Roadha Mihaaru
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި

21 ނޮވެމްބަރ 2023

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެތަނުން އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ދެވަނަ މީހާ އަށް ފަރުވާދެމުން އަންނަނީ އެޗްޑީޔޫގައި ކަމަށް އަފްއާލް ވިދާޅުވި އެވެ.

އައިސީޔޫގައި ފަރުވާދެމުން އަންނަ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އެޗްޑީޔޫގައި ފަރުވާ ދެމުން އަންނަ ފިރިހެން މީހާ ސްޓޭބަލް،" އައްފާލް ވިދާޅުވި އެވެ.

ބަލި މީހުންގެ ހާލާ ގުޅޭ މައުލޫމާތު ހޮސްޕިޓަލުތަކުން އާންމު ނުކުރާތީ، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލު ލިބޭ ގޮތެއް އަދި ނުވެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ރޭ ފަރުވާ ދިނެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ދެން ތިބި ދެ މީހުންގެ އާއިލާއިން ބޭނުންވެގެން ރޭ އޭޑީކޭ ހޮސްޕިޓަލަށް އެމީހުން ބަދަލުކުރީ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނު ތެރޭގަ އެވެ.