Roadha Mihaaru
ޑޭވިޑް ބެކަމް، ޝާހު އާއި ސޯނަމްގެ ގެއަށް

ޑޭވިޑް ބެކަމް، ޝާހު އާއި ސޯނަމްގެ ގެއަށް

19 ނޮވެމްބަރ 2023

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ހާއްސަ ދައުވަތަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ހާން އާއި ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރުގެ ގެއަށް ހިނގައްޖެ އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ހާއްސަ ދައުވަތަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ހާން އާއި ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރުގެ ގެއަށް ހިނގައްޖެ އެވެ.

ބެކަމް އިންޑިއާ އަށް ދިޔައީ މިހާރު އެ ގައުމުގައި ކުރިއަށް ގެންދާ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމަށެވެ. މިދިޔަ ބުދަ ދުވަހު ބޮންބޭގައި ބޭއްވި އެ މެޗުގައި ވާދަކުރީ އިންޑިއާ އާއި ނިއުޒިލެންޑެވެ.

އެ މެޗަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ދިއުމުގެ ކުރިން ބެކަމް ވަނީ މިދިޔަ ހުކުރު ދުވަހު ޝާހު އަދި ސޯނަމްގެ ގެއަށް ގޮސްފަ އެވެ. އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އޭނާ ވަނީ އިއްޔެ އެ ވާހަކަ ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި އެ ތަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ބެކަމް ހިއްސާކުރި އެވެ.

މިއީ ބެކަމް އިންޑިއާ އަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

"މިހާ ކުޅަދާނަ މީހެއްގެ ގެއަށް މަރުހަބާ ކިޔުމަކީ ލިބުނު ބޮޑު ޝަރަފެއް. ޝާހު އާއި ގޯރީ އާއި އެ ދެމަފިރިންގެ ކުދިން އަދި އެމީހުންގެ ގާތް ރައްޓެހިންނާ އެކު ކެއުމަކަށް ދައުވަތު ލިބުނީމަ އުފާކުރަން. އިންޑިއާ އަށް ކުރި ފުރަތަމަ ދަތުރު ނިންމާލަން މިއަށް ވުރެ އުފާވެރި ގޮތެއް ނެތް. ޝުކުރިއްޔާ އަހަރެންގެ އެކުވެރިޔާ – ތި އައިލާ އަށް އަހަރެންގެ ގެއަށް އަބަދުވެސް މަރުހަބާ ކިޔާނަން،" ޝާހުއާ ބެހޭ ގޮތުން ބެކަމްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"ސޯނަމް އާއި އަންގަދު، އެމީހުންގެ ގެއިން އަހަންނަށް ކީ މަރުހަބާ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން، އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް. އަނެއްކާވެސް ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އުއްމީދުކުރަން،" ސޯނަމް އާއި އޭނާގެ ފިރިމީހާއާ ބެހޭ ގޮތުން ބެކަމް ލިޔުނެވެ.

ސޯނަމްގެ ގޭގައި ބެކަމްއާ އެކު ބޭއްވި ޕާޓީގައި ބޮލީވުޑްގެ މަޝްހޫރު ތަރިން އަދި ސޯނަމް ނިސަބަތްވާ ކަޕޫރު އާއިލާގެ ގިނަ ތަރިންތަކެއް ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި އޭނާގެ ކޮއްކޮ ރިއާ ކަޕޫރާއި ހަރްޝްވަރުދަން ކަޕޫރު ވެސް ހިމެނެ އެވެ. އަދި އޭނާގެ ކަޒިންއެއް ކަމަށްވާ އަރުޖުން ކަޕޫރާއި އަރުޖުންގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް އެ ޕާޓީއަށް ދިޔަ އެވެ.

އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރާއި އަންހެނުން މަހީޕް ކަޕޫރު އަދި އެ ދެމަފިރިންގެ ދަރިފުޅު ޝަނާޔާ ކަޕޫރު ވެސް ދިޔަ އެވެ. ކަރިޝްމާ ކަޕޫރާއި ޝާހިދު ކަޕޫރާއި ފަރުހާން އަކްތަރު ވެސް އެމީހުންގެ ބައިވެރިންނާ އެކު އެ ޕާޓީއަށް ދިޔަ އެވެ.