Roadha Mihaaru

ހިތްވަރާ އެކު ހިޔާލު ފާޅުކުރާ ފަރާތްތަކަށް ދޭ އެވޯޑަކަށް މޯލްޑިވްސް އިންޑިޕެންޑެންޓް ނޮމިނޭޓް ވެއްޖެ

ދަތި އުނދަގޫ ހާލަތްތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫސް) ނޮމިނޭޓް ވެއްޖެ އެވެ.

ހިޔާލު ފާޅުކުރުމުގެ އެވޯޑަށް އިންޑިޕެންޑެންޓް ވާދަކުރަނީ
އަލީ ނާފިޒް
އަލީ ނާފިޒް

08 ފެބުރުއަރީ 2017

ދަތި އުނދަގޫ ހާލަތްތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫސް) ނޮމިނޭޓް ވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ އިންޑެކްސް އޮން ސެންސަޝިޕް ޖަމިއްޔާ އިން ދޭ ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑްސް އަށް ނޮމިނޭޓް ވި ފަރާތްތައް އިއްޔެ އިއުލާނު ކުރި އިރު، މޯލްޑިވްސް އިންޑިޕެންޑެންޓް ނޮމިނޭޓް ވެފައި ވަނީ ނޫސްވެރިކަމުގެ ދާއިރާ އިންނެވެ. މި ބައިން، ސާބިއާގެ ތަހުގީގީ ވެބްސައިޓެއް ކަމަށްވާ ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ނެޓްވޯކާއި ރަޝިއާގެ ޑަޕްޓާ ވެބްސައިޓާއި އޮސްޓްރޭލިއާގައި ރެފިއުޖީއަކަށް ވެފައިވާ ނޫސްވެރިޔާ، ބެހްރޫޒް ބޫޗަނީ ވެސް ވަނީ ނޮމިނޭޓް ވެފަ އެވެ.

އިންޑެކްސް އޮން ސެންސަޝިޕް އިން ބުނި ގޮތުގައި އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ރާއްޖޭގައި މިދިޔަ އަހަރު ގާނޫނެއް ހަދާފައި ވަނިކޮށް ވެސް މޯލްޑިވްސް އިންޑިޕެންޑެންޓުން ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ސާބިތުކަމާ އެކު މަސައްކަތްކޮށްފަ އެވެ. އަދި އަލް ޖަޒީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު ދެއްކި ތަހުގީގީ ޑޮކިއުމެންޓްރީ އަށް ފަހު އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ފާސްކުރުމާއި އެ ނޫން ވެސް އެ ނޫހުގެ އޮފީހާއި ނޫސްވެރިންނަށް އިންޒާރާއި ބިރުވެރިކަން ކުރިމަތިވިކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ނޫސްވެރިކަމުގެ އިތުރުން، ފަންނުވެރިކަމާއި ޑިޖިޓަލް އެކްޓިވިޒަމާއި ސެންސަރު ކުރުމާ ދެކޮޅަށް ކެމްޕޭނު ކުރުމުގެ ދާއިރާ އިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ވަނީ މި އެވޯޑަށް ޝޯޓުލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި، މޮރޮކޯ އާއި އިޒްރޭލާއި ޗައިނާ އާއި އެންގޯލާ އާއި ހަންގޭރީ އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ ފަރާތްތައް ހިމެނެ އެވެ.

ޒަހީނާ އަލް ޖަޒީރާއާ ވާހަކަދައްކަނީ: ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ދޭ އެވޯޑަށް މިދިޔަ އަހަރު އޭނާ ނޮމިނޭޓް ވި.

ޒަހީނާ އަލް ޖަޒީރާއާ ވާހަކަދައްކަނީ: ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ދޭ އެވޯޑަށް މިދިޔަ އަހަރު އޭނާ ނޮމިނޭޓް ވި.

މި އެވޯޑަށް ކޮންމެ ބަޔަކުން ވެސް ހޮވޭ އެއް ފަރާތް ކަނޑައަޅަނީ ތަޖުރިބާކާރުންގެ ޕެނަލަކުން ބެލުމަށް ފަހު އެވެ. މި އަހަރުގެ އެވޯޑުގެ ޖަޖުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ޓީނާ ބްރައުން އާއި ޓެކްނޮލޮޖީގެ ދާއިރާ އިން އާ ކަންކަން ތައާރަފު ކުރުމުގައި ފާހަގަކޮށްލެވޭ އަނަބް ޖައިން އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިނގިރޭސި ވަކީލު ކީލަން ގަލަގާ އާއި މިއުޒިކް މެނޭޖަރު ސްޓީވަން ބަޑް އަދި އިނގިރޭސި ފިލްމީ ތަރި ނޯމާ ޑުމެޒިނީ ހަރަކާތްތެރިވެ ވަޑައިގަންނަވަ އެވެ.

މި އެވޯޑް ދޭނީ އަންނަ އޭޕްރީލް 19 ގައި އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ބާއްވާ ހާއްސަ ހަފުލާއެއްގަ އެވެ.

ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑުގެ އެންމެ ހާއްސަ ކަމަކީ މި އެވޯޑް ލިބޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ފެލޯޝިޕެއް ލިބުމެވެ. ހިޔާލު ފާޅުކުރުމުގެ ހައްގުގައި އެވޯޑް ލިބޭ ފަރާތްތަކުން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަން އެހީވާ މި ފެލޯޝިޕްގެ ދަށުން، އެވޯޑް ލިބޭ ފަރާތްތައް ލަންޑަނުގައި ހަފުތާއެއް ހޭދަ ކުރާނެ އެވެ. އެ ހަފުތާ އަށް ފަހު ވެސް، އިންޑެކްސް އޮން ސެންސަޝިޕް އިން އެ ފަރާތްތަކަށް މުޅި އަހަރުގެ ތެރޭގައި އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

ބައިނަލްއަގުވާމީ އެވޯޑަކަށް މޯލްޑިވްސް އިންޑިޕެންޑެންޓް ނޮމިނޭޓް ވިއިރު، އެ ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ވަނީ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ދޭ އެވޯޑަށް މިދިޔަ އަހަރު ނޮމިނޭޓް ވެފަ އެވެ.

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، ސްޓީލިން ޕެރަޑައިސް އަށް ޒަހީނާ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުން އެހީތެރިކަން ފޯރުކޮށްދިނެވެ. އެހެންވެ، ސަރުކާރު ވައްޓާލަން ރާވާ ކަމަށް ބުނެ އެ ނޫހުގެ އޮފީސް އެ ޑޮކިއުމެންޓްރީ ދެއްކި ދުވަހު ފުލުހުން ބަލައި ފާސްކުރިއިރު، ޒަހީނާ މިހާރު ދިރިއުޅެނީ އަމިއްލަ އަށް އަރުވާލެވިގެން ރާއްޖޭން ބޭރުގަ އެވެ.