Roadha Mihaaru
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް

އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް

09 ނޮވެމްބަރ 2023

އިޒްރޭލުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހަކީ، ޔަހޫދީ ދައުލަތުގެ ބޯ މައްޗަށް އުޑު ވެއްޓުނު ދުވަހެވެ. އެ ދުވަހު ހެނދުނު އިޒްރޭލުގެ ގިނަ މީހުން ނިދައި ނުހޭލަނީސް، ޣައްޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށް ޣައްޒާގެ މުޖާހިދުން އަރައިގަނެ ދިން ކުއްލި ހަމަލާގައި 1400 އަށް ވުރެ ގިނަ މީހުން މަރާލައި، 200 އަށް ވުރެ ގިނަ ސިފައިން ރަހީނު ކުރި ޚަބަރު، ގިނަ ޔަހޫދީންނަށް ގަބޫލެއް ނުކުރެވުނެވެ.

އިޒްރޭލުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހަކީ، ޔަހޫދީ ދައުލަތުގެ ބޯ މައްޗަށް އުޑު ވެއްޓުނު ދުވަހެވެ. އެ ދުވަހު ހެނދުނު އިޒްރޭލުގެ ގިނަ މީހުން ނިދައި ނުހޭލަނީސް، ޣައްޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށް ޣައްޒާގެ މުޖާހިދުން އަރައިގަނެ ދިން ކުއްލި ހަމަލާގައި 1400 އަށް ވުރެ ގިނަ މީހުން މަރާލައި، 200 އަށް ވުރެ ގިނަ ސިފައިން ރަހީނު ކުރި ޚަބަރު، ގިނަ ޔަހޫދީންނަށް ގަބޫލެއް ނުކުރެވުނެވެ.

އެ ހާދިސާގެ ޚަބަރު އިޒްރޭލުގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކާއި ނޫސްތަކުން އާންމު ކުރުމާއެކު، އިޒްރޭލު ސަރުކާރުން މަސައްކަތް ކުރީ، ހުރިހާ ކަމެއް ވެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގައިވާ ކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ނަމަވެސް، ހަމާސް ޖަމާއަތުގެ ޓީވީ ޗެނަލް އަލްއަގްސާ އާއި އަލް ޖަޒީރާ ޓީވީ ޗެނަލުން އާންމުކުރަން ފެށި މަންޒަރުތައް ފެންނަން ފެށުމުން، ހަގީގަތް އޮތީ އެ ގޮތަށް ނޫން ކަން އިޒްރޭލުގެ ރައްޔިތުންނަށް ހާމަވާން ފެށި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހާގާރީ އާންމުކުރާ މައުލޫމާތުގެ މައްޗަށް ބުރަވެގެން ތިއްބައި، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އިއްޒުއްދީނުލް ގައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ އާންމު ކުރާ މައުލޫމާތުން، އިޒްރޭލުގެ ރައްޔިތުންނަށް އޮޅުން އަރަ އެވެ.

ޑެނިއަލް ހާގާރީއާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ކަމެއްގެ މައުލޫމާތު ފަތުރާފައި ވަނިކޮށް، އަބޫ އުބައިދާއާ ހަވާލާދީ ހަމަ އެކަމުގެ މައުލޫމާތު ފެތުރިގެން ދާއިރު، ހަގީގަތް އޮތީ އެ ގޮތަށް ނޫންކަން އިޒްރޭލު ރައްޔިތުންނަށް ގަބޫލުކުރެވެ އެވެ. ސަބަބަކީ، އަބޫ އުބައިދާ އާންމުކުރާ މައުލޫމާތާ އެކު، ހަނގުރާމައިގެ މައިދާނުގައި އެކަން ހިނގައި ދިޔަ ގޮތުގެ ހަގީގީ މަންޒަރުތައް ވެސް އާންމުކުރާތީ އެވެ.

އެހެންކަމުން، ހަމާސް ޖަމާއަތާ ހަވާލާ ދީ، މީޑިއާތަކުން ފަތުރާ މައުލޫމާތަށް އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން ބޮޑުވި އެވެ. ވަކިން ޚާއްސަކޮށް އަބޫ އުބައިދާގެ ވާހަކަތަކަށް، އިޒްރޭލު ރައްޔިތުން ބުރަވާން ފެށި އެވެ.

ޖޯޑްންގެ އަސްކަރީ ތަޖުރިބާކާރެއް ކަމަށްވާ، ބްރިގޭޑިއާ (ރިޓަޔަޑް) ފާއިޒް އައްދުވައިރީ، އަލް ޖަޒީރާގައި ވިދާޅުވި ގޮތުގައި ގައްސާމް ބްރިގޭޑްގެ ފަރާތުން އާންމުކުރާ މައުލޫމާތުތައް މިހާރު ދުނިޔޭގެ ކޮންމެ ގައުމެއްގެ ސިޓީންރޫމާ ހަމައަށް ފޯރަ އެވެ. އެހެންކަމުން، ޣައްޒާގައި އިޒްރޭލު ސިފައިން ކަންކުރަމުން ދާ ގޮތާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް މިހާރު އޮޅުވައިލުމުގެ ޖާގައެއް ނެތެވެ.

އިޒްރޭލުގެ އަސްކަރީ މިތައް އުޅަނދު ހަލާކު ކޮށްލި ކަމަށް އަބޫ އުބައިދާ ބުނާ އިރު، އެ އުޅަނދުތަކަށް ހަމަލާ ދޭ މަންޒަރު ވެސް އާންމުކުރެ އެވެ. ހަމާސްގެ ހަނގުރާމަވެރިން ނުކުންނަ ތަންތަނާއި، އިޒްރޭލުގެ އުޅަނދުތަކަށް ހަމަލާ ދޭ ގޮތާއި، ހަނގުރާމައިގެ މައިދާނުގައި ކަން ހިނގާ ގޮތުގެ ހަގީގީ މަންޒަރުތަކުން އެނގެނީ، ހަނގުރާމައާ ބެހޭ ގޮތުން އިޒްރޭލުން ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމެވެ.

"ހަގާރީ ދައްކާ ވާހަކަ އާއި ހަނގުރާމައިގެ މައިދާނުގައި ކަން ހިނގާ ގޮތާއި އަދި އެކަމުން ނުކުންނަ ނަތީޖާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް. އަނެއްކާ އޭނާ އެ ބުނާ ކަންތައް އެ ގޮތުގައި ހިނގި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައެއް ނެތް،" ފާއިޒް އައްދުވައިރީ ވިދާޅުވި އެވެ.

ޣައްޒާގެ ބިމު އަޑީގައި ހުރި ހަމާސްގެ ގިނަ އަދަދެއްގެ ބިންގަރާސްތައް ހަލާކުކޮށްލެވިއްޖެ ކަމަށް އިޒްރޭލުން ބުނެފައި ވިޔަސް، ހަލާކުކޮށްލެވުނު އެންމެ ބިންގަރާހެއް ވެސް މިހާތަނަށް އަދި ނުދެއްކެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން މިހާތަނަށް ދައްކަމުން އަންނަނީ، ޣައްޒާގެ އުތުރުކޮޅުން ސުންނާފަތި ކޮށްލާފައިވާ ސަރަހައްދުގެ ތެރެއަށް ވަދެ ތިބި އިޒްރޭލު ސިފައިން، އެ ސަރަހައްދުގެ އެކި ތަންތަނުގައި ހިނގައި އުޅޭ މަންޒަރެވެ.

މިއާ ޚިލާފަށް، އަބޫ އުބައިދާގެ ފަރާތުން އާންމުކުރި ވީޑިއޯތަކުގައި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރާ މަންޒަރު ފެނެ އެވެ. އިޒްރޭލުގެ ޓޭންކުތަކާއި ސިފައިން އުފުލާ އުޅަނދުތަކަށް ހަމަލާދީ ގޮއްވައިލާ މަންޒަރު ފެނެ އެވެ. ބިންގަރާސްތަކުން ހަނގުރާމަވެރިން ނުކުމެ، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުގެ ކައިރިއަށް ގޮސް ހަމަލާ ދޭ މަންޒަރު ފެނެ އެވެ.

އަބޫ އުބައިދާ އިއްޔެ ބުނި ގޮތުގައި އަގްސާ ތޫފާންގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 136 އަސްކަރީ އުޅަނދު، ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލެވިއްޖެ އެވެ. އަދި އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން މަރައިލެވިއްޖެ އެވެ.

ފާއިޒް އައްދުވައިރީ ވިދާޅުވާ ގޮތުގައި ހަމާސް އިން އާންމުކުރި ވީޑިއޯތަކުގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް ދޭ ހަމަލާތަކާއި އެ ހަމަލާތަކުގައި ހުރި ބާރަށް ބަލާއިރު، އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު 450 އަށް ވުރެ މަދެއް ނުވާނެ އެވެ. ނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި އޮކްޓޫބަރު 27 ގައި އެއްގަމު ހަނގުރާމަ ފެށި ފަހުން މިހާތަނަށް މަރުވެފައިވަނީ 34 ސިފައިންނެވެ.

ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދީ ގޮއްވައިލި އުޅަނދުތަކުގެ ތެރޭގައި ސިފައިންގެ ބުލްޑޯޒަރުތަކާއި ސިފައިން އުފުލާ އުޅަނދުތަކާއި ޓޭންކުތައް ހިމެނެ އެވެ. ކޮންމެ ބުލްޑޯޒަރެއްގައި ދެ ސިފައިން، ސިފައިން އުފުލާ އުޅަނދެއްގައި 9-10 ސިފައިން އަދި ކޮންމެ ޓޭންކެއްގައި މަދުވެގެން 5 ސިފައިން ތިބޭ އިރު، ހަލާކުކޮށްލި އުޅަނދުތަކާ އެކު މަރުވި ސިފައިންގެ އަދަދު 34 އަށް ވުރެ އެތައް ގުނައެއް އިތުރުވާނެ އެވެ.

އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަނެ ޣައްޒާގެ އުތުރުކޮޅު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނާއިރު، ވައިގެ މަގުން ޣައްޒާގެ އުތުރަށް ދެމުންދާ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނާންނާތީ، އެ ވާހަކަ ވެސް ގަބޫލުކުރަން ދަތިވެ އެވެ. އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި ވެސް މިހާރު އުފެދިފައިވާ ސުވާލަކީ، ޣައްޒާގެ އުތުރު ސަރަހައްދު އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި އޮތް ކަމަށްވާ ނަމަ، އެ ސަރަހައްދަށް އެވަރަށް މިސައިލާއި ބޮމުގެ ހަމަލާތައް ދެނީ ކީއްވެ ހެއްޔެވެ؟

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 34 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10560 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26900 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 165 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2380 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.