000 ޑޮލަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 28 ގައި ނުކުތް ކަންގަނާގެ ދެކުނު އިންޑިއާގެ ފިލްމު "ޗަންދުރަމުކީ 2" އަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ ފިލްމު ސިނަމާތަކުން ނަގަން ޖެހުނު އިރު، ފިލްމަށް ކުރި ހަރަދު ވެސް އަނބުރާ ނުލިބުނެވެ. އެ ފިލްމަކީ 7.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އެކަމަކު، ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބުނީ 6.2 މިލިއަން ޑޮލަރެވެ.

"ތޭޖަސް" އާއި "ޗަންދުރަމުކީ 2" އަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު، ކްރިޓިކުންގެ ތައުރީފު ވެސް ނުލިބެ އެވެ. އަދި މިދިޔަ ޖޫން މަހު އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން، ކަންގަނާ ޕްރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "ޓީކޫ ވެޑް ޝޭރޫ" އަށް ވެސް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ.

ކަންގަނާ އަކީ އަބަދުވެސް ބޮލީވުޑްގެ އެހެން ތަރިންނާ ހިޔާލު ތަފާތުވެ، ޒުވާބުކޮށް ހަދާ މީހެކެވެ. އެގޮތަށް ހިނގި ބައެއް ޒުވާބުތަކުގައި ބައެއް އެކްޓަރުންގެ ފިލްމުތައް ބޮއިކޮޓްކުރަން އެކި ފަހަރު މަތިން އޭނާ ގޮވާލާފައިވެ އެވެ.

އޭނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވަމުން އަންނައިރު، މި މަހު ރިލީޒްކުރާ ގޮތަށް އޮތް އޭނާގެ އެހެން ފިލްމެއް ކަމަށްވާ "އެމަޖެންސީ" މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެ ފިލްމުގައި ކަންގަނާ ކުޅެނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.