Roadha Mihaaru
ފޭސްބުކް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

ފޭސްބުކް މެދުވެރިކޮށް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

19 ނޮވެމްބަރ 2023

ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ މިކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އެދިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ މިކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އެދިއްޖެ އެވެ.

ބީއެމްއެލްއިން ބުނިގޮތުގައި މިގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދުމުގެ ސްކޭމުތައް އިތުރުވަމުންދާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ އެ ފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުމަށް ބާރުއަޅައިފަ އެވެ. އަދި އެ ފަދަ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ބޭންކަށް އަންގާ، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބެންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ދުވަސްވަރު ފޭސްބުކް މެދުވެރިކޮށް އަންނަ ސްކޭމްތަކުގެ އިތުރުން އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައް ވެސް ގިނަވެފައިވާ ކަމަށެވެ. އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ފަރާތަކަށް އޯޓީޕީ ހިއްސާނުކުރުމަށް ވެސް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ ޓެލެގްރާމް، ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައް ވެސް ފާއިތުވި ހަފްތާގައި ބެންކަށް ހުށަހަޅާފައިވާ ކަމަށެވެ.