Roadha Mihaaru

އިޒްރޭލް ޕާސްޕޯޓް އެއްކޮށް މަނާކުރަން ދެކޮޅު، ޓޫރިޒަމަށް ގެއްލުންވާނެ: ގެސްޓްހައުސް އެސޯސިއޭޝަން

އިޒްރޭލްގެ ޕާސްޕޯޓް އެއްކޮށް މަނާކުރުމަށް ތާއިދު ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގެސްޓްހައުސްތަކުން ދެކޮޅު

އިޒްރޭލްގެ ޕާސްޕޯޓް އެއްކޮށް މަނާކުރުމަށް ތާއިދު ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ އިޒްރޭލްގެ ޕާސްޕޯޓް އެއްކޮށް މަނާކުރަން އެއްވެސް ވަރަކަށް ތާއިދު ނުކުރާ ކަމަށާއި ތާއިދު ކުރަނީ ހަމައެކަނި އިޒްރޭލްގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން ކަމަށެވެ.

އެސޯސިއޭޝަންގެ މެންބަރު ގެސްޓްހައުސްތަކުގެ ހިޔާލު ކަމަށް ބުނެ އެ އެސޯސިއޭޝަންގެ ފަރާތުން ބުނީ އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެންމެންނަށް ރާއްޖެއަށް އައުން މަނާކުރާ ނަމަ، ގެސްޓްހައުސް ވިޔަފާރިއަށް އޭގެ ގެއްލުންވާނެ ކަމަށެވެ.

މިވަރުގެ "ބޮޑު ނިންމުމެއް" ނިންމައިފި ނަމަ، ރާއްޖެ ފަދަ ކުޑަ ގައުމެއްގެ އިގުތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެސޯސިއޭޝަނުން ދެކޭ ގޮތުގައި ބައިނަލްއަގްވާމީ ޓޫރިސްޓް އެޖެންސީތަކާއި އޮންލައިން ޕްލެޓްފޯމްތަކަކީ ވެސް އޭގައި ޔަހޫދީ މީހުންގެ ބޮޑު ހިއްސާއެއް އޮންނަ ތަކެތި ކަމަށްވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކޮށްފި ނަމަ ނޭދެވޭ އަސަރުތައް ރާއްޖެއަށް ކުރާނެ އެވެ.

އަދި އެހެން ގައުމުތަކުގައި އުޅޭ ޔަހޫދީންގެ އަތުގައި ވެސް އިޒްރޭލް ޕާސްޕޯޓް އޮންނާތީ، ޖުމްލަކޮށް ޕާސްޕޯޓް މަނާކޮށްފި ނަމަ، ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ. އެކަން ކެބިނެޓުން ނިންމުމަށް ފަހު މަޖިލީހުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދޭން މަޖިލީހުގައި އެދިފައިވެ އެވެ.

އޭރު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް ނަސީމް އޮތީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލް ދިރާސާކުރުމުގެ މަސައްކަތް 241 ކޮމިޓީން ކުރަމުންދާއިރު، އެ ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ ބައްދަލު ކުރުމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީން އަންދާޒާ ކުރަނީ އެ މައްސަލަ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.