Roadha Mihaaru
ނިއުކާސަލްއިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއްނުކުރި

ނިއުކާސަލް އިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއް ނުކުރި

05 ނޮވެމްބަރ 2023

ނިއުކާސަލް (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އިން 1-0 އިން އާސެނަލް ބަލިކުރަން ޖެހި ގޯލަކީ ސައްހަ ގޯލެއް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ގަބޫލު ނުކުރާކަމަށް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއުކާސަލް (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އިން 1-0 އިން އާސެނަލް ބަލިކުރަން ޖެހި ގޯލަކީ ސައްހަ ގޯލެއް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ގަބޫލު ނުކުރާކަމަށް ބުނެފި އެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމު މޮޅުވި ގޯލު 64 ވަނަ މިނިޓުގައި ޖަހައިދިނީ އެންތޮނީ ގޯޑޮން އެވެ. ރެފްރީ މި ގޯލު ބަލައިގަތީ ވެސް ދިގު ވީއޭއާރު ރިވިއުއަކަށް ފަހު އެވެ.

ވީއޭއާރު ރިވިއުގައި ތިން ކަމަކަށް ބަލައިފައި ވެއެވެ. ޖޯ ވިލޮކް ގޯލު ކުރިމައްޗަށް ބޯޅަ ހުރަސް ކުރީ ޖޭކޮބް މާފީ ދިން ބޯޅަ ގޯލް ކިކަކަށް ބޭރުވެފައި އޮއްވައި ކުޅުމުގެ ތެރެއަށް ގެނެސްގެންތޯ އާއި، އެ ބޯޅަ ބޮލުން ޖަހަން މަސައްކަތް ކުރި ޖޮއެލިންޓަން، އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އަށް ފައުލްކުރިތޯ އަދި އެވަގުތު ބޯޅަ ގޯލަށް ފޮނުވާލި ގޯޑޮން އޮފްސައިޑްތޯ ވެސް ބެލި އެވެ.

"އެއްވެސް ހާލެއްގައި އެއީ ގޯލެއް ނޫން. މެޗުގެ ނަތީޖާ ސައްހައެއް ނޫން. އަހަރެމެން ބަދުނާމު ކޮށްލައިފި. ހިނގާފައި ވަނީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" މެޗަށް ފަހު ހިތްހަމަ ނުޖެހިފައި ހުރި އާޓެޓާ ބުންޏެވެ.

"އަހަރެން 20 އަހަރަށް ވުރެ ގިނަ ދުވަހު މި ގައުމުގައި އުޅެފިން، އެކަމަކު މި ފެންވަރަށް ދިޔައީމައި މިއީ ދުނިޔޭގެ އެންމެ މޮޅު ލީގޭ ބުނެވޭ ފެންވަރެއް ނެތް. މިއީ ޕްރިމިއާ ލީގުގައި ގޯލެއް ކަމަށް ނިންމުން އަހަރެން ވަރަށް ލަދުގަނެއްޖެ."

އާސެނަލްގެ ފޯވާޑް ކައި ހަވާޓްޒް، ނިއުކާސަލްގެ ޝޯން ލޯންގްސްޓާފަށް ކުރި ނުރައްކާތެރި ފައުލަށް ރަތް ކާޑެއް ނުލިބި ސަލާމަތްވިއިރު، އެކަމާ ނިއުކާސަލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ. އޭގެ ފަހުން އާސެނަލްގެ ކުޅުންތެރިން ވެސް ވަނީ ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ގަސްތުގައި އުޅަނބޮށިން، ޖޯޖީނިއޯ ބޮލުގައި ޖެހުމުން ރަތް ކާޑެއް ނުދެއްކުމުން ޝަކުވާ ކޮށްފަ އެވެ.

މި ނަތީޖާއާ އެކު 24 ޕޮއިންޓް ލިބިފައިވާ އާސެނަލް ވަނީ ތިންވަނައަށް ވެއްޓިފަ އެވެ. އާސެނަލް އަށްވުރެ އެއް މެޗު މަދުން ކުޅެގެން 23 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް މިރޭ 9:30 ގައި ލޫޓަން ޓައުންއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި 22 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް އެސްޓަން ވިލާ މިރޭ 7 ޖަހާއިރު ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.