Roadha Mihaaru
އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރާ ގަރާރު ބަލައިގެންފި

އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ބަލައިގަނެފި

20 ނޮވެމްބަރ 2023

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ހާރިޖީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ހާރިޖީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ނެގި ވޯޓު ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހު 14 ގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގައި ބަހުސް ކޮށްފަ އެވެ.

ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ރާއްޖެ އިން މި ކަމުގައި އެދެވޭ ފިޔަވަޅެއް އަޅަން ޖެހޭ ކަމުގައި ގިނަ މެންބަރުން ފާހަގަކުރެއްވި އެވެ.

ސައުދުގެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލް ރައްޔިތުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރުމާއި ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖްތަމައު އަށް ހާމަ ކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.