ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭތޯ، އަންނަ އާދީއްތަ ދުވަހަށް ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.
02 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭތޯ، އަންނަ އާދީއްތަ ދުވަހަށް ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވާ އިރު، އެ ގަރާރު މި ހަފްތާގައި ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރި ނަމަވެސް، މިއަދުގެ ޖަލްސާއަށް ވެސް އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
އެއާ އެކު، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ އާދީއްތަ ދުވަހަށް ވެސް ޖަލްސާއެއް ބާއްވަން ތާވަލުކޮށް، ނަޝީދު ވަކި ކުރުމުގެ ގަރާރު އެޖެންޑާކޮށްފަ އެވެ. އެކަމަކު އެ ދުވަހު ވެސް ޖަލްސާ ކުރިއަށް ގެންދެވޭނީ، އީވާ ވަޑައިގެންފި ނަމަ އެވެ.
އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ނިންމައިފައިވާތީ އެވެ.
އެކަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ގަބޫލުނުކޮށް، އެ ޕާޓީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފަ އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.
އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ.
އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށަން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފަ އެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގޮސް، މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލު ތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
ނަޝީދުގެ ގަރާރު މާދަމާ އަށް ވެސް އެޖެންޑާކޮށްފި
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!
އީވާ ސަލާން، މިއަދުގެ ޖަލްސާ ވެސް ކެންސަލް
އެމްޑީޕީން ބުނީ އީވާ ރިޔާސަތަށް "ފިއްލެވީ" ކަމަށް