Roadha Mihaaru
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ

ހަތަރު ޔޫޓިލިޓީ ކުންފުނީގެ ޖުމްލަ ދަރަނި 9 ބިލިއަން ރުފިޔާ އަށް އަރާ

02 ނޮވެމްބަރ 2023

ޔޫޓިލިޓީ ހިދުމަތްތައް ދޭ ސަރުކާރުގެ ހަތަރު ކުންފުނީގެ ވެސް މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި އެ ކުންފުނިތަކުގެ ޖުމްލަ ދަރަނީގެ އަދަދު ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޔޫޓިލިޓީ ހިދުމަތްތައް ދޭ ސަރުކާރުގެ ހަތަރު ކުންފުނީގެ ވެސް މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި އެ ކުންފުނިތަކުގެ ޖުމްލަ ދަރަނީގެ އަދަދު ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފި އެވެ.

ޔުޓިލިޓީ ހިދުމަތްތައް ދެނީ ސަރުކާރުގެ ހަތަރު ކުންފުންޏެއް ކަމަށްވާ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ވެމްކޯ މެދުވެރިކޮށެވެ. އެ ކުންފުނިތަކުގެ މާލީ އަދި ދަރަނީގެ ހާލަތާ ގުޅިގެން އިންތިހާބީ ރައީސް އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، ހައްލު ކުރަން ގެންގުޅޭނެ ވިސްނުންތައް ހާމަކުރި އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ސްޓެލްކޯގެ ޖުމްލަ ދަރަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ހުއްޓަސް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާތީ، މާލީ ހާލަތު އެހާ ގޯސް ނޫން ކަމަށް ފިރުޒުލް ވިދާޅުވި އެވެ. ނަމަވެސް، އަންނަ އަހަރު 185 މިލިއަން ރުފިޔާ ދައްކަން އޮތްއިރު، އެ ދަރަނި ކުންފުނީގެ ފައިސާ އިން ދެއްކޭނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުން ސްޓެލްކޯ އަށް ފައިސާ ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ކަރަންޓު ބޭނުންކުރާ މިންވަރުގެ ޕީކް ސީޒަނަށް ވާންޖެހޭ ތައްޔާރީތައް ރަނގަޅަށް ކުރިއަށް ނުދާކަން ވެސް ސްޓްލެކޯ އިން ދިން މައުލޫމާތުން ފާހަގަކުރެވެ އެވެ. ކެޕޭސިޓީ އިތުރު ކުރަން ޖެންސެޓްތަކާ އެކު ދެން ބޭނުންވާ އެހެން ސާމާނުތަކަށް އޯޑަރު ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަރަނީގެ 1.4 ބިލިއަން ރުފިޔާ އެބަ އޮތެވެ. އެއީ އެކިއެކި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 137 މިލިއަން ރުފިޔާ އާއި ކްރެޑިޓުންނަށް ދޭން ޖެހޭ 822 މިލިއަން ރުފިޔާ އަދި ލޯނުތަކަށް ނަގާފައިވާ 493 މިލިއަން ރުފިޔާ އެވެ.

ފިރުޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީން ކޮށް ނިންމައި ބިލްކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 375 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އޭގެ ސަބަބުން ކޭޝް ފްލޯ އަށް ދަތިވެ ޑިވިޑެންޑުތައް ދެއްކުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖްކުރާ، ވެމްކޯގެ ހާލަތުގެ ތަފްސީލް ދެއްވަމުން ފިރުޒުލް ވިދާޅުވީ، އެ ކުންފުނީގެ ދަރަނީގެ ޖުމްލަ އަދަދަކީ 226 މިލިއަން ރުފިޔާ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ސަރުކާރުން ކުންފުންޏަށް ފައިސާ ދެމުންދާއިރު، ކުންފުންޏަށް އަހަރުން އަހަރަށް ގެއްލުންވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ފިރުޒުލް: ދަރަނީގެ ޖުމްލަ އަދަދު 9 ބިލިއަނަށް އަރާ ކަމަށް ވިދާޅުވި.

ފިރުޒުލް: ދަރަނީގެ ޖުމްލަ އަދަދު 9 ބިލިއަނަށް އަރާ ކަމަށް ވިދާޅުވި.

މީގެއިތުރުން ކުންފުނީގެ ބިޒްނެސް ޑިވެލޮޕްމެންޓް ޕްލޭނެއް ނެތް ކަމަށާއި 2020 ވަނަ އަހަރުން ފެށިގެން އޮޑިޓް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަނުގެ އިންވެންޓްރީ އާއި ސްޓޮކް ވެސް ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމަށް ހާމަކުރެއްވި އެވެ. ބައެއް ވެހިކަލްތައް ވެސް ބާވެ، މަރާމާތު ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސްކޮށް އޮތީ ފިރުޒުލް ހާމަކުރެއްވި މައުލޫމާތުން އެނގޭ ގޮތުގައި ގިނަ ރަށްތަކެއްގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އެވެ.

- ޖުމްލަ ދަރަނި: 4.1 ބިލިއަން ރުފިޔާ

- އެކިއެކި ސަޕްލަޔަރުންނަށް: 3.2 ބިލިއަން ރުފިޔާ

- ލޯނުތަކަށް: 901 މިލިއަން ރުފިޔާ

ފިރުޒުލް ހާމަކުރެއްވި ގޮތުގައި ސަޕްލަޔަރުންނަށް ދައްކާ ޖެހޭ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާ އަކީ ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް އެއް އަހަރަށްވުރެ އިތުރުވެފައިވާ ފައިސާ ކަމަށެވެ. އެއީ ފައިސާ ލިބެންޖެހޭ 1149 ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ބަޖެޓް ބެލެހެއްޓުން ވެސް ރަނގަޅަށް ކުރިއަށް ގެންގޮސްފައިނުވާކަމަށް ފިރުޒުލް ވިދާޅުވި އެވެ. މިދިޔަ އަހަރު ކުންފުނީގެ ބަޖެޓް ފާސްކޮށްފައިވަނީ ފިރުޒުލް ވިދާޅުވި ގޮތުގައި ދަރަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި މި އަހަރުގެ ބަޖެޓްގައި 960 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ނަމަވެސް، ދަރަނި މެނޭޖްކުރާނެ ގޮތެއް ފާސްކޮށްފައި ނެތް ކަމަށާއި އެއަށް ބެލުމެއް ނެތި ހަރަދުތައް ކޮށްފައިވާ ގޮތުން މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. ދަރަނިތައް ދެއްކުމަށް އިންޓްރެސްޓް ވަރަށް ބޮޑުކޮށް ލޯނުތައް ނަގާފައިވާ އިރު، 2022 ވަނަ އަހަރު ފެނަކައިގެ އޮޑިޓް ފުރިހަމަ ކޮށްފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅު ކުރަން ގެންގުޅޭ ހައްލުތައް ވެސް ފިރުޒުލް މިއަދު ވަނީ ވިދާޅުވެދެއްވާފަ އެވެ.

ފިރުޒުލް ވިދާޅުވީ ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށާއި އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަމަށެވެ.

ނަމަވެސް، އޭގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ފިރުޒުލް ވިދާޅުވީ އޮނިގަނޑަށް ބަދަލު ގެންނަން ވިސްނަމުން ދިޔަ ނަމަވެސް، އޭގެ ތެރޭގައި އެއްވެސް ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކުންފުނިތަކެއްގެ ގޮތުގައި ހިިންގަންޖެހޭ ތަންތަން ކަމަށާއި ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ އިތުރުން ލިބޭ އާމްދަނީން މެނޭޖް ކުރެވޭނެ ތަންތަނަށް ހަދަން ޖެހޭ ކަމަށެވެ.

ކުންފުނިތަކުގެ މާލީ އަދި އިދާރީ އެޑްމިނިސްޓްރޭޝަން ރަނގަޅު ކުރެވިއްޖެނަމަ، ކުންފުނިތަކުގެ ހާލަތަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އެހެންކަމުން، ކުންފުނިތަކުން އެކި ކަންކަމުގައި ގެންގުޅޭ ހަމަތައް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.