Roadha Mihaaru
ފިލްމު ފާސްކޮށްނުދީގެން ކަންގަނާގެ ފިލްމު ފަސްކުރަނީ

ސެންސަރު ބޯޑުން ފިލްމު ފާސްކޮށްނުދީގެން ކަންގަނާގެ ފިލްމު ފަސްކުރަން ޖެހިއްޖެ

02 ސެޕްޓެމްބަރ 2024

އަންނަ ހުކުރު ދުވަހު ޕްރިމިއާކުރާ، ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ" އިންޑިއާގެ ސެންސަރުން ބޯޑުން ފާސްކޮށްނުދީގެން ފަސްކުރަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ޕްރިމިއާކުރާ، ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ" އިންޑިއާގެ ސެންސަރުން ބޯޑުން ފާސްކޮށްނުދީގެން ފަސްކުރަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ވެސް ވަނީ މި ފިލްމު ހުކުރު ދުވަހު ރިލީޒް ނުކުރާނެ ކަމަށް ބުނެފަ އެވެ. ތާރީހެއް ނެތް ގޮތަށް ފިލްމުގެ ޕްރިމިއާ ފަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ކަންގަނާގެ ޓީމުން އަދި މިހާތަނަށް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ހުކުރު ދުވަހު އެ ފިލްމު ޕްރިމިއާ ނުކުރެވެނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ނުވަތަ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްނުދީގެންނެވެ. ކަންގަނާ ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކަށް އެކަން ކަށަވަރު ކޮށްދީފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ވެސް ކަމަށްވާ ކަންގަނާ އޭރު ބުނީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދެނީ އެ ފިލްމާ ގުޅިގެން ބޯޑުގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ލިބެމުންދާތީ ކަމަށެވެ.

"އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެކެވެ. އެ ފިލްމުގައި އިންދިރާގެ ރޯލު ކުޅެނީ ކަންގަނާ އެވެ. އިންދިރާއަކީ އިންޑިއާގެ ސިޔާސީ މައިދާނުގައި އާންމުންގެ މެދުގައި ހިޔާލު ދެކަފިވެފައިވާ ޝަހުސިއްޔަތަކެވެ. އޭނާއަށް ނަފުރަތު ކުރާ ގިނަ ބަޔަކު ވެސް އުޅެ އެވެ.

"އިމަޖެންސީ" ޑައިރެކްޓުކުރީ ވެސް ކަންގަނާ އަމިއްލައަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާ ފިލްމްސްއިން ޕްރޮޑިއުސްކުރި މި ފިލްމުގެ އިތުރު މުހިންމު ރޯލުތައް ކުޅުނީ އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި ސަތީޝް ކޯޝިކް އެވެ.