މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
14 މެއި 2025
މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވެސް ކުޑަ އަގުތަކެއްގައި ކައުންސިލުން ކުއްޔަށް ތަންތަން ދޫކޮށްފައިވާ ކަމަށެވެ. އެ ތަންތަނުގެ ކުލި ދެއްކި ނަމަވެސް ފެން ބިލާއި ކަރަންޓު ބިލު ނުދައްކާ މީހުން ވަރަށް ގިނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގައި ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ކަރަންޓް ބިލަށް ނުދައްކާ ހުރި އަދަދު 723،000ރ. އަށް އަރާ ކަމަށެވެ. އަދި ވިލިމާލެއިން ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓު ބިލަށް 172،000ރ. ނުދައްކާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް، ކައުންސިލްގެ ބައްދަލުވުމެއްގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މީގެ އިތުރުން މާލެއިން ދޫކޮށްފައި ހުރި ތަންތަނުން ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 309،000ރ. އަށްވުރެ މަތި ކަމަށާއި އަދި ވިލިމާލޭގައި ދޫކޮށްފައި ހުރި ތަންތަނުން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެން ބިލްތަކަށް ނުދައްކާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ އެތައް އަހަރެއް ވީއިރު ވެސް އަޅާނުލައި ދޫކޮށްލުމުން އަރާފައި ހުރި އަދަދުތަކެއް ކަން ފާހަގަ ކުރައްވައި، މޭޔަރު ވިދާޅުވީ އެ ތަންތަނުން ފެނާއި ކަރަންޓްގެ ހިދުމަތް މިހާތަނަށް އައިއިރު ވެސް ކަނޑާލާފައިނުވާ ކަމަށެވެ.
"މިއީ އެންމެ ދުވަހެއްގެ ކަމެއް ނޫން. އެތައް ޒަމާނެއްގެ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ) ކަންބޮޑުވުން ފާޅު ކުރެއްވީ ކައުންސިލުން ކުއްޔަށް ދޭ ތަންތަނާއި އެތަންތަން ކުއްޔަށް ނަގާ މީހުންގެ މައުލޫމާތު ނުލިބޭތީ އާއި އާންމު ނުކުރާތީ އެވެ.
"އެކި ގޮތްގޮތުން އެކި މުނާސަބަތުގައި އަޅުގަނޑު ދަންނަވައިފިން، ފްލޯގަ ވެސް ކޮމެޓީތަކުގައި ވެސް މިތަނުން [މާލެ ސިޓީ ކައުންސިލުން] ކުއްޔަށް ދީފައި ހުރި ހުރިހާ ތަނަކީ މިއީ ބޮޑު ސިއްރެއް ނޫނޭ. އަދި ދީފައި ހުރި އަދަދުތަކާއި ދީފައި ހުރި މުއްދަތުތަކާއި އެ ދޫކޮށްފައި ހުރި މީހުންނަކީ ވެސް ދައުލަތުގެ ބޮޑު ސިއްރެއް ނޫނޭ. އެއީ އަޅުގަނޑުމެން ހާމަ ކުރަން ޖެހޭނެ އެއްޗެއް،" ސައިފް ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ)
އޭނާ ވިދާޅުވީ ކައުންސިލް މެމްބަރުކަމުގައި އޭނާ އުޅުއްވި ހަތަރު އަހަރު ތެރޭގައި ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަން ނޭނގޭ ކަމަށެވެ.
އާޒިމް ވިދާޅުވީ މީގެ ކުރިން ހުރީ އެ ކަންކަން އެއްވެސް ވަރަކަށް ނުބަލައި ދޫކޮށްލާފައި ކަމަށެވެ. އެހެންވެ، މައުލޫމާތު ލިބޭ މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުލި ނުދައްކާ 10 އަހަރު ވެފައި ހުރި ތަންތަން ވެސް އެބަހުރި. އެ ބޭފުޅުން އެބަ އާދޭ މުއްދަތު އިތުރު ކުރަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޔާއި ފެން ބިލާއި ކަރަންޓް ބިލު ނުދައްކާ ހުރި ތަންތަން ފާހަގަކޮށް، އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު ބިލުތަކުގެ އެ ފައިސާ ހޯދުމަށް ސްޓެލްކޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ކައުންސިލުން އެންގިގޮތަށް މަގު ހުހެއް ނުކުރެވޭނެ: ޝާހް
ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވައިލަން އަންގައިފި
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
އީދަށް މަގުތައް ދިއްލަން ލައިޓް ހަރުކުރަން ފަށައިފި
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ފެންބޮޑުވުން ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް!
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ
ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލުކުރަން ވިސްނަނީ
މަގުކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްފި