Roadha Mihaaru
ދެ މިލިއަންގެ ބަދަލެއްދީ އަމީންގެ މައްސަލަ ނިންމައިފި

އަމީންއަށް ދެ މިލިއަން ރުފިޔާގެ ބަދަލެއްދީ، ވަޒީފާގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި

21 ނޮވެމްބަރ 2023

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކި ކުރި މައްސަލާގައި އޭނާ އަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވެ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކި ކުރި މައްސަލާގައި އޭނާ އަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވެ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.

ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު ތެރޭގަ އެވެ. އޭނާ އަށް އެންގީ އެ މަގާމުން ވަކިކޮށް، އެއަށްވުރެ ދަށް މަގާމަކަށް ވަޒީފާ އަށް ނުކުތުމަށެވެ. ނަމަވެސް، އެގޮތަށް އަމަލުކުރީ އޭނާއާ އެކު ހަދާފައި އޮތް ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އަމީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.

އެ މައްސަލާގައި މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ އަމީން ވަޒީފާ އިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން 15 ދުވަހުގެ ތެރޭގައި އެ މަގާމު އިޔާދަކޮށްދީ ނޫން ނަމަ، އެ ފެންވަރުގެ އެހެން މަގާމެއް ދިނުމަށް ކޯޓުން އެންގި އެވެ.

މީގެއިތުރުން ބަދަލުގެ ގޮތުގައި ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އެލެވެންސް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އަމީން އަށް ވަޒީފާ ދިނުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަނުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ކުރިއަށް ދަނިކޮށް، އައިލެންޑް އޭވިއޭޝަން އާއި އަމީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ނަމަ، އެ މައްސަލައެއް ހައި ކޯޓުން ވަގުތުން ބާތިލްކޮށްދެ އެވެ.

ހައި ކޯޓުން މައްސަލަ ބާތިލް ކުރި ކަމުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަމީންގެ ވަޒީފާ އިޔާދަކޮށް ބަދަލުގެ ގޮތުގައި 2،202،508ރ. ދޭން ކޯޓުން ބޭރުގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެއްބަސްވެފަ އެވެ.