Roadha Mihaaru
އެފްކޮންސްގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ނިންމައިފި

އެފްކޮންސްގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ނިންމައިފި

14 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ނިންމަވައިފި އެވެ.

އެ މައްސަލަ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އޮންނަތާ އަހަރެއްހާ ދުވަސްވީ ފަހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރި އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން އެގޮތަށް ނިންމީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރު ޑިސެމްބަރު ހަތެއްގައި އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، މި މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ގާނޫނީ ޓީމުން ތައްޔާރުކުރި ރިޕޯޓް ނިމުނީ މިދިޔަ ޖެނުއަރީ މަހު 23 ގަ އެވެ. މި މައްސަލާގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ބުނެފައި ވާތީ، ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް އަށް މިދިޔަ މެއި މަހު 11 ގައި ފޮނުވި އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔުނިވާސިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވީ މިދިޔަ ޖުލައި މަހު 23 ގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އިސްވެ ދެންނެވުނު ގޮތަށް މި މައްސަލަ މިނިސްޓްރީން ބެލުމުން ފާހަގަކުރެވުނު ގޮތުގައި، ނަގަން ޖެހޭ ކޮންޓްރޯލް މެޝާތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓްރެކްޓަރަށް އޮތެވެ. އެހެންކަމުން، މި މައްސަލާގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖޫރިމަނާ މުރާޖައާކޮށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަން ފާހަގަވެފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ޖޫރިމަނާގެ ގޮތުގައި މިގޮތަށް ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާ އިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީޕީއޭ އަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީ، އެފްކޮންސްގެ ޖޫރިމަނާ އިން ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭގެ އެންވަޔަރަމެންޓަލް ރެސްޓްރޯޝަން ފަންޑަށް ޖަމާކުރަން ވެސް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ފައިސާ ބޭނުންކުރާނީ ވިލިމާލެ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް ކަމަށެވެ.

އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިނަމާ ކުރަން އީޕީއޭ އިން ނިންމީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިދިޔަ އަހަރުގެ އޮގަސްޓް 16 ގައި އެރުމާ ގުޅިގެންނެވެ. އެ ހާދިސާގައި ވިލިމާލޭގެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން އީޕީއޭ އިން ހެދި ސާވޭ އިން އެނގުނެވެ.

ނަމަވެސް، އެ ކުންފުނިން ވަނީ މިނިސްޓަރަށް ސިޓީ ހުށަހަޅައި، މިދިޔަ އަހަރު ޑިސެމްބަރުގައި އެ ޖޫރިމަނާ އިސްތިއުނާފު ކޮށްފަ އެވެ. މިދިޔަ އެޕްރީލް މަހު މިނިސްޓަރު ޝައުނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ޖޫރިމަނާއާ ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފައިވެ އެވެ. އެ ދުވަހު ވެސް މިނިސްޓަރު ވިދާޅުވީ އެފްކޮންސް ކުންފުނިން ޖޫރިމަނާ އިސްތިއުނާފުކޮށްފައި ވިޔަސް ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.