Roadha Mihaaru
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު

ޣައްޒާގެ އާންމުން މެރުމަށް އެމެރިކާ އިން އިތުރު ހަތިޔާރު ފޮނުވަނީ

10 ޑިސެމްބަރ 2023

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމުން މެރުމަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ރައީސަށް ލިބިދޭ ޚާއްސަ އިޚްތިޔާރުގެ ދަށުން، ޓޭންކުގައި ބޭނުންކުރާ އުންޑަ އިޒްރޭލަށް ވިއްކުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމުން މެރުމަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ރައީސަށް ލިބިދޭ ޚާއްސަ އިޚްތިޔާރުގެ ދަށުން، ޓޭންކުގައި ބޭނުންކުރާ އުންޑަ އިޒްރޭލަށް ވިއްކުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ހަތިޔާރު އެކްސްޕޯޓްކުރުމާ ބެހޭ ގާނޫނުގެ ދަށުން އެމެރިކާގެ ރައީސަށް ލިބިދޭ ޚާއްސަ އިޚްތިޔާރުގެ ދަށުން ހަތިޔާރު ވިއްކާއިރު، ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ. އެ ބާރުގެ ބޭނުންކުރައްވައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމެވީ ޓޭންކުގައި ބޭނުންކުރާ ޒާތުގެ 14000 އުންޑަ އިޒްރޭލަށް ވިއްކުމަށެވެ.

އެމެރިކާ އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި ބާވަތުގެ 45000 އުންޑަ، އެމެރިކާ އިން އިޒްރޭލަށް ވިއްކާނެ އެވެ. މި އުންޑައަކީ އިޒްރޭލުގައި އުފައްދާފައިވާ އެންމެ ޒަމާނީ ޓޭންކު، މެރްކާވާ މަރުކާގެ ޓޭންކުތަކުގައި ބޭނުންކުރާ ބާވަތުގެ އުންޑަ އެވެ. އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާ އަށް އަރައިގަނެ ހިންގަމުންދާ އުދުވާނުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މެރްކާވާ މަރުކާގެ ޓޭންކުތަކެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ގަންނަން ބޭނުންވި 45000 އުންޑައިގެ ތެރެއިން 14000 އުންޑަ، އެމެރިކާގެ ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ވިއްކުމަށް ފަހު، ބާކީ 31000 އުންޑަ ވިއްކަން ހަމަޖެހިފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ފަހު އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފައިވާ ގޮތުގައި ކުއްލި ގޮތަކަށް އިޒްރޭލަށް އުންޑަތައް ވިއްކަން ޖެހުނީ، އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުންނެވެ.

ރައީސް ބައިޑެންގެ ސަރުކާރުން ބުނެފައިވަނީ އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލަށް ހަތިޔާރު ވިއްކުމުގައި އެއްވެސް ޝަރުތެއް ނެތް ކަމަށެވެ. އަދި މި ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން ވިއްކަމުންދާ ހަތިޔާރުގެ އަދަދު މަދުކުރުމަށް ނުވަތަ ވަކި ބާވަތެއްގެ ހަތިޔާރު ނުވިއްކުމަކަށް ވެސް އެމެރިކާ ސަރުކާރުން ނުނިންމަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ޣައްޒާ އަށް ދޭ ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިޒްރޭލަށް އަންގާފައިވާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނި ނަމަވެސް، އިޒްރޭލަށް ހަތިޔާރު ވިއްކުމުގައި އަމަލުކުރަނީ އެ ބުނުމާ ދިމާ އިދިކޮޅަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 65 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 48780 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8500 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.