Roadha Mihaaru
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި

ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި

19 ޖުލައި 2020

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކުރެއްވި ކަމަށާއި އޭގެ ތެރެއިން ފައިސާތަކެއް ބޭނުންކުރެއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކުރެއްވި ކަމަށާއި އޭގެ ތެރެއިން ފައިސާތަކެއް ބޭނުންކުރެއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ޝަމީމް، އެ ތުހުމަތުތައް ދޮގުކުރެވީ އެކަމާ ގުޅޭ މައްސަލަތަކެއް ބަލައިދިނުމަށް އެދި އަމިއްލަ މީހަކު ބާ ކައުންސިލަށް މިއަދު ހުށަހެޅުމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ. ބާ ކައުންސިލުން އެ މައްސަލަ ބަލަން އަދިއެއް ނުނިންމަ އެވެ.

ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމްކޮށްފައިވާ، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ ގާނޫނީ ވަކީލެއްގެ ގޮތުން ޝަމީމް ކުރިން މަސައްކަތް ކުރައްވާފައިވާއިރު، މިހާރު އެ މައްސަލަތަކުން އޭނާ ތަނާޒުލް ނުވާ ކަމަށެވެ.

ޝަމީމްގެ މައްޗަށް ކުރާ މި ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާއާ "މިހާރު" ން ސުވާލު ކުރުމުން ހުރިހާ ކަމެއް ދޮގުކުރެއްވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވާނީ ޒިޔަތާއި އޮއިއްޓެގެ އެކަންޏެވެ. ޕީޖީގެ މަގާމާ ހަވާލުވުމާ އެކު، އެ މައްސަލަތަކުން ތަނާޒުލް ވެފައިވާ ކަމަށް ޝަމީމް ވިދާޅުވެ އެވެ.

ޕީޖީގެ މަގާމުގައި ހުންނަ ބޭފުޅެއްގެ މަސްލަހަތު އޮންނަ މައްސަލައެއް ނަަމަ އުސޫލެއްގެ ގޮތުން ޕީޖީ، އެ މައްސަލައަކުން ތަނާޒުލްވެ، މައްސަލަ ކުރިއަށް ގެންދާނީ ޑެޕިއުޓީ ޕީޖީ އެވެ.

"އަޅުގަނޑު ވާނީ މައްސަލަ އިން ތަނާޒުންވެފައި. މިއީ ވަރަށް ޕްރޮފެޝަނަލްކޮށް އަޅުގަނޑުމެން ކުރާ ކަމެއް. މި ނޫނަސް ހަމަ އަޅުގަނޑުގެ މަސްލަހަތު ހިމެނޭ މައްސަލަތައް އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.

"މައްސަލައިގައި ބާއްވާ ބައްދަލުވުންތަކުގައި ވެސް އެ ބައި [ޒިޔަތާއި އޮއިއްޓެއާ ގުޅުން ހުރި ބައި] ގެ މަޝްވަރާތައް ޝެޑިއުލްކޮށް، ކުރިއަށް ގެންދާނީ ވެސް އަޅުގަނޑު ނުލާ،" ޑިސެމްބަރު 8، 2019 ގައި ޕީޖީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޒިޔަތާއި އޮއިއްޓެގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހުންނެވި އިރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ވެސް ޝަމީމް ދޮގުކުރެއްވި އެވެ.

ބާ ކައުންސިލަށް ހުށަހެޅި ކަންބޮޑުވުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެޅިފައިވާ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުން ޝަމީމް އުޅުއްވި އިރު "އާދަޔާ ހިލާފް ބޮޑެތި އަދަދުތަކެއް"ގެ ފައިސާ ވަނީ ނަންގަވައިފަ އެވެ. އެކަމަކު އެއީ "ހިޔާނާތުގެ ފައިސާކަން" ޝަމީމަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެ އެވެ.

އޮއިއްޓެގެ ބަޔާން ނެގުމަށް އިނގިރޭސި ވިލާތަށް ދިއުމުގެ ޚަރަދާއި ދެކޮޅު ޓިކެޓާއި ފައިވްސްޓާ ހޮޓެލް އެކޮމޮޑޭޝަނާއި ލަންޑަންގެ ސައިޓް ސީންގެ އިތުރުން 20 ހާސް ޕައުންޑު، މަސައްކަތުގެ އަގުގެ ގޮތުގައި އެސްއޯއެފް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ އިން ޝަމީމް ނެންގެވި ކަމަށް ތުހުމަތު ކޮށްފައި ވެ އެވެ.

އެކަމަކު، ޕީޖީ ޝަމީމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނޯންނާނެ ކަމަށެވެ. ޕީޖީ ކަމަށް އައްޔަން ކުރުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ފީތައް ލިބިވަޑައިގެންފައި ވާނީ ލޯފާމު މެދުވެރިކޮށް ކަމަށާއި އެކަމުގެ ހުރިހާ ލިޔެކިޔުމެއް ވެސް ހުންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އޮއިއްޓޭ [މުހައްމަދު ހުސައިން] އަތުން ފީއެއް ނުވެސް ނަގަން އަޅުގަނޑު. އެއީ ބޯޅަ ކުޅެން އުޅުނު ޒަމާނުއްސުރެ ވަރަށް ގާތް ރައްޓެއްސެއް. ދެން އެ ބުނާ ޔޫކޭ ދަތުރު އެއީ ދޮގެއް. އަޅުގަނޑު ނޯންނާނެ ޔޫކޭ ދަތުރެއް ކޮށްފައެއް،" ޕީޖީ ވިދާޅުވި އެވެ.

ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެ މައްސަލަތަކުން ޝަމީމް ތަނާޒުލް ވެފައި ނުވާ ކަމަށް ބުނެ، އޭނާ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.