Roadha Mihaaru
ފަނޑިޔާރު ޝަކީލް ރިޓަޔާކޮށްދެނީ ސިއްހީ ސަބަބުތަކާހެދި

ފަނޑިޔާރު ޝަކީލް ރިޓަޔާވާން ފުރުސަތު ދިނީ ސިއްހީ ސަބަބުތަކާ ހެދި: ޖޭއެސްސީ

02 ނޮވެމްބަރ 2023

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާވެ ވަޑައިގަތުމަށް ފުރުސަތު ދޭން ނިންމީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާވެ ވަޑައިގަތުމަށް ފުރުސަތު ދޭން ނިންމީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނަވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަކީލް އައްޔަންކުރީ މިދިޔަ މާޗް މަހު އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވުމުން އެ ފުރުސަތު ދޭން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރު ޝަކީލް ރިޓަޔާވެ ވަޑައިގަތުމަށް ފުރުސަތު ދޭން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުން ދީފައިވާ ލަފާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އެގޮތުން ހިތުގެ ބައްޔެއްގެ ވާހަކަ އެ ބަޔާނުގައިވެ އެވެ. އަދި ފަނޑިޔާރު ޝަކީލަކީ ޝަރުއީ ދާއިރާ އަށް 20 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ޖޭއެސްސީން ބުނިގޮތުގައި ސިއްހީ ސަބަބުތަކުގެ މީގެކުރިން ވެސް ފަނޑިޔާރުން ރިޓަޔާވުމަށް ފުރުސަތު ދީފައިވާނެ އެވެ.

ސިއްހީ ސަބަބުތަކަށްޓަކައި ރިޓަޔާވާން އެދުމުގެ ފުރުސަތު ފަނޑިޔާރުންނަށް އޮވެ އެވެ. މީގެކުރިން ވެސް ބައެއް ފަނޑިޔާރުން އެގޮތަށް ރިޓަޔާވާން ފުރުސަތު ދީފައިވެ އެވެ.

ފަނޑިޔާރު ޝަކީލަކީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.