Roadha Mihaaru
ހަސަންގެ އަމާޒަކީ ޑިމޮކްރެޓްސްއަށް ވެރިކަން ހޯދައިދިނުން

ހަސަން ޑިމޮކްރެޓްސްގެ ރައީސް ކަމަށް: ޓާގެޓަކީ 2028ގެ ވެރިކަން ހޯދައިދިނުން

21 ނޮވެމްބަރ 2023

ސިޔާސީ ކަންކަމަށް އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް ވެސް ހަސަން ލަތީފް އަލެއް ނޫނެވެ؛ އެތަކެއް ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. އެމްޑީޕީގެ އުނދަގޫ ދަތުރުގައި، އެ ޕާޓީއަށް ދިމާވި އެންމެ ނާޒުކު ވަގުތުތަކުގައި މަގުން ކަސިޔާރުވިޔަނުދީ ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބީތަކެއް އޭނާ ވަނީ ހޯއްދަވައިދެއްވައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިޔާސީ ކަންކަމަށް އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް ވެސް ހަސަން ލަތީފް އަލެއް ނޫނެވެ؛ އެތަކެއް ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. އެމްޑީޕީގެ އުނދަގޫ ދަތުރުގައި، އެ ޕާޓީއަށް ދިމާވި އެންމެ ނާޒުކު ވަގުތުތަކުގައި މަގުން ކަސިޔާރުވިޔަނުދީ ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބީތަކެއް އޭނާ ވަނީ ހޯއްދަވައިދެއްވައިފަ އެވެ.

އެ ފިކުރުގައި ދެ ގޮތެއް ނުވެ ނަޒާހަތްތެރިކަމާ އެކު ހުންނެވުމަށް އުފެއްދެވި ޑިމޮކްރެޓްސްއާ ދޭތެރޭގައި ވެސް ހަސަންއަށް އޮތީ އެ ޔަގީން ކަމެވެ. އޭނާގެ ތަޖުރިބާ އިން ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވޭނެ އެވެ.

އެއީ ޑިމޮކްރެޓްސްގެ ފުރަތަަމަ އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް އޭނާ ވާދަކުރައްވާ ސަބަބެވެ.

އެ ޕާޓީއަކީ ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގާ، އެންމެންގެ އިތުބާރު ލިބިފައިވާ ޒިންމާދާރު ޕާޓީއަކަށް ހެދުމަކީ، ކުރިއަށް އޮތް ފަސް އަހަރަށް މި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ހަސަން ލަތީފްގެ އެންމެ ބޮޑު އެއް މަގުސަދެވެ.

ޑިމޮކްރެޓްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ދޫކޮށް ގިނަ މެމްބަރުންތަކެއް ގުޅިގެން އުފެއްދި ޕާޓީއެކެވެ. އެ މެމްބަރުން އެމްޑީޕީ ދޫކޮށްލީ ޕާޓީގެ އުސޫލުތަކާއި އަސާސްތަކާ އަދި މަގުސަދުތަކާ ހިލާފުވެފައިވާ ކަމަށް ބުނަމުންނެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ހަސަން ލަތީފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޑޮމިކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ ހަސަން ލަތީފް ވަނީ ނިންމަވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ހަސަން ލަތީފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޑޮމިކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ ހަސަން ލަތީފް ވަނީ ނިންމަވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި މިހާރު އެ ޕާޓީގެ މުއައްސިސަކަށް ވެސް ހުންނެވި ހަސަން ލަތީފް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ މި ޕާޓީގެ މައިގަނޑު މަގުސަދަކަށް ވާނީ ވެސް އެމްޑީޕީން ހެދި ގޯސްތަކަށް ޖާގަ ނުދީ ކުރިއަށް ދިއުން ކަމަށެވެ. ޕާޓީ އުފައްދައިގެން މި ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެ މަގުސަދު ހާސިލުކުރުމަށްޓަކާ ވަރަށް އުއްމީދީ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ރައީސް ކަމަށް އޭނާ ކުރިމަތިލައްވަނީ ވެސް އަދި މިހާރަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރެދިނުމުގެ މަގުސަދުގަ އެވެ.

1. ޑިމޮކްރެޓްސްއާ ދޭތެރޭގައި ހަސަންގެ އުއްމީދުތަކަކީ ކޮބައިތޯ؟

އެނގިވަޑައިގަންނަވާނެ ޑިމޮކްރެޓްސް އުފެދިފައި މި އޮތީ ވަރަށް ގިނަ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކާ. އޭގެ ތެރޭގައި، ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންނަކީ، އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އަށް ގުޅިފައި ތިބި މެމްބަރުން. އެމްޑީޕީ އުފެދިފައި އޮތީ ވެސް ވަރަށް ގިނަ މަގުސަދުތަކެއް ހާސިލުކުރުމަށް، ވަރަށް ގިނަ ބޭފުޅުންގެ ވަރަށް ގިނަ މަސައްކަތްތަކާ އެކީގައި. ނަމަވެސް، އެ މަގުސަދުތައް ހާސިލުނުވާ ތަން ފެނުނީމާ ވަރަށް ގިނަ މެމްބަރުންތަކެއް ބޭނުންވީ އެހެން ޕާޓީއެއް އުފައްދަން.

މައިގަނޑު ގޮތެއްގައި އެމްޑީޕީން ގަބޫލުކުރި އަސާސްތަކާއި ފަލްސަފާތައް އަދި އުސޫލުތައް ދޫކޮށްލައިފައި، އެ ޕާޓީ ކުރިއަށް ދާން ފެށީމަ އެކަން ގަބޫލު ނުކުރެވުނު އެތައް ބައިވަރު މެމްބަރުންތަކެއް ތިބި. އެގޮތުން އުފެދުނު ޕާޓީއެއް ޑިމޮކްރެޓްސް އަކީ.

ޑިމޮކްރެޓްސްގެ މައިގަނޑު މަގުސަދުތަކަކަށް ވެފައި އޮތީ އެމްޑީޕީގެ އަސްލު މަގުސަދުތައް، މިހާރު އެ ގެންގުޅޭ މަގުސަދުތަކާއި އުސޫލުތަކާއި ހަމަތަކެއް ނޫން، އެހެން ނަމަވެސް އެމްޑީޕީ އުފެއްދި އަސްލު އުސޫލުތަކާއި ހަމަތައް އޭގެ މަގުސަދު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކުރުން.

ކޮރަޕްޝަނާއި ވައްކަމާ ދެކޮޅު ޕާޓީއެއް އެމްޑީޕީއަކީ ކުރިން. އެކަމަކު މިހާރު ފެންނަނީ އެހެނެއް ނޫން.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ލާމަރުކަޒީކޮށް މުޅި ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށް އޮނިގަނޑު އަލުން ރާވާލައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަސާސީ ގަވާއިދު އެކުލަވާލައި ގަވާއިދު މި އޮތީ ފާސްކޮށްފައި، އެގޮތަށް ޕާޓީ ހިންގަން. އެއީ މުހިންމު ކަންކަން އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތުގެ. އަސާސީ ކަންކަން އެބަހުރި އެމްޑީޕީން ދޫކޮށްލި ކަންކަން ޑިމޮކްރެޓްސް އިން އިސްކަންދޭނެ.

މިސާލަކަށް މަޝްވަރާކުރުމުގެ އުސޫލު އެއްކޮށްހެން އެމްޑީޕީން ދޫކޮށްލާފައި އެ އޮތީ. ހަމައެއާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމެއް، ޕާޓީގެ އެތެރެއަކު ވެސް ނެތް އަދި ޕާޓީން ހިންގި ސަރުކާރުގައި ވެސް އެކަން އަޅުގަނޑުމެންނަށް ފެނިގެނެއް ނުދިޔަ. ވަރަށް ވަންހަނާކޮށް ކަންކަން ކުރަމުން ދިޔައީ.

ހަމައެއާ އެކީގައި މެމްބަރުންގެ ބައިވެރިވުމާ އެކީގައި ކަންކަން ނިންމައި މަޝްވަރާތައް ހިނގާ ތަނެއް ވެސް ނުފެނޭ. މި ދެންނެވި މައިގަނޑު ކަންކަން އެއީ އަޅުގަނޑުމެން މި ޕާޓީ، ޑިމޮކްރެޓްސް އިން ހިފަހައްޓާނެ ކަންކަން. އެ ހަމަތައް ހިފަހައްޓައިގެން ސިޔާސީ މަސައްކަތް ކުރުން އެއީ މި ޕާޓީގެ މައިގަނޑު މަގުސަދަކީ. އެކަން ކުރުމަށް ސިޔަސީ ގޮތުން ބަސް ބުނެވޭ މަގާމެއްގައި އަޅުގަނޑު ހުރުމުގެ ބޭނުމަކީ އެއީ.

ޕާޓީގެ ރައީސް އަކީ މި ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން މި ކަންކަމުގައި އެންމެ އިސްކޮށް ހުންނާނެ މީހާ. އެހެންވީމަ، އެއީ އަޅުގަނޑު ބޭނުންވި ކަމަކީ، މި ޕާޓީގެ މި މަގާމަށް ކުރިމަތިލުމަށް.

2. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނީ ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ޕްލޭންތަކަކާ ވެސް އެކީގައި. ކޮބާތޯ ހަސަން ލަތީފްގެ ރައީސް ކަމުގައި މި ޕާޓީގެ މިސްރާބު ހުންނާނެ ދިމާލަކީ؟

އެންމެ ފުރަތަމަ ކަމަކަށް މަޝްވަރާގެ އުސޫލު އެބަ ހިފަހައްޓަން ޖެހޭ. އެހެންވީމާ އަޅުގަނޑު ކުރިން މި ދެންނެވި ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލައިފައި އޮތީ ރަށު ފެންވަރުން ވެސް މަޝްވަރާތަކެއް ކުރެވި، ނިންމުންތަކެއް ވެސް ނިންމި، އެއީ ޕާޓީގެ ނިންމުންތަކާ ހަމަ އަށް ގެނެވޭ ކަހަލަ ބައްޓަމަކަށް އެ އޮތީ. އެހެންވީމަ، ޕާޓީ ގެންދަން ބޭނުންވާ މިސްރާބުގެ ތެރޭގައި އެނގިވަޑައިގަންނަވާނެ އަބަދުވެސް ސިޔާސީ ޕާޓީއެއް ވެއްޖެއްޔާ އެންމެ މުހިންމު މަސައްކަތަކަށް ވާނެ އިންތިހާބުތަކުގައި ވާދަކުރުމާއި އިންތިހާބުތައް ކާމިޔާބުކުރުމާއި އަދި އެ ބޭއްވޭ އިންތިހާބުތަކުގެ މަގާމުތަކަށް ޕާޓީގެ މެމްބަރުންނަށް އާދެވޭނެ ގޮތް ހޯދުން. އެ މަގާމުތަކަށް އައުމުގެ ބޭނުމަކަށް ހަގީގަތުގައި މި ވަނީ އެ މަގާމުތަކުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން. އެއީ ރިޔާސީ އިންތިހާބު ކަމަށް ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވިޔަސް އަދި ކައުންސިލް އިންތިހާބު ކަމަށް ވިޔަސް.

މި ދެންނެވި މައިގަނޑު އިންތިހާބުތައް ކާމިޔާބުކުރުން އެއީ މަގުސަދަކީ. އަދި ޕާޓީ ގެންދަން ބޭނުންވާ މިސްރާބަކީ އަޅުގަނޑު މި ދަންނަވާހެން ޕާޓީގެ އަސާސްތަކާއި އުސޫލުތަކެއް އެބަހުރޭ، ސިޔާސަތުތަކެއް އެބަހުރޭ ވަރަށް މުހިންމު، އެ ސިޔާސަތުތައް ތަންފީޒުކުރެވޭ ގޮތަކަށް ޕާޓީގެ މަސައްކަތް ރާވައި އެކަން ހިންގުވުން އެއީ ހަގީގަތުގައި އެންމެ މުހިންމު މިސްރާބަކީ. މިކަން ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ޕާޓީގެ އުސޫލުތައް، ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ކިޔާދެވި އެ ކަންކަން ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަކަށް ޕްރޮގްރާމެއްހެން ހިންގުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ އިންތިހާބާ ގުޅިގެން އެކަނި ކުރާ ކަމެއް ނޫން، ދާއިމީ ގޮތެއްގައި ކުރަން ޖެހޭ ކަމެއް.

އަސާސީ ގަވާއިދު އެކުލަވާލެވިފައި އޮތް ގޮތުން ޕާޓީގެ ކޮމެޓީތަކަކީ ވެސް ވަރަށް މުހިންމު ކޮމެޓީތަކެއް. އެހެންވީމަ އެ ކޮމެޓީތަކުން ކުރާ މަސައްކަތްތަކަކީ ވެސް މި ބައްޓަމަށް ކުރާ މަސައްކަތްތަކަށް ހެދުމަކީ މުހިންމު ކަމެއް.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

3. ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރައްވާނީ ކޮން ކަންތައްތަކެއްތޯ؟

މި ޕާޓީ ވަރަށް ތަފާތު ގޮތަކަށް ހިންގާ ސިޔާސަތެއް އެކުލަވާލުމުގެ ވިސްނުމެއް އަޅުގަނޑުގެ އެބަހުރި. އަޅުގަނޑު މި މަސައްކަތް މިހާތަނަށް ވެސް ކޮށްފައި މި އޮތީ ހަމަ ޓީމަކުން، މީގެ ޕްރޮފެޝަނަލް އަދި ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަމާ އެކީގައި. އަޅުގަނޑަށް އެ ބޭފުޅުން ދެއްވާ ލަފަޔާ އެކީގައި މިހާތަނަށް ވެސް އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ މި ޕާޓީގައި. މިހާރު ވެސް އަޅުގަނޑު މި ޕާޓީގެ މަސްއޫލިއްޔަތެއް އޮވޭ، ޕާޓީގެ އިންޓެރިމް ކޮމެޓީގެ ޗެއާއަކީ ވެސް އަޅުގަނޑު. މިހާތަނަށް ވެސް އަޅުގަނޑު އެ މަސައްކަތް ކުރަމުން ގެންދަނީ އެ މޭރުމުން އަދި މިހާރު މި ވާދަކުރާ އިންތިހާބުގައި ތަސައްވުރެއް އެކުލަވާލާފައި ވާނެ، އެ ތަސައްވުރު އެކުލަވާލުމުގައި ވެސް މި ދެންނެވި މަޝްވަރާއާ އެކީގައި އެކަން ކޮށްފައި ވާނީ.

އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އެއީ އިލްމީ ގޮތުން ބަހުސްކުރެވޭނެ މާހައުލެއް މި ޕާޓީގެ ތެރޭގައި އުފެއްދުން. އިލްމީ ބަހުސްތަކަށާއި އިލްމީ ދިރާސާތަކަށް ޖާގަ ލިބިގެން ދިއުމަކީ ވަރަށް ބޭނުންތެރި ކަމެއް، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު އަޅުގަނޑުމެންނަށް މިހާރު އާދެވިފައި ހުރި ހިސާބުން. އަޅުގަނޑުމެން އެބަ ޖެހޭ ސިޔާސަތުތަކެއް އެކުލަވާލައިގެން ސިޔާސަތުތައް ކަމުގޮސްގެން ރައްޔިތުންގެ ތާއީދު ލިބިގެން އިންތިހާބުތަކުގައި ވާދަކޮށްގެން ކާމިޔާބީ ހޯދުމުގެ ވައްޓަފާޅި، އެ ސަގާފަތް ރާއްޖޭގައި އަށަގަންނުވަން. އެކަން ކުރުމަށްޓަކާ ވަރަށް މުހިންމު ކަމެއް އެއީ އިލްމީ ދިރާސާތަކާއި އިލްމީ ބަހުސް ކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައި މި ޕާޓީ އޮތުން.

ހަމައެއާ އެކީގައި މި ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޖާގަ އެބަ ލިބިދޭ ރަށު ފެންވަރުން، އަތޮޅު ފެންވަރުން އަދި ސިޓީ ފެންވަރުން އައިސް ގައުމީ ފެންވަރުގައި މި ޕާޓީގެ އެތެރޭގައި އެކި ކަހަލަ ފަންނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިދޭ.

ގައުމީ ހަރަކާތްތަކެއް އެބަ އުފެއްދޭ ރަށު ފެންވަރުން، އަތޮޅުން ފެންވަރުން، ސިޓީ ފެންވަރުން ގޮސް ގައުމީ ފެންވަރާ ހަމަ އަށް، ވިސްނުންތަކެއް އެބަ ގެންދެވޭ... ރައްޔިތުންގެ ބައިވެރިވުމާ އެކީގައި މި އަންނަ ވިސްނުންތަކަށް ސިޔާސީ ގޮތުން އެ ކަންކަން ތަންފީޒުކުރައްވަން ތިބޭ ބޭފުޅުންނާ ހަމަ އަށް އެއީ އޮށްޓަރު ހުރި އެއްޗެއްގެ ގޮތުގައި، ކަރުދާހެއްގެ ގޮތުގައި ނުވަތަ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެ ކަންކަން ގެންދެވެން ޖެހޭނެ. އެކަން ކުރަން ޖެހޭނީ ސިޔާސީ ޕާޓީތައް ހިންގަން ތިއްބަވާ ބޭފުޅުން. އެހެންވީމަ އެއީ އަޅުގަނޑުގެ ވިސްނުމުގައި އޮންނަ ކަމެއް އަބަދު ވެސް. ރައްޔިތުންގެ އެ ކަހަލަ ވިސްނުންތަކަށް ޖާގަ ދިނުމާއި ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކާ ހަމަ އަށް ފޯރުކޮށްދީގެން އެ ކަންކަން ތަންފީޒުކުރެވޭނެ ގޮތެއް ހޯދައިދިނުން.

4. ޑިމޮކްރެޓްސް ފާހަގަކުރެވެނީ ޒުވާން މެމްބަރުން ވަރަށް ގިނަ ޕާޓީއެއްގެ ގޮތުގައި. ކޮބާތޯ ޒުވާނުންނަށް މި ޕާޓީގެ ތެރެއިން ކުރިއަށް ދިއުމަށް ފުރުސަތުތައް ބައްޓަންކުރައްވާނެ ގޮތަކީ؟

މިހާރު ވެސް އަޅުގަނޑުމެންގެ އަސާސީ ގަވާއިދު އެ އޮތީ ވަރަށް ބޮޑަށް އެހެން ޕާޓީތަކުގެ އަސާސީ ގަވާއިދާ ތަފާތުކޮށް، ޔަންގް ޑެމްސް ނުވަތަ ޔަންގް ޑިމޮކްރެޓްސްގެ އެކި ފަށަލަތައް އެބަހުރި، މި ދެންނެވިހެން ރަށުން ފެންވަރުން ފެށިގެން ގޮސް ގައުމީ ފެންވަރާ ހަމަ އަށް.

ޑިމޮކްރެޓްސް އުފެއްދުމަށް ލިބުނު ހުއްދައިގެން ލިޔުން އެ ޕާޓީ އުފައްދަން ހުށަހެޅުއްވި ހަސަން ލަތީފް މީޑިއާ އަށް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑިމޮކްރެޓްސް އުފެއްދުމަށް ލިބުނު ހުއްދައިގެން ލިޔުން އެ ޕާޓީ އުފައްދަން ހުށަހެޅުއްވި ހަސަން ލަތީފް މީޑިއާ އަށް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މީގެ ދުވަސްކޮޅެއް ކުރިން އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ވެސް ވަރަށް ގިނަ ޒުވާނުން ހާއްސަކޮށް މިހާރު އެ ތިބީ މަގާމުތަކަށް އިންތިހާބުވެފައި. އެހެންވީމާ، ހަގީގަތުގައި ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް އެބަ ލިބިދޭ ސިޔާސީ ގޮތުން ކުރިއަށް ދާން. އަދި އޭގެ އިތުރުން މި ދެންނެވި ފުރުސަތުތައް އެއީ، އަސާސީ ގަވާއިދުން ކަނޑައަޅާފައި ހުރި ފުރުސަތުތައް ކަމަށް ވީތީ، އެ ފުރުސަތައް އެހެން ބޭފުޅުން ކުރިމަތިނުލާ ކަމަށް ވަންޏާ މަގާމަށް އެބަ ވަޑައިގެންނެވޭ. އެހެން ނަމަވެސް، އެ މަގާމުގައި ތިބެން ކުރާނެ މަސައްކަތެއް ހޯދައިދިނުން އެއީ ހަގީގަތުގައި ލީޑާޝިޕްގެ ކަމެއް. އެހެންވީމާ އަޅުގަނޑުގެ ވިސްނުން އެބަހުރި ޒުވާނުންނަށް މި މަސައްކަތަށް ނުކުންނަން ޝައުގުވެރިވާނޭ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރަން ވެސް އަދި ޕާޓީގެ ހިންގުން ބައްޓަންކުރަން.

މި ދެންނެވި ހުރިހާ ކަމަކާ އެކީގައި ސިޔާސީ މަސައްކަތަކީ އެއީ ރީތި މަސައްކަތެއްގެ ގޮތުގައި ރައްޔިތުން ހާއްސަކޮށް ޒުވާނުން އެ މަސައްކަތަށް ޝައުގުވެރިކަމާ އެކީގައި ވަދެ، އެއީ މީހުން އެއްޗެހި ކިޔާ އެ އުޅޭ ޒާތުގެ މަސައްކަތެއްގެ ބަދަލުގައި ރަނގަޅު މަސައްކަތެއްގެ ގޮތުގައި ޒުވާނުން މިކަން ބަލައިގަނެ ކުރިއަށް ދެވޭ ކަހަލަ ފްރޮފެޝަނެއްގެ ގޮތުގައި އެ މަސައްކަތް ކުރެވޭނެ ކަހަލަ ކަމަކަށް ހެދުމަކީ އަޅުގަނޑު ކުރާނެ ކަމެއް.

5. ރާއްޖޭގައި މިހާރު މި އޮތް ސިޔާސީ ނިޒާމާއި ޕާޓީތަކާ މެދު އަދި ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާ މެދު އާންމުންގެ އިތުބާރު ގެއްލި، ދެކޭ ގޮތް ވެސް ވަނީ ވަރަށް ގޯސްވެފައި. ކޮބާތޯ އެ ވިސްނުން ބަދަލުކުރަން ކުރައްވާނެ ކަމަކީ؟

ރާއްޖޭގައި ސިޔާސީ މަސައްކަތްތަކާއި ސިޔާސީ މީހުންނާއި ސިޔާސީ މަސައްކަތް ކުރާ ތަންތަނާ މެދު އާންމުން ދެކެނީ އެއީ ވަރަށް ބޮޑަށް ގެއްލިފައި ހުރި ތަންތަނުގެ ގޮތުގައި. އެކިއެކި ސާވޭތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަން ހުރި ނަތީޖާތަކަށް ބަލާއިރު ސިޔާސީ ޕާޓީތަކަކީ ރައްޔިތުން އެހާ އިތުބާރު ކުރާ ތަންތަނެއް ނޫން. ހަމަ އެހެންމެ ސިޔާސީ މަސައްކަތްތައް ކުރާ ތަންތަން ވެސް، މިސާލަކަށް ރައްޔިތުންގެ މަޖިލިސް ކަމަށް ވިޔަސް ވެސް، ރައްޔިތުންގެ އިތުބާރު އެހާ ބޮޑަށް އޮންނަ ތަނެއް ކަމަކަށެއް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް، އެއީ ރައްޔިތުންގެ އިތުބާރު ހޯދޭނެ ތަންތަން ކަން އަޅުގަނޑު ހަމަގައިމުވެސް ގަބޫލުކުރަން، އެތަނުގައި އެ ކުރާ މަސައްކަތާއި މަސައްކަތް ކުރާ ގޮތާއި އެ މަސައްކަތް ކުރަން ތިބޭ މީހުންގެ ގޮތުން.

އިތުބާރު ހޯދަން އެންމެ ފުރަތަމަ ކަމަކަށް ކުރާނެ ސިޔާސީ މަސައްކަތަކީ ކޮބައިކަން އަޅުގަނޑުމެން އާ ފެށުމަކުން ކިޔައިދޭން ޖެހޭ، ހާއްސަކޮށް ޒުވާނުންނަށް. އަޅުގަނޑު މި ދަންނަވާ އުމުރުފުރާ އަކީ އޯލެވެލް ހަދާ ނިމޭ ހިސާބުން. އަދި ސްކޫލްގައި އުޅޭއިރު ވެސް އެ ކުދިންނަށް ކިޔައިދޭން ޖެހޭ އެ މަސައްކަތުގެ ވައްޓަފާޅި އާއި އެ މަސައްކަތަކީ ކިހާ މުހިންމު މަސައްކަތެއް ކަމާ އަދި އޭގެ ރީތި ސައިޑަކީ ކޮބައިކަން ވެސް. ހަމައެކަނި އޭގެ ހުތުރު ސައިޑެއް ނޫން ދައްކަންވީ. މީޑިއާ އިން ވެސް، އެ މަސައްކަތް ކުރާ ތަންތަނުގެ ވެސް ފެންނަން ހުންނަނީ އޭގެ ނުރަނގަޅު ކަންކަން ގިނަ ފަހަރަށް. އޭގެ ރަނގަޅު ސައިޑު ވެސް އެކަމުގެ މުހިންމު ކަން ވެސް ކިޔާދެވޭ ގޮތުން އެ ވިސްނުން ބަދަލުވާނެ.

އަޅުގަނޑަށް އެބަ ފެނޭ މި ޕާޓީ އަށް އަލަށް ގުޅުނު އެތައް ބައިވަރު ޒުވާނުންނެއް އެތައް ބައިވަރު މަގާމުތަކެއް ކުރިމަތިލައިގެން މަސައްކަތްތައް ކުރާ ތަން، ރަނގަޅު، ރީތި، މަސައްކަތްތަކެއް އެބަ ކުރަމުން ގެންދޭ. އެހެންވީމާ، އެކަމަށް އެވެއަނެސް ޕްރޮގްރާމްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އަބަދުމެ ހިންގަމުން ދިއުމަކީ ރަނގަޅު ކަމެއް، އެއީކީ ހަމައެކަނި އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ނޫން ގޮތަށް.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

6. ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބު ކުރަން، ޕާޓީގެ މެމްބަރުން ހަސަން ލަތީފަށް އިތުބާކުރަންވީ ސަބަބަކަކީ ކޮބައިތޯ؟

އަޅުގަނޑު ސިޔާސީ މަސައްކަތުގައި އުޅޭތާ ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުގެ މަސައްކަތް، ހާއްސަކޮށް ޑިމޮކްރެޓްސްގެ މެމްބަރުންނަށް މިހާރު ހުންނާނީ ފެނިފައި، އެމްޑީޕީގެ ތެރޭގައި ވެސް އަޅުގަނޑު ކޮށްފައި ހުރި މަސައްކަތް އަދި ހަމައެއާ އެކީގައި މި ޕާޓީގައި ވެސް ކުރަމުން މި އަންނަ މަސައްކަތް ވެސް ހުންނާނީ ފެނިފައި. ސިޔާސީ މަސައްކަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް އެއީ ތެދުވެރިކަމާ އެކީގައި މަސައްކަތް ކުރުމާއި އަދި އެ ކުރާ މަސައްކަތެއްގައި ދެމި ހުންނަ ގޮތުގެ މުހިންމު ކަން. އަދި އެ ކުރާ މަސައްކަތުގެ ނަތީޖާ ވެސް އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޑިމޮކްރެޓުންނަށް އަޅުގަނޑުގެ މަސައްކަތް އޮޅިފައެއް ނޯންނާނެ.

އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި ޕާޓީން މިހާތަނަށް ކުރި މަސައްކަތުގައި، އެއީ މި ޕާޓީ އުފެއްދުމަށް ކުރި މަސައްކަތާއި އުފެދިގެން މިއަދާ ހަމަ އަށް އައިރު، މި ޕާޓީން ހާސިލްކޮށްފައި ހުރި ކާމިޔާބީތަކާ އަދި މި ކުރު މުއްދަތުގެ ތެރޭގައި ޕާޓީއަށް ދިމާވި ގޮންޖެހުންތަކުގައި އަޅުގަނޑު ވެސް ޝާމިލުވާ ގޮތަށް، މި ދަންނަވަނީ އަޅުގަނޑު އެކަނި ވާހަކައެއް ނޫން، އެހެން ނަމަވެސް އަޅުގަނޑު ވެސް އިސް މީހެއްގެ ގޮތުގައި ހުރެގެން ކޮށްފައި ހުރި މަސައްކަތުގެ ނަތީޖާއާ މި ހުރިހާ ކަމަކަށް ބަލާއިރު ޕާޓީގެ ގިނަ މެމްބަރުންނަށް ގަބޫލުކުރެވޭ އަޅުގަނޑު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރި ކަމަށް. އަދި މި ޕާޓީ މި ދެންނެވި މިސްރާބަށް ގެންދިއުމަށް އަދި އެއީ އެ މެމްބަރުން ވެސް ގެންދަން ބޭނުންވާ މިސްރާބު ވެސް މެ. އެ މިސްރާބަށް ގެންދިއުމަށް މިއަދު އަޅުގަނޑު ނޫން ރަނގަޅު ބޭފުޅަކު ކުރިމަތިލާފައި ނެތް ކަން ވެސް.

7. ކޮބައިތޯ ސިޔާސީ ރޭހުގައި މި ޕާޓީ ގެންދަން ބޭނުންވާ ހިސާބަކީ؟ އަދި ޕާޓީ ބޮޑުކޮށް މެމްބަރުން ގިނަ ކުރަން އެއްވެސް ކަމެއް އެބަ ކުރައްވަންތޯ؟

ޕާޓީގެ މެމްބާޝިޕް އިތުރުކުރަން ވަރަށް ގިނަ މަސައްކަތް އެބަކުރޭ. ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެ ބޭފުޅުން، އެ ބޭފުޅުންގެ އަމިއްލަ އިންޓްރެސްޓުގައި ވެސް ކުރަން އޮތް މަސައްކަތެއް އެއީ. އެ ބޭފުޅުން ވެސް އެކަން ކުރައްވަމުން ގެންދަވާއިރު، ޕާޓީން ވެސް އެ މަސައްކަތް ކުރަމުން އެބަ ގެންދޭ.

އަޅުގަނޑުމެންގެ ޓާގެޓެއް އެއީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މަދުވެގެން 10،000 މެމްބަރުން ހަމަކޮށްފައި އިލެކްޝަންސް ކޮމިޝަނަށް މެމްބާޝިޕް ފޯމު ހުށަހެޅުން. އެއީ އަޅުގަނޑުމެންގެ އެއް ޓާގެޓް.

ޑިމޮކްރެޓްސް އުފައްދަން ހަސަން ލަތީފް ހުށަހެޅި ފޯމު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްއާ އޭނާ ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޑިމޮކްރެޓްސް އުފައްދަން ހަސަން ލަތީފް ހުށަހެޅި ފޯމު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްއާ އޭނާ ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕާޓީ ގެންދަން ބޭނުންވާ ހިސާބު އެއީ، އަޅުގަނޑު މި ވަގުތުގެ ޓާގެޓަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ކޮށްދިނުން. އެހެން ގޮތަކަށް ދަންނަވަންޏާ މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތް ހޯދައިދިނުން މި ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ކުރުން.

އެނިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއްގެ މި ކަހަލަ މަގާމަކަށް މީހަކު އިންތިހާބު ކުރަނީ ފަސް އަހަރަށް. އެހެން ނަމަވެސް އޭނާ ކުރާ ރަނގަޅު އަދި ނުރަނގަޅު ކަންކަން އެތައް އަހަރަކަށް ދެމިގެންދޭ. އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވާ ސިޔާސީ ފަރާތެއް، މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިޔަސް، ޕާޓީއެއްގެ ރައީސް ކަމަށް ވިޔަސް، އޭނާ އެ ނިންމާ ނިންމުމުން ޕާޓީއެއް ގެންދާނެ މިސްރާބު އަންނަ އޮތް އަހަރުތަކަށް ކަނޑައެޅޭނީ.

8. ޑިމޮކްރެޓްސްގެ ރައީސަކު ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބުގައި މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ހުސެއިން އަމްރު ވެސް އެބަ ވާދަކުރައްވާ. އެހެންވީމަ، މި އިންތިހާބު ކިހާ ވާދަވެރިވާނެ ކަމަށްތޯ ގަބޫލުކުރައްވަނީ؟

އަޅުގަނޑު ހަގީގަތުގައި ކުރަން އުޅެނީ މަސައްކަތެއް. މި މަސައްކަތް އަޅުގަނޑު ކުރަން މި ބޭނުންވާ ގޮތް މި ދަންނަވަނީ. އަޅުގަނޑުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ޕާޓީ އަކީ ރާއްޖޭގައި އޮތް އެންމެ މަގުބޫލު ޕާޓީއަށް ވެގެންދާނެ އިރާދަކުރެއްވިއްޔާ. އޭގެ ސަބަބުން މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރާނެ ފުރުސަތު ލިބި އެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް، އެމީހުންގެ އާމްދަނީ އަށް ވެސް އެމީހުންގެ ދިރިއުޅުމަށް ވެސް، އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން ބޮޑު ތަފާތެއް އަންނާނެ.

އިންތިހާބެއްގައި ވާދަވެރިކަމެއް ނޫން އަޅުގަނޑު މި ބަލާ ކަމަކީ. މި ކަންކަން މި ޕާޓީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ގޮތެއް ހޯދުން އަޅުގަނޑު އަމާޒަކީ.

އެނގިވަޑައިގަންނަވާނެ މިހާތަނަށް ބަލައިފިއްޔާ މިވަގުތު މި ޕާޓީގެ އިންޓެރިމް ކޮމެޓީގެ ޗެއާކަށް މި ހުންނެވީ ވެސް އަދި މި ޕާޓީގެ މުއައްސިސަކީ ވެސް، ޕާޓީ އުފައްދަން ހުއްދަ ލިބުނީ ވެސް އަޅުގަނޑުގެ ނަމުގައި. އަޅުގަނޑު މިހެން މި ދަންނަވަނީ އެހެން ހުރިހާ ބޭފުޅަށް ވެސް ޝުކުރު ދަންނަވަމުން. މަރުހަބާ ދަންނަވަން އަޅުގަނޑުމެންނަށް މި ކުރެވުނު މަސައްކަތަށް، ވަރަށް ގިނަ ބޭފުޅުންގެ މަސައްކަތާ އެކީގައި މި ހިސާބަށް ޕާޓީ ގެނެވިފައި މި އޮތީ.

މި ޕާޓީގެ މެމްބާޝިޕް މެމްބަރުންގެ އަދަދަށް ވުރެ ގިނައިން ރިޔާސީ އިންތިހާބުގައި ވޯޓު ވެސް ލިބުނު. އެހެންވީމަ، މި ޕާޓީގެ ތާއީދަކީ ވަރަށް ކުރުކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ތާއީދެއް ލިބިފައި އޮތް ޕާޓީއެއް. އަދިވެސް އިރާދަކުރެއްވިއްޔާ މި ޕާޓީ ދާނީ ކުރިއަށް.

9. އެމްޑީޕީގައި ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަތީ މަގާމުތަކެއް ފުރުއްވާފައި ޑިމޮކްރެޓްސްއާ ހަސަން ލަތީފް ގުޅިވަޑައިގަތީ. އަދި ސިޔާސީ ގޮތުން އެހެން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާތީ މި ދާއިރާގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިވަޑައިގެންފައި ހުންނަވާނީ. ކޮބާތޯ އެ ތަޖުރިބާގެ އަލީގައި ޑިމޮކްރެޓްސްގެ ކުރިމަގަށް ކުރައްވާނެ މަސައްކަތަކީ؟

ވަރަށް ގިނަ ތަޖުރިބާ ލިބިއްޖެ، ރަނގަޅު ތަޖުރިބާ ވެސް އަދި ނުރަނގަޅު ތަޖުރިބާ ވެސް ލިބިއްޖެ. އެންމެ ބޮޑަށް އަޅުގަނޑު ބަލަން ބޭނުންވާ ކަމަކީ އަޅުގަނޑުމެންނަށް ލިބުނު ނުރަނގަޅު ތަޖުރިބާގައި އެ ކަންތައްތައް ތަކުރާރު ވިޔަ ނުދީ ކަންކަން ކުރެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާ އެކީގައި ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލީ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހުރި ނުރަނގަޅު ކަންކަން އެއްފަރާތް ކޮށްފައި.

އެއީ ބިންގާ، އަޅުގަނޑުމެން މި އެޅީ. ދެން އޮތީ އެ ބިންގަލުގެ މަތީގައި އަޅުގަނޑުމެން ކުރިއަށް ދެވޭނެ ގޮތް ހޯދުން. އެކަމަކަށް ހަމަ ޑިމޮކްރެޓިކް ޕްރޮސެސްއެއް ގެންދިއުން އެއީ އެންމެ މުހިންމު ކަމަކީ. ރައްޔިތުންގެ ހާއްސަކޮށް ޕާޓީގެ މެމްބަރުންގެ ބައިވެރިވުމާއި މަޝްވަރާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން. މި އުސޫލުތައް ހިފެހެއްޓީމަ އަޅުގަނޑު ހިތުން ޕާޓީގެ ސިޔާސަތުތައް ރައްޔިތުން ގަބޫލުކުރާނެ.

ސިޔާސީ މަސައްކަތް ކުރާ އިރުގައި އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް މުހިންމު ކަމެއް އެއީ ޕޮލިޓިކަލް ޑައިލޮގެއް ގެންގުޅުމަކީ އެހެން ސިޔާސީ ޕާޓީތަކާ އެކީގައި ވެސް. އެމްޑީޕީގައި އަޅުގަނޑު ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ މަސައްކަތުގައި އާއި ވެސް އެކީގައި އަދި ބައެއް ފަހަރު ރައީސް މުހައްމަދު ނަޝީދު ތަމްސީލު ކުރާ މީހެއްގެ ގޮތުންނާ ވެސް އެކީގައި އެ މަސައްކަތް ހުރީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވިފައި. އެކިއެކި ޕާޓީތަކާ އެކީގައި ހިންގަން ޖެހޭ ޑައިލޮގް ހިންގިފައި ހުންނާނެ. އެކިއެކި މަޝްވަރާތަކުގައި ބައިވެރިވެގެން ކަންކަން ނިންމުމާ ހަމައަށް ގެންދެވިފައި ހުންނާނެ.

ހަމައެއާ އެކީގައި ޕޮލިޓިކަލް އެކްޓިވިޒަމަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭނެ ކަމެއް. އެއީ ބައެއް ކަހަލަ ހާލަތްތަކުގައި ބައެއް ކަންކަމުގައި އެ އެކްޓިވިޒަމް ދައްކަން ޖެހޭ. އަޅުގަނޑުމެންނަށް ބައެއް ކަންކަން ހާސިލެއް ނުކުރެވޭ ހަމައެކަނި ދައްކާ ވާހަކައަކުން. އެއަށް ވުރެ ބޮޑަށް އަމަލީ ގޮތުން އެކަމުގައި އިހުތިޖާޖު ކުރަން ޖެހޭ ތަންތަނުގައި އިހުތިޖާޖު ވެސް ކުރަން ޖެހޭ.

އަޅުގަނޑު ހިތުން ރައްޔިތުންނަށް ހާއްސަކޮށް، މި ޕާޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭނެ މި ޕާޓީ ގެންދަން ބޭނުންވާ މިސްރާބަށް ގެންދިއުމުގައި އަޅުގަނޑަށް އެއީކީ ދަތިކަމެއް ނޫން ކަން. އަދި މި ޕާޓީގައި މިވަގުތު ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނަށް ބަލައިފި ކަމަށް ވަންޏާ ވަކި އަޅުގަނޑަށް ވުރެ ރަނގަޅަށް، މި ދެންނެވި ހުރިހާ ކަމެއް، ޕާޓީގެ އިދާރީ ކަންކަމުގައި ބަސް ބުނަން އިސްކޮށް ހުންނާނެ މީހެއްގެ ގޮތުގައި ހުރެ އަދި ހަމައެއާ އެކީގައި ސިޔާސީ ނިންމުން ނިންމާނެ ގޮތުގައި ހުންނަން ޖެހުނު ކަމުގައި ވިޔަސް. ގާނޫނީ ވަކީލެއް އަޅުގަނޑަކީ، ލޯޔަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭނެ ވާހަކައެއް ނޫން އެކަމަކު އެ ނަޒަރިއްޔާތުން ކަންކަން ބެލި ކަމުގައި ވިޔަސް، ޕާޓީގެ މެމްބަރުންގެ އިތުބާރު އަޅުގަނޑަށް އޮންނާނެ.