Roadha Mihaaru
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"

ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ރައީސް ދަނީ ގާތުން ބަލަމުން: ރައީސް އޮފީސް

28 އޮކްޓޯބަރ 2022

ފުުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަަލާގައި ކަން ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަަލާގައި ކަން ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ހުއްޓާ ރަޝީދު 43، މަރުވި މައްސަލާގައި އާއިލާ އިން ވަނީ އޭނާއަށް ފުލުހުން އިހުމާލުވި ކަމުގެ ތުހުމަތުކޮށްފަ އެވެ. ލޯންޗަކަށް އަރުވައިގެން އޭނާ ގޮވައިގެން ދިޔައީ މޭގައި ރިއްސާކަމަށް ބުނެފައިވަނިކޮށް ކަމަށާއި އަދި ލޯންޗު ތެރޭގައި ވެސް މޭގައި ރިއްސާ ކަމަށް ތަކުރާރުކޮށް ބުންޏަސް އެކަން ފުލުހުން ގަބޫލުނުކުރި ކަމަށް އާއިލާ އިން ބުންޏެެވެ.

އެންމެ ފަހުން ރަޝީދު ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައީ ލޯންޗަށް އޭނާ ވެއްޓުމުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

އެ މައްސަލަ ފުލުހުން ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ވަކި އެއްޗެއް ވިދާޅުވެފައި ނުވާތީ އިދިކޮޅު ޕީޕީއެމްގެ ނުރުހުމާއި ފާޑުކިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމާޒުވެފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރަޝީދު މަރުވި ހާދިސާގައި ކަންކަން ހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާ އެކު ރަނގަޅަށް ތަހުގީގުކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.

އޭނާގެ މަރާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އެ މައްސަލާގައި ކަން ހިނގަމުން އަންނަ ގޮތް ވެސް ރައީސް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ރަޝީދު ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގަ އެވެ.

ހަމީދު ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފުލުހުންނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ގަލޮޅު މޯޗަރީގައި މިހާރު ބާއްވާފައި އޮތްއިރު އިއްޔެ އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާ އިން ވަނީ ފުލުހުން ކަންތައްކުރި ގޮތާ މެދު ނުރުހިގެން ވާހަކަ ދައްކައިފަ އެވެ.

އާއިލާ އިން ބުނީ ރަޝީދު މަރުވީ ފުލުހުން ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބުން ކަމަށާއި އޭނާ މަރާލީ ގަސްދުގައި ކަމަށެވެ. އެ މީހުން ވަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށާއި އާއިލާއަށް އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން ވެސް އެދިފަ އެވެ.

އެމީހުންގެ ކަންބޮޑުވުމަކީ ރަޝީދު މާލެ ގެނައި ފަހުން އޭނާގެ ހަށިގަނޑު އާއިލާއަށް ދައްކާފައި ނުވާތީ އާއި އާއިލާ އިން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންދާއިރު ވެސް ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އެވެ. ޕޯސްޓްމޯޓަމް ހަދައިފި ނަމަ، ހަށިގަނޑާ ހަވާލުނުވާނެ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.