Roadha Mihaaru
ހައި ކޯޓުގެ ފަނޑިޔާރަކަށް ޝަކީލް އައްޔަން ކުރަނީ

ހައި ކޯޓުގެ ފަނޑިޔާރަކަށް ޝަކީލް އައްޔަންކުރަން ނިންމައިފި

06 މާޗް 2023

ހައި ކޯޓުގެ ފަނޑިޔާރުކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް އައްޔަން ކުރަން ޖޭއެސްސީން އިއްޔެ ނިންމައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް އައްޔަން ކުރަން ޖޭއެސްސީން އިއްޔެ ނިންމައިފި އެވެ.

ޝަކީލް، ހައި ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން މިއަދު ބުނިގޮތުގައި ހައި ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ ކުރިމަތިލުމުން "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށް ފަހު އެވެ.

ޝަކީލަކީ މަނީލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވި ފަނޑިޔާރެވެ.

އޭނާ ފަނޑިޔާރުކަމަށް އައްޔަންކުރީ މާޗް 23، 2003 ގަ އެވެ. ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހައްދަވާފައިވާ ޝަކީލް ވަނީ މިދިޔަ 19 އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިތުރުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައި ކޯޓުގެ އިތުރުން ސުޕީރިއާ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް އައްޔަން ކުރާނެ ފަނޑިޔާރުން ޖޭއެސްސީން ވަނީ ކަނޑައަޅައިފަ އެވެ. އެ ބޭފުޅުން ކަނޑައެޅީ ވެސް އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އެ ކަމަށް ކުރިމަތިލުމުން އިންޓަވިއު ކުރުމަށް ފަހު ކަމަށް ޖޭއެސްސީން ބުންޏެވެ.

ކޯޓުތަކަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރުން އޮންނާނީ އެ ކޮމިޝަނުން ބުނިގޮތުގައި މި މަހުގެ 13 ވަނަ ދުވަހު އެވެ.