Roadha Mihaaru
ދައުވާނުކޮށް ލަސްވާތީ މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި

ދައުވާ ނުކޮށް ހަތަރު މަސް ވުމުން މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި

09 އޮކްޓޯބަރ 2021

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރުން ލަސްވާތީ، އޭނާގެ ސަސްޕެންޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުވާލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރުން ލަސްވާތީ، އޭނާގެ ސަސްޕެންޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުވާލައްވައިފި އެވެ.

މިދިޔަ ޖޫން މަހު މަހްލޫފު މަގާމުން ސަސްޕެންޑްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

މަހްލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާ ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވިތާ މިއަދަށް ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާދަމާ ރަސްމީކޮށް ޔޫތު މިނިސްޓްރީ އަށް ނުކުންނަވާނެކަން ވެސް މަހްލޫފު މިހާރު ވަނީ އެ މިނިސްޓްރީ އަށް އަންގަވައިފަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން މަހްލޫފު މީޑިއާގައި އަދި ވާހަކައެއް ނުދައްކަވަ އެވެ.

އޭނާ ސަސްޕެންޝަންގައި ހުންނެވި މުއްދަތުގައި އެ މިިނިސްޓްރީ ހިންގެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ދާދި ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި މަހްލޫފު ސަސްޕެންޝަންގައި ހުންނެވީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މީގެ ކުރިން ވެސް މަހްލޫފު ސަސްޕެންޑްކުރި އެވެ. އެ މައްސަލައިގައި 2019 ގައި އޭނާ ސަސްޕެންޑް ކުރިތާ ދުވަސްކޮޅެއް ފަހުން ސަސްޕެންޝަން އުވައިލި އެވެ.