Roadha Mihaaru
ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި

ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ

30 އޮކްޓޯބަރ 2018

ރެއާއި މިއަދު ހެނދުނު މާލެ- ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރެއާއި މިއަދު ހެނދުނު މާލެ- ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެ އަށް ދިޔަ ދެ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެއް ސައިކަލް އަނެއް ސައިކަލްގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 50 އަހަރުގެ ފިރިހެނަކާއި، 20 އަހަރުގެ ފިރިހެނަކާއި، 17 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ އަންހެނެކެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނި ގޮތުގައި މި ހާދިސާގައި އެ ހަތަރު މީހުންނަށް ވެސް އަނިޔާ ލިބިފައިވަނީ އެ މީހުންގެ ބޮލަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ތިން ފިރިހެނުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ސީޓީ ސްކޭނެއް ހެދުމަށް ފޮނުވާފައި ކަމަށް އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނިޔާވި ހުރިހާ އެންމެންގެ ހާލު ރަނގަޅު. އަނިޔާވި އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އެޗްޑީސީ ވޭނެއް ދުއްވަން އިން 35 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެ އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރު ކުރި މަގުމަތީގައި ވޭނުގެ ކޮންޓްރޯލް ދޫވެގެން ގޮސް އަރިމަތީގައި ހުރި ފެންސްތަކުގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ އަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ސީޓީ ސްކޭނެއް ހެދުމަށް ވަނީ ފޮނުވާފަ އެވެ. އަދި އޭނާއަށް ބޮލަށް ލިބިފައިވާ އަނިޔާގެ އިތުރުން، އޭނާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ކަށީގައި ބައިވަރު ރެނދުލާފައިވާ ކަމަށް ވެސް އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި އެޗްޑީސީ ވޭނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވޭނުގެ ކުރީކޮޅާއި، ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް އިތުރަށް ތަހްގީގު ކުރަމުންނެވެ.