Roadha Mihaaru
އެއްބާރުލުން ދޭން ޑިމޮކްރެޓްސްއިން ރައީސްގެ އަރިހަށް

ސަރުކާރަށް އެއްބާރުލުން ދޭން ޑިމޮކްރެޓްސް ޕާޓީން ރައީސްއާ މަޝްވަރާ ކުރައްވައިފި

24 ޖުލައި 2024

ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު "މިހާރު" އަށް މިއަދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާތީ، އެކަމަށް އެ ޕާޓީން ސަރުކާރަށް އެއްބާރުލުން ދޭން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން، ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމެނޭ ރާއްޖޭގެ އިގުތިސާދު އަދި މާލީ ސިޔާސަތު ތަންފީޒު ކުރުމުގައި އެކަން އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ހާމަކޮށްފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިގުތިސޯދީ ކަންކަމުގެ ތަޖުރިބާކާރުން ޑިމޮކްރެޓްސްގައި އެބަތިއްބެވި ކަމަށެވެ. އެ ދެ މަސައްކަތުގައި އެ ބޭފުޅުންގެ އެހީ ހޯދޭނެކަން ރައީސަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކި ފަންނުގެ އެކްސްޕާޓުން އެބަތިބި، އަދި އެ ފަންނުގެ އެހީ ހޯދޭނެ ކަމަށް ދަންނަވާފައިވާނެ." ހަސަން ވިދާޅުވި އެވެ.

އެ ކަންކަމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާ އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.

ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ވެސް ރައީސްއާ ބައްދަލުކުރައްވައިފަ އެވެ. އެކަމުގެ ތަފްސީލެއް ނުދިން ނަމަވެސް، ސިޔާސީ މަސްރަހުގައި ހުރި އެކިއެކި ކަންކަމާ ގުޅޭގޮތުން ރައީސް މުއިއްޒުއާ މަޝްވަރާ ކުރެއްވި ކަމަށް ހަސަން އޭރު ވިދާޅުވި އެވެ. އިއްޔެގެ ބައްދަލުވުމުގައި ޕާޓީން ބައިވެރިވެވަޑައިގެންނެވީ ހަސަން ލަތީފްގެ އިތުރުން ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.