23 ނޮވެމްބަރ 2023
ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށާއި އަވަށްތަކަށް އިޒްރޭލު ސިފައިން މިއަދު ފަތިހު ވަދެގަނެ ހިންގަމުންދާ އުދުވާންތަކުގައި ފަލަސްތީނުގެ ބައެއް މީހުން ޝަހީދުކޮށްލައި ބައެއް ޒުވާނުން ހައްޔަރުކޮށްފި އެވެ.
ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށާއި އަވަށްތަކަށް އިޒްރޭލު ސިފައިން މިއަދު ފަތިހު ވަދެގަނެ ހިންގަމުންދާ އުދުވާންތަކުގައި ފަލަސްތީނުގެ ބައެއް މީހުން ޝަހީދުކޮށްލައި ބައެއް ޒުވާނުން ހައްޔަރުކޮށްފި އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މިއަދު ފަތިހު އެންމެ ފުރަތަމަ ވަދެގަތީ ގަލްގީލިޔާ ފޭލިގެ އަވަށަށެވެ. އޭގެ ފަހުން ހުޅަނގު އައްސޭރީގެ ނާބުލުސް އާއި ޚަލީލު ސަހަރަށް ވެސް އިޒްރޭލު ސިފައިން ވަދެގަނެ، ތަންތަން ބަލައި ފާސްކުރަން ފެށި އެވެ.
އެއިން ކޮންމެ ސަރަހައްދަކަށް އިޒްރޭލު ސިފައިން ވަދެގަތުމާއެކު، ފަލަސްތީނުގެ ޒުވާން މުޖާހިދުން، އޮއްގަލާއި ލަކުޑިބުރި ފަދަ ތަކެތިން، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް ހަމަލާ ދޭން ފަށަ އެވެ. އެއާއެކު، އިޒްރޭލު ސިފައިން ބަޑި އާއި ކަރުނަގޭސް ބޭނުންކޮށްގެން ފަލަސްތީނުގެ މުޖާހިދުންނަށް ހަމަލާތައް ދެ އެވެ.
ނާބުލުސްގެ އިރުމަތިން އޮންނަ ބަލާތާ އަވަށަށް އިޒްރޭލު ސިފައިން ވަދެގަތުމާއެކު، ފަލަސްތީނުގެ މުޖާހިދުންގެ ފަރާތުން ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެއާއެކު ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމަށް ފަހު، އިޒްރޭލު ސިފައިން ދެން ފެށީ ބަލާތާ އަވަށުގެ ގެތައް ބަލައި ފާސް ކުރުމަށެވެ. ބައެއް ގެތަކުން ފަލަސްތީނުގެ ޒުވާނުން ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.
ބަލާތާ އަވަށުގައި ހިނގި ކުރިމަތިލުންތަކުގައި ޒަޚަމްވެގެން މަގުމައްޗަށް ވެއްޓުނު ފަލަސްތީނުގެ 10 ވަރަކަށް ޒުވާނުން ހޮސްޕިޓަލަށް ނުގެންދެވި ދެތިން ގަޑިއިރު މަގުތަކުގައި ތިބެން ޖެހުނެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޒަޚަމްވި މީހުން ތިބި ސަރަހައްދަށް އެމްބިއުލާންސްތައް ދިއުން އިޒްރޭލުން މަނާކުރުމާ ގުޅިގެން، އެމީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވި ގިނަ ވަގުތުތަކެއް ހޭދަވި އެވެ.
ބަލާތާ ފޭލިގެ އަވަށުން މިއަދު ފަތިހު 35 މީހަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ. އަދި ޚަލީލު ސަހަރުގެ އުތުރުގައި އޮންނަ އަލްއަރޫބު ފޭލިގެ އަވަށުން ވެސް ފަލަސްތީނުގެ 15 ޒުވާނަކު ހައްޔަރުކޮށް، 17 ކާރެއް އިޒްރޭލުގެ އަސްކަރިއްޔާ އިން ނަގައިގެން ގެންދިޔަ އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން މިފަހަކަށް އައިސް އުދުވާންތައް ހިންގަން ފެށީ، ހުސްވި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން މަގުތަކަށް ނުކުމެ އިހުތިޖާޖް ކުރަން ފެށުމާ ގުޅިގެންނެވެ.
އޮކްޓޫބަރު 7 ގައި އިޒްރޭލު ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް 47 ދުވަސް ވެގެން ދިޔަ އިރު، ޣައްޒާ އިން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 14530 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 6500 އަށް ވުރެ ގިނަ ކުޑަކުދިންނާއި 4000 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ކަމަށް ވިޔަސް، އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އޭގެ އިތުރުން ޣައްޒާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިދާރާތަކާއި ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.
ހުޅަނގު އައްސޭރީގައި ހަމާސްގެ ތާއީދު އިތުރުވަނީ
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
މުޅި ދުނިޔެއަށް ވުރެ ގާޒާގައި މަރާލި ކުދިން ގިނަ
20 އަހަރަށް ފަހު ހުޅަނގު އައްސޭރިއަށް ބޮން އަޅައިފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި