Roadha Mihaaru
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ

ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ

13 ސެޕްޓެމްބަރ 2021

ޖަޔަލާތީގެ ރޯލު ފިލްމު "ތަލައިވީ" ގައި ކަންގަނާ ރަނާވަތު ކުޅެފައިވާލެއް މޮޅުކަމުން އެތައް ބައެއްގެ ތައުރީފު އޭނާ އަށް އޮހެމުން އަންނަ އިރު ފިލްމާ ބެހޭ ގޮތުން ކުރީގެ ބަތަލާ އަދި ހޯސްޓް ސިމީ ގަރެވާލް ދެއްކި ވާހަކައަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޔަލާތީގެ ރޯލު ފިލްމު "ތަލައިވީ" ގައި ކަންގަނާ ރަނާވަތު ކުޅެފައިވާލެއް މޮޅުކަމުން އެތައް ބައެއްގެ ތައުރީފު އޭނާ އަށް އޮހެމުން އަންނަ އިރު ފިލްމާ ބެހޭ ގޮތުން ކުރީގެ ބަތަލާ އަދި ހޯސްޓް ސިމީ ގަރެވާލް ދެއްކި ވާހަކައަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ހުކުރު ދުުވަހު "ތަލައިވީ" ރިލީޒްކުރުމާ ދިމާކޮށް ސިމީ ކުރި ޓްވީޓެއް ބުނީ ޖަޔަލަލީތީގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ނަމަ އޭނާގެ ރޯލު ކުޅެން ޖަޔަލަލީތާ އެންމެ ބޭނުންވީ ބަތަލާ އައިޝްވާރިއާ ރާއީ ކަމަށެވެ. ދެހާސް ސޯޅައިގައި އަވަހަރާވި، ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އެ ވާހަކަ ސިމީ ގާތު ދެއްކީ ސިމީގެ ޝޯ "ރެންޑެޒްވަޒް ވިތު ސިމީ ގަރެވާލް" ޝޯގައި 1999 ގަ އެވެ.

"އަހަރެންގެ ޒުވާން ދުވަސްވަރު ކުޅެލަން އެންމެ ފައްކާވާނެ ކަމަށް ގަބޫލުކުރެވޭ ބަތަލާ އަކީ އައިޝްވާރިއާ،" ޖަޔަލަލީތާ ވިދާޅުވި އެވެ.

ސިމީގެ ޓްވީޓްގައި ބުނީ ކަންގަނާގެ ބަހުރުވަ ހުންނަ ގޮތުން އޭނާ އަކީ މާ ގަޔާވާ މީހަކަށް ނުވިޔަސް، ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށެވެ. އަދި "ތަލައިވީ" ގައި ޖަޔަލަލީތާގެ ރޯލަށް އޭނާ ހިތާއި ރޫހު ފިދާކޮށްފައިވާ ކަމަށް ސިމީ ބުންޏެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކުރި ފިލްމުގައި ކަންގަނާ ދެއްކި އެކްޓިން މޮޅުކަމުން ފިލްމީ ދާއިރާގެ ބައެއް މީހުންނާއި ވަރަށް ގިނަ ފޭނުން ވެސް ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާ އަށް ފަސް ވަނަ ނެޝަނަލް އެވޯޑް ހައްގުވާ ވަރުގެ ފިލްމެކެވެ.

ޖަޔަލަލީތާ.

ޖަޔަލަލީތާ.

ހޮނިހިރު ދުވަހުގެ ރޭ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ކަންގަނާ ބުނީ ޖަލަލީތާ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެކަމަކު އެ ފިލްމު އޭނާ އަށް ދިނުމުން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަށް ބުންޏެވެ. ސަބަބަކީ ޖަޔަލަލީތާ އަކީ އިންޑިއާގެ ދެކުނަށް ނިސްބަތްވާ މީހަކަށްވެފައި، އުތުރު އިންޑިއާގެ ބަތަލާއަކަށް އެ ރޯލަށް އެންމެ ރަނގަޅަށް އިންސާފުކޮށް ނުދެވޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރުމެވެ.

"އަހަރެން އެ ރޯލު ކުޅުނީ ޖަޔާޖީއާ ގުޅޭ ގޮތުން ވަރަށް ގިނަ ރިސާޗްތަކެއް ވެސް ހެދުމަށް ފަހު. އަހަރެން މިހާރު ގަބޫލުކުރަނީ އަހަރެން ނޫން މީހަކަށް އެ ރޯލު ނުވެސް ކުޅެވޭނެ ކަމަށް،" ކަންގަނާ ބުންޏެވެ.

ފިލްމުގެ ޓްރެއިލާ މި އަހަރުގެ ކުރީކޮޅު އާންމުކުރުމާ އެކު ވެސް ކަންގަނާ އަކީ ފިލްމަށް އެންމެ ރަނގަޅު ހޮވުން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު، ކަންގަނާ އަށް ތައުރީފުކޮށްފައިވެ އެވެ.

ސިޔާސީ ލީޑަރެއްގެ ގޮތުގައި "އައްމާ" ގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާގެ ހަޔާތުގެ އެކި ދައުރު "ތަލައިވީ" ގައި ދައްކުވައި ދީފައިވެ އެވެ. އޭގެ ތެރޭގައި އޭނާގެ އެންމެ ޒުވާން ދުވަސްވަރާއި ބަތަލާއެއްގެ ގޮތުގައި މަސައްކަތްކޮށް، އެ ދުވަސްވަރު ދެކުނުގައި އެންމެ ނުފޫޒު ގަދަ ބަތަލު އެމްޖީ ރާމަޗަންދުރަން (އެމްޖީއާރް) އާ ބޭއްވި ލޯބީގެ ގުޅުމާއި އެ ގުޅުން ހިތިކޮށް ނިމިގެން ދިޔަ ގޮތާއި ފަހުން ވަރުގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައި ދީފައިވެ އެވެ.

"ތަލައިވީ" ގައި އެމްޖިއާރްގެ ރޯލު ކުޅުނީ އަރުވިންދު ސްވާމީ އެވެ.