ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުލްމަންނާން ޔޫސުފާއި އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރެއްވުމާ އެކު، އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖައްސައިފި އެވެ.
25 ނޮވެމްބަރ 2023
ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުލްމަންނާން ޔޫސުފާއި އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރެއްވުމާ އެކު، އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން "މިހާރު" އަށް ވިދާޅުވީ ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެވެންދެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގަވާނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ކަމަށެވެ. އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖެއްސީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ކަމަށް އިހުސާން ވިދާޅުވި އެވެ.
"ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ޕޮލިސް ކޮމިޝަނަރަކު ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނުނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ މަގާމަށް އައްޔަންކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.
އެކްޓިން ކޮމިޝަނަރަށް ހަމަޖެއްސި ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 10، 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ. އެކަމަކު، ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ކުރީގެ ސަރުކާރުގެ ދުވަސްވަރު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެ މައްސަލާގައި ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މި މަހުގެ 17 އާ ހަމައަށް ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެކްޓިން ކޮމިޝަނަރަކަށް ހުންނެވީ މަންނާނެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 19، 2018 ގަ އެވެ. މަންނާން ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފަ އެވެ.
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޔާމީން މަސައްކަތްކުރި ނަމަ ފުލުހުން ރަނގަޅު ކުރެވޭނެ
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
"2-3 ހަފުތާ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ"
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
"ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ތެރޭގައި ނުތިބެވޭނެ"
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި