Roadha Mihaaru
ސާޖިދާ އެމްއެފްޑީއޭގައި ދެމިހުންނަވަން ހުރަހެއް ނެތް

ސާޖިދާ އެމްއެފްޑީއޭގެ ވަޒީފާގައި ދެމިހުންނެވުމުގެ ގާނޫނީ ހުރަހެއް ނެތް: ސީއެސްސީ

13 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ފަހުން ވެސް، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިހާރު އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސްގެ ވަޒީފާގައި ދެމިހުންނެވުމުގެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދަވާއިރު، ސާޖިދާއަކީ އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު "މިހާރު" އަށް ވިދާޅުވީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ މިހާރު ވެސް އެކަމަނާ އަދާކުރައްވަމުން އަންނަ މަގާމުގައި ދެމިހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"[އިންތިހާބީ] ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު "މިހާރު" އަށް ކުރިން އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު "މިހާރު" އަށް ކުރިން އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ހުވާކުރައްވާ ފަހުން ވެސް އެމްއެފްޑީއޭގެ މަގާމުގައި ހުންނަވަން ބޭނުންވާ ކަމަށް "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ވެސް ސާޖިދާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ އަކީ ގާނޫނީ ވަކި ހައިސިއްޔަތެއް އޮންނަ މަގާމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ދައުލަތުން އެލަވަންސެއް ދޭން ޖެހެ އެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ މަހަކު 100،000ރ. އެވެ.

ރާއްޖޭގެ ފަސްޓް ލޭޑީން މިހާތަނަށް އިޖުތިމާއީ ގިނަ ޚިދުމަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އިޖުތިމާއީ ޚިދުމަތްތަކުގައި ރައްޔިތުން އެދޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސާޖިދާ ވެސް ވަނީ ދެެއްވައިފަ އެވެ.