Roadha Mihaaru
އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި

އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި

27 ޑިސެމްބަރ 2023

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖުގެ މަސައްކަތްތައް އެހެން ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖުގެ މަސައްކަތްތައް އެހެން ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލްކުރީ އެވެ. އެކަމަކު، އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އާ ސަހަރާގައި ލައުންޖުތައް ހަދަން މި ފަހަރު ހަވާލުކުރީ އެހެން ކުންފުންޏަކާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ ނަމާއި އެ މަސައްކަތް ހަވާލުކުރި ގޮތާއި މުއްދަތު އަދި މަޝްރޫއުގެ އަގެއް ސާފެއް ނުވި އެވެ. މާލެ ސިޓީ ކައުންސިލްގެ އިދާރާ އަށް މެއިލް ކުރި ސުވާލުތަކަށް ވެސް ޖަވާބެއް ނުލިބުނެވެ.

ސިޓީ ކައުންސިލުން ފަހުން ހަވާލުކުރި ކުންފުނިން އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.

ސިޓީ ކައުންސިލުން ފަހުން ހަވާލުކުރި ކުންފުނިން އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.

ކައުންސިލުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި، އެ އިދާރާގެ މުވައްޒަފަކު ވިދާޅުވީ، އެއްބަސްވުން ބާތިލްކުރިއިރު ޕީއެންސީ މޯލްޑިވްސްއަށް ދޫކުރީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު، މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާ އެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ފަހު ސްޓަރްކަޗަރަލް ކުރެހުންތަކާ އެކު، ގިނަ ބަދަލުތަކެއް ޕްލޭނަށް ގެނެސްފައި ވެ އެވެ. މަޝްރޫއު ބާތިލް ކުރިއިރު، ފުރަތަމަ އޮތް ޕްލޭންގެ 76 ޕަސެންޓު ނިމިފައި ވެ އެވެ. އެކަމަކު، ފަހުން ގެނައި ބަދަލުތަކާ އެކު، އޭރު މުޅި މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 45 ޕަސެންޓު ކަމަށް އެ މުވައްޒަފު ވިދާޅުވި އެވެ. ބާ އިމާރާތް ތަޅާލުމާއި އާ މިސްކިތުގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ހިނަވާގެ އާއި އެ ތަނުގައި ގާއިމްކުރާ ލައުންޖުގެ އެއްވެސް މަސައްކަތެއް އޭރު ނުފެށުނެވެ.