Roadha Mihaaru
އާ ސަހަރާ މަޝްރޫއުގެ އެގްރީމެންޓު ބާތިލްކޮށްފި

އާ ސަހަރާގެ މަޝްރޫއަށް 3.6 މިލިއަން ރުފިޔާ ދޫކުރި ފަހުން އެއްބަސްވުް ބާތިލްކޮށްފި

05 ނޮވެމްބަރ 2023

އިތުރު މުއްދަތު ދީގެން ވެސް އާ ސަހަރާ ތަރައްގީ ކުރުމުގެ މަސައްކަތްަތއް ކުރިއަށް ނުގެންދާތީ އެ މަޝްރޫއުގެ އެއްބަސްވުން މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިތުރު މުއްދަތު ދީގެން ވެސް އާ ސަހަރާ ތަރައްގީ ކުރުމުގެ މަސައްކަތްަތއް ކުރިއަށް ނުގެންދާތީ އެ މަޝްރޫއުގެ އެއްބަސްވުން މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފި އެވެ.

އާ ސަރަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަން ދުވަހު އެވެ. އެ މަސައްކަތް ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ.

އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާ އަށް ބައެއް މެންބަރުން ހުށަހެޅުއްވުމުން، މަޝްރޫއުގެ އިސްކޮށް އުޅުއްވި އެ ކައުންސިލްގެ އިދާރީ މުވައްޒަފު ހާޒިރުކޮށް ސުވާލުކުރި އެވެ.

"ޕްރޮޖެކްޓް ޓާމިނޭޓު ކުރެވުނީ އެކި މުއްދަތުތަކެއް ވާހަކަ ދައްކައިގެން ދީފައި ކުރިއަށް ނުދާތީ، މަސައްކަތް ކުރިއަށް ނުދަނީ ކޮން ސަބަބަކާ މެދު ކަމެއް އެ މީހުންނަށް ނުދެއްކުނު،" އެ މުވައްޒަފު ބުންޏެވެ.

ކައުންސިލްގެ ބައްދަލުވުމުގައި އޭނާ ބުނިގޮތުގައި، ބާތިލް ކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު، މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާ އެވެ.

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ މަޝްރޫއުގެ އެގްރީމެންޓު ވަނީ ބާތިލްކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ މަޝްރޫއުގެ އެގްރީމެންޓު ވަނީ ބާތިލްކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޝްރޫއު ހަވާލުކުރުމަށް ފަހު ސްޓަރްކަޗަރަލް ކުރެހުންތަކާ އެކު، ގިނަ ބަދަލުތަކެއް ޕްލޭނަށް ވަނީ ގެނެސްފަ އެވެ. މަޝްރޫއު ބާތިލް ކުރިއިރު، ފުރަތަމަ އޮތް ޕްލޭންގެ 76 ޕަސެންޓު ނިމިފައި ވެ އެވެ. އެކަމަކު، ފަހުން ގެނައި ބަދަލުތަކާ އެކު، އޭރު މުޅި މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 45 ޕަސެންޓު ކަމަށް މުވައްޒަފު ބުންޏެވެ.

މައްސަލަ ދިގުލައިގެން ދިޔަ ބައެއް ސަބަބުތައް އޭނާ ވަނީ އެ ޖަލްސާގައި ހިއްސާކޮށްފަ އެވެ. ކަންމަތީގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނުނެގި 13 ދުވަސް، ޑިޒައިން ބަދަލުކުރަން 10 ދުވަސް، އެމްޑަބްލިޔުއެސްސީގެ ޕަމްޕެއްގެ ބޯހޯލް މަސައްކަތް ނުކުރެވި 21 ދުވަސް އަދި ކަންމަތީގައި ހުރި ސްޓެލްކޯގެ ކަރަންޓު ފޮށްޓެއް ނުނެގި އެ ތަން ތަޅާނުލެވި ގިނަ ދުވަސްތަކެއް ވި ކަމަށް އޭނާ ބުންޏެވެ. ކަރަންޓު ފޮށީގެ މަސައްކަތް އަދިވެސް ހައްލު ނުވެ އެވެ.

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ މަޝްރޫއުގެ އެގްރީމެންޓު ވަނީ ބާތިލްކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ މަޝްރޫއުގެ އެގްރީމެންޓު ވަނީ ބާތިލްކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު" އަށް ލިބުނު މި މަޝްރޫއުގެ ޓާމިނޭޝަން ރިޕޯޓުގައިވާ ގޮތުން މި ސަބަބުތަކާ ގުޅިގެން ލަސްވާތީ، މަސައްކަތް ނިންމުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރު މުއްދަތެއް ދިނެވެ.

ރިޕޯޓުން އެނގޭ ގޮތުގައި، ބާ އިމާރާތް ތަޅާލުމާއި އާ މިސްކިތުގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ހިނަވާގެ އާއި އެ ތަނުގައި ގާއިމްކުރާ ލައުންޖުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ތަން ތަޅާލުމުގެ މަސައްކަތަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.