Roadha Mihaaru
މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށްގެން

މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށްގެން

02 އޯގަސްޓް 2020

މާލޭގައި ކުރާ ކަށު ނަމާދުތައް ގައިދުރުކޮށްގެން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލޭގައި ކުރާ ކަށު ނަމާދުތައް ގައިދުރުކޮށްގެން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އާންމު ކުރި އިއުލާނުގައި ވަނީ މާލެ ސަރަހައްދުގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާނެ ގޮތުގެ ތަފްސީލްތައް ހާމަކޮށްފަ އެވެ. އެގޮތުން ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ހުޅުމާލެ ސަހަރާ ގޯތިތެރޭގަ އެވެ.

އެ ނޫން ގޮތްގޮތަށް މާލެ ސަރަހައްދުގައި މަރުވާ އެންމެންގެ ވެސް ކަށު ނަމާދުކުރުމަށް ހަމަޖައްސާފައި ވަނީ އާސަހަރާ މިސްކިތުގަ އެވެ. ސިޓީ ކައުންސިލުން ބުނީ އެއްވެސް ނަމާދު ގަޑިއެއްގައި ޖަމާއަތުގައި ކަށު ނަމާދު ނުކުރެވޭނެ ކަމަށާއި، ކަށު ނަމާދު ކުރެވޭނީ ފަރުޟު ނަމާދަށް ބަންގޮ ގޮވާތާ ބައި ގަޑިއިރު ފަހުން ކަމަށެވެ. ކަށު ނަމާދުގައި ބައިވެރިވާ މީހުން ސަފުތައް ހަދަންވާނީ ގައިދުރުކޮށްގެން ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރަށް މިހަކު މަރުވުމުން ވީ އެންމެ އަވަހަކަށް ވަޅުލުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ. ކައުންސިލުން ބުނީ މައްޔިތާ އާސަހަރާއަށް ގެންދިއުމަށްފަހު ހިނަވާގޭގައި ބޭއްވޭނީ ގިނަވެގެން ތިން ގަޑި އިރުވަންދެން ކަމަށެވެ. އަދި މޫނު ބަލައި ކަށުކަމާކެމީގައި ބައިވެރިވާން ދާ މީހުން ވެސް އެ ސަރަހައްދުގައި އުޅޭ އިރު ގައިދުރުކޮށް، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އުޅުމަށް ވަނީ އަންގައިފަ އެވެ.

ކަށު ނަމާދުގައި ގައިދުރުކުރުމަށް ކައުންސިލުން އެންގި ނަމަވެސް މާލޭގައި ކުރާ އެހެން އެއްވެސް ނަމާދެއްގައި ގައިދުރެއް ނުކުރެ އެވެ. ބޮޑު ޖަމާއަތްތައް ފެންނަ ހުކުރު ނަމާދައި އީދު ނަމާދުގައި ވެސް ސަފުތައް ހަދާފައި ވަނީ އާންމުކޮށް ސަފު ހަދާ އުސޫލުންނެވެ.