Roadha Mihaaru
މަންނާން އާއި އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ

މަންނާން އާއި އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ!

19 ނޮވެމްބަރ 2023

ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ ދެ ބޭފުޅުން ރިޓަޔާ ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ފަސް އަހަރުގެ ދައުރު ހަމަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހުން 24 ގަޑިއިރުގެ ތެރޭގައި އެކްޓިން ކޮމިޝަނަރުގެ މަގާމަށް މަންނާން ހަމަޖެއްސީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭގެ އެއް ދުވަސް ކުރިން ރިޓަޔާ ކުރެއްވުމުންނެވެ.

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 19، 2018 ގަ އެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަދި ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ނުކުރައްވަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ގާނޫނޫގައި ވާ ގޮތުން ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންނަތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.