Roadha Mihaaru
ޔާމީންގެ ސިޔާސީ ފުރޮޅާލުމަކީ ޗެލެންޖެއް ނޫން!

ޔާމީންގެ ސިޔާސީ ފުރޮޅާލުމަކީ ޗެލެންޖެއް ނޫން!

26 ނޮވެމްބަރ 2023

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު ޕީއެންސީގެ އޭރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުންނެވީ އުއްމީދުތަކަކާ އެކުގަ އެވެ. އުނދަގޫ ފަސް އަހަރު، ޔާމީންގެ ހައްގުގައި ކުރި މަސައްކަތާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް އިސްވެ ތިއްބަވައި އާއްމު މެމްބަރުންގެ ގުރުބާނީން ކާމިޔާބުވި ވެރިކަން އޮމާންކަމާ އެކު ގެންދިއުމުގެ އެހީތެރިކަމާއި އިރުޝާދު ދެއްވާނެ ކަމުގެ ޔަގީން ކަމުގަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު ޕީއެންސީގެ އޭރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުންނެވީ އުއްމީދުތަކަކާ އެކުގަ އެވެ. އުނދަގޫ ފަސް އަހަރު، ޔާމީންގެ ހައްގުގައި ކުރި މަސައްކަތާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް އިސްވެ ތިއްބަވައި އާއްމު މެމްބަރުންގެ ގުރުބާނީން ކާމިޔާބުވި ވެރިކަން އޮމާންކަމާ އެކު ގެންދިއުމުގެ އެހީތެރިކަމާއި އިރުޝާދު ދެއްވާނެ ކަމުގެ ޔަގީން ކަމުގަ އެވެ.

އެކަމަކު މަރުހަބާގެ އެންމެ އިސް ސަފުގައި އާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދުރޭ ތިއްބެވި ނަމަވެސް ޔާމީނަށް އެ މަންޒަރު ފެނިވަޑައިގަތް ކަމުގެ އިހުސާސެއް އަދުރޭ އަށް ނުކުރެއްވުނެވެ. އެހެން ފަހަރުތަކުގައި ބޭއްވެވި ގާތްކަމުގެ ބަދަލުގައި ފެނުނީ ޔާމީންގެ ފަރާތްޕުޅުން ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ތަނެވެ.

އަދުރޭ ވިދާޅުވީ "މާ ދުރުދުރުން ސަލާންކޮށްފައި ވަޑައިގަތީ" ކަމަށެވެ. ސިޔާސީ ގޮތުން ޔާމީންގެ އޮތީ މުޅިން އެހެން މިސްރާބެއް ކަމުގެ އިހުސާސް އަދުރޭއަށް އެ ދުވަހު ކުރެއްވުނެވެ.

ޔާމީން ކަންކުރެއްވީ ވެސް އެގޮތަށެވެ!

ވެރިކަމަށް ހަފުތާއެއް ނުވަނީސް ސަރުކާރާ ދެކޮޅުކަން އާ ޕާޓީއެއް އުފައްދަވަން ނިންމަވައި އިއުލާން ކުރައްވައިފި އެވެ. ބާރާއި ނުފޫޒު އަދި ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި މެމްބަރުންނާ އެކު ޕާޓީގެ ކޮންޓްރޯލް ނުނެންގެވޭނެ ކަން ކަށަވަރުވުމާ އެކު ވިސްނެވުން ހުރީ އެ ޕާޓީން މަޖިލީސް އިންތިހާބު ކާމިޔާބު ކުރެއްވުމެވެ. ބޭނުމަކީ މަޖިލިސް މެދުވެރިކޮށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ.

މިއީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް ވަޑައިގަތް ރައީސް މުހައްމަދު މުއިއްޒަށް ޗެލެންޖަކަށް ވެދާނެ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު ސިޔާސީ މަސްރަހުގައި ގިނަ ތަޖުރިބާތަކެއް މިހާތަނަށް ކުރެއްވި އަދުރޭ ވިދާޅުވީ "ޔާމީންގެ އާ ޕާޓީއަކީ ޗެލެންޖެއް ނޫން" ކަމަށެވެ.

އަޅުގަނޑު ނުދަންނަވަން ޔާމީނަށް ޕާޓީއެއް ނުއުފެއްދޭނެއެކޭ، އެކަމަކު އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އަދި އެންމެ ހަތް ދުވަހޭ މިވީ. ހަތް ދުވަސް ވާއިރަށް އަދި ބޭނުންވާ ކަމެއް ހަމަނުޖެހިގެން ވިޔަސް އަދި އެހެން ކަމެއް ވިޔަސް ގަބޫލެއް ނުކުރަން ޕީޕީއެމްގެ ލީޑަރަކަށް ހުންނަވާ ވަޑައިގަތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް. -- އަބްދުއްރަހީމް

ޔާމީނަށް ޖަލްސާތަކުގައި ހާއްސަ ކުރި ހުސް ގޮނޑި ނަންގަވައި، އޭނާގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ހޯދައި ދެއްވުމެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މާބޮޑު ގޮންޖެހުމަކަށް ވެދާނެ ކަމަކަށް. އެހެން މި ދެންނެވީ ވަރަށް ސާފުވީމި ޕީޕީއެމް/ޕީއެންސީ އޮތީ ކިހިނެއް ކަން. ޕީޕީއެމް/ޕީއެންސީ މިއޮތީ އެކީގައި އަދިވެސް." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ދޫކޮށްލައްވައި އާ ޕާޓީއެއް އުފެއްދެވުމުގެ ކުއްލި ނިންމެވުމާ ހަމައަށް ޔާމީން ވަޑައިގަތީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގޮތަށް އެކުގައި ތިބެ މަޖިލިސް އިންތިހާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރަނިކޮށެވެ.

ދެ ޕާޓީ އެކުގައި ޕްރައިމަރީއެއް ބާއްވާ އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީންއާ ވެސް ލީޑަޝިޕުން ބޭފުޅުން ވަޑައިގެން މަޝްވަރާ ކުރެއްވި އެވެ. އެކަމުގައި ކުރިއަށް ދިޔުމަށް ޔާމީން އިރުޝާދު ވެސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުން އެ ނިންމެވުން ބަދަލުކުރައްވައި ޔާމީން އަވަހަށް އާ ޕާޓީއެއް އުފެއްދަވައި ސިޔާސީ ވިސްވުން ހާމަކުރެއްވުމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީއަށް ލިބުނު ފަސޭހައެކެވެ. ޕީޕީއެމް/ޕީއެންސީން އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމުގެ ޔަގީން ކަން މިހާރު ލިބިފައިވާ ކަމަށާއި ދެ ޕާޓީގެ މެންބަރުންނަށް ވެސް މިހާރު ވޯޓުލާންވީ ކެންޑިޑޭޓް ސާފުކޮށް ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޅުމެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭނެ ކޮބައިތޯ ކެންޑިޑޭޓަކީ. މީގެ ސަބަބުން މާބޮޑު ގޮންޖެހުމެއް އަންނާނެ ކަމަކަށް ނުދެކެން. ދެން ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ނާންނާނެއެކޭ ނޫން މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޖުމްލަކޮށް ރައްޔިތުން ބަލައިގަތީ ރައީސް މުއިއްޒު ހުށަހެޅުއްވި މެނިފެސްޓޯ. އެ ތަންފީޒުކުރުމަށްޓަކައި ފުރުސަތު ދެއްވީ ރައްޔިތުން. އެހެންވީމަ ރައީސްގެ ކެބިނެޓާއި ޓީމާ އެކީގައި އަޅުގަނޑު ހަމަ ގަބޫލު ކުރަނީ މާއުނދަގޫ ނުވެ ކުރިއަށް ދެވޭނެހެން."

ގައުމުގެ ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބާއްވާ ރަސްމިއްޔާތެއްގައި އިތުރު ގޮނޑިއެއް ނުބެހެއްޓޭނެ. އެ ތަފާތު ފެންނާނެ މިހާރު. އެއީ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމެއް ނޫން. -- އަބްދުއްރަހީމް

އަބްދުއްރަހީމް ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމް ދޫކުރައްވާ ވަޑައިގަންނަވަން ޔާމީން ނިންމެވި ނިންމުމަކީ ސިޔާސީ ގޮތުން ތަޖުރިބާ ހުންނެވި ފަދަ ވަރުގަދަ ލީޑަރަކު ކުރައްވާ ފަދަ ކަމެއް ނޫނެވެ. އޭގެ ސަބަބެއް ކަމަށް އަބްދުއްރަހީމް ދެއްކެވީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި މުހައްމަދު ނަޝީދު، އަމިއްލަ ޕާޓީއެއް އުފައްދައިގެން އުޅެން ޖެހުނު ސިޔާސީ ނިކަމެތި ހާލަތެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީންގެ އަރިހުގައި އަބްދުއްރަހީމާއި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޒަމީރު - ފޮޓޯ: މިހާރު

ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީންގެ އަރިހުގައި އަބްދުއްރަހީމާއި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޒަމީރު - ފޮޓޯ: މިހާރު

"އަޅުގަނޑު ނުދަންނަވަން ޔާމީނަށް ޕާޓީއެއް ނުއުފެއްދޭނެއެކޭ، އެކަމަކު އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އަދި އެންމެ ހަތް ދުވަހޭ މިވީ. ހަތް ދުވަސް ވާއިރަށް އަދި ބޭނުންވާ ކަމެއް ހަމަނުޖެހިގެން ވިޔަސް އަދި އެހެން ކަމެއް ވިޔަސް ގަބޫލެއް ނުކުރަން ޕީޕީއެމްގެ ލީޑަރަކަށް ހުންނަވާ ވަޑައިގަތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް،"

"އެކަމަކު ރައީސް ޔާމީނަށް ރަނގަޅު ގޮތެއް ވީމަ ކަންނޭނގެ އެ ވަޑައިގެންނެވީ."

ދެން ހުސް ގޮނޑިއެއް ނުބެހެއްޓޭނެ، އެއީ ހަގީގަތް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭރު ވެސް އަދި މިހާރު ވެސް ބަދަލު ނުވާ ހަގީގަތްތަކެއް އެބަ އޮތެވެ. އެއީ، ޔާމީނަށް ޕީޕީއެމް/ޕީއެންސީން އަބަދުވެސް އިހްތިރާމް ކުރާނެ ކަމާއި ވެރިކަން ލިބުމުގައި ވެސް ޔާމީންގެ ހިއްސާ ވަރަށް ބޮޑު ކަމެވެ. އެއީ ދެބަސްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ދެއްކެވި އަނެއް ހަގީގަތަކީ މި ވަގުތު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އަކީ މުއިއްޒު ކަމެވެ.

"ރައްޔިތުން ވެރިކަމަށް ބޭފުޅަކު އައްޔަންކޮށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެން އެއީ ކަން އިސް ބޭފުޅަކީ. ގައުމުގެ އެންމެ އިސް ބޭފުޅަކީ ރައިސުލްޖުމްހޫރިއްޔާ ކަން. އެއްވެސް އިރެއްގައި ޔާމީންގެ ސަޕޯޓް ނުލިބޭ ވާހަކައެއް އަޅުގަނޑުމެން ނުދަންނަވަން. އެކަމަކު މިއަދަކު ގޮނޑިއެއް ހުސްކޮށެއް ނުބޭންދޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމުގެ ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބާއްވާ ރަސްމިއްޔާތެއްގައި އިތުރު ގޮނޑިއެއް ނުބެހެއްޓޭނެ. އެ ތަފާތު ފެންނާނެ މިހާރު. އެއީ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމެއް ނޫން."

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ނެތް ނަމަވެސް، މި ސަރުކާރު ބަލިކަށި ނުވާނެ ކަމަށެވެ. ވެރިކަމުގެ ފުރުސަތު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައިވާއިރު، އެ ފުރުސަތުގައި ރައްޔިތުން އެދޭ ފަދަ ވަރުގަދަ، ހިންގުންތެރި ލީޑަރަކަށް ރައީސް ވެވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޔާމީން ވެސް ވެރިކަން ކުރެއްވީމަ އެހާ ވަރުގަދަ ލީޑަރަކަށްވެވަޑައިގެންނެވީ، އެތައް ރައްޔިތުންނެއްގެ ތާއިދު ވެސް ލިބުނީ. 2013ގައި ޔާމީން ގޮވައިގެން ވެރިކަން ހޯދަން ނުކުތްއިރު ޔާމީން އެހާ ޕޮޕިއުލާއެއް ނޫން ރައްޔިތުންގެ ތެރޭގައި. މައުމޫންގެ ތާއިދާ އެކު ވެސް ލިބުނީ 25 ޕަސެންޓް ވޯޓު. ގާސިމް ދެވަނަ ބުރުގައި ވަޑައިގެން ވެރިކަން އަޅުގަނޑުމެންނަށް އޭރު ލިބުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިފަހަރު ގިނިކަންޏާ ނުކުމެވަޑައިގެން މުއިއްޒު އެ ނެންގެވީ އެއްލައްކައަށް ވުރެ ގިނަ ވޯޓު، އެ ހުރިހާ ވޯޓު އެއީ ޔާމީންގެ ތާއިދާ އެކު ލިބުނު ވޯޓެއް ނޫން. ޑރ. މުއިއްޒު ވީމަ ލިބުނު ވޯޓު ވަރަށް ގިނަ."

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބުނީ މުއިއްޒު ވާދަކުރެއްވުމުންނެވެ. އެކަން މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އިން ފެންނަން އޮތް ކަން އަދުރޭ ފާހަގަކުރެއްވި އެވެ.

އަދުރޭ ވިދާޅުވީ ދުވަހަކު ވެސް ޕީޕީއެމް ފިކުރަށް މާލޭގެ މެޖޯރިޓީ ނުލިބޭ ކަމަށާއި އެކަން އަނބުރާލެއްވީ މުއިއްޒު، މާލޭ ސިޓީ މޭޔަރު ކަމުގައި ކުރެއްވި ހިދުމަތުން ކަމަށެވެ.

"އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި ދެން ވެސް ބަދަހިކޮށް އެކުވެރިކޮށް ދާނީ ކުރިއަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއްގައި ޔާމީނަށް ގޮނޑިއެއް ހާއްސަކޮށްފައި: އަބްދުއްރަހީމް ވިދާޅުވީ މިހާރު އެގޮތަށް ގޮނޑިއެއް ނުބެހެއްޓޭނެ ކަމަށް - ފޮޓޯ: މިހާރު

މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއްގައި ޔާމީނަށް ގޮނޑިއެއް ހާއްސަކޮށްފައި: އަބްދުއްރަހީމް ވިދާޅުވީ މިހާރު އެގޮތަށް ގޮނޑިއެއް ނުބެހެއްޓޭނެ ކަމަށް - ފޮޓޯ: މިހާރު

އަޅުގަނޑާއި މުއިއްޒުއާ ދޭތެރޭ ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށް. އެމަނިކުފާނު ވަޑައިގަންނަވާތީ އަޅުގަނޑުމެން ތިބީ އެންމެ ކުރީގައި. އެހެން ނޫނީ ޔާމީން އެގޮތަށް މިނިވަންވެވަޑައިގެންނަވާއިރު ބައްދާލާފައި ކޮނޑުގަ ޖަހާލާނެ، އެކަމަކު އެ ދުވަހު އެކަހަލަ އެއްވެސް ގާތް ކަމެއް ނުފެނުނު، ވަރަށް ދުރުދުރުން ސަލާމްކޮށްލާފައި ވަޑައިގެންނެވީ. -- އަބްދުއްރަހީމް

އޭނާ އެދިވަޑައިގަންނަވަނީ ސިޔާސީ ވެރިން، ހާއްސަކޮށް ކުރީގެ ރައީސުން އެހެން ބޭފުޅުންނަށް ވެސް ވެެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވުމެވެ.

"ގަބޫލުކުރަންވީ ދުނިޔެ އަބަދު އެއްގޮތަކަށް ނޯންނާނެ ކަން. އެކިއިރު ރައީސް ކަން ކުރައްވާނީ އެކި ބޭފުޅުން ކަން، މިއިކީ ވަކި ބޭފުޅަކަށް ވަކި ބޭފުޅުންނަކަށް މިލްކުވެފައި އޮންނަ އެއްޗެއް ނޫން ކަން، އެހެން ނަމަ ރައީސް މައުމޫން ނޫންތޯ އަދިވެސް ވެރިކަމުގައި ހުންނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ބަދަލުވަމުންދާ އެއްޗެއް އެއީ. އެ ހަގީގަތް ގަބޫލުކުރަންވީ."

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ވެރިންގެ ހަލަބޮލިކަމުގެ ތެރޭގައި ރައްޔިތުން އަބަދު ތިބެންޖެހުމަކީ ގޯހެއް ކަމަށާއި މިފަހަރު ރައްޔިތުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމުގައި ރައްޔިތުން އުއްމީދު ކުރަނީ އަމާންކަމާއި ތަރައްގީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ފެހި ގާނޫނުއަސާސީ އައި ފަހުން މި ރާއްޖޭގައި ކުރެވޭ އެންމެ ކާމިޔާބު ވެރިކަމަށް. ރައްޔިތުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ޒައާމަތަށް ވާނެ،" އަބްދުއްރަހީމް، ރައީސަށް ތައުރީފް ކުރައްވަމުން ވިދާޅުވި އެވެ.

"ޔާމީން އަޅުގަނޑާ މެދު އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށް"

ސިޔާސ އެކުވެރިންގެ ގޮތުގައި 20 މަސައްކަތް ކުރެއްވި ދެ ބޭފުޅުން ސިޔާސީ ގޮތުން ދެ ފަރާތަކަށް މޫނު އަނބުރާލެއްވިއިރު، އަބްދުއްރަހީމް ގަބޫލު ކުރައްވާ ގޮތުގައި އޭނާ އަށް ލިބުނު ކާމިޔާބީގައި ޔާމީން އަކީ ވަރަށް ބޮޑު ހިއްސާދާރެކެވެ. މަޖިލީހަށް ވަޑައިގެން، ޔާމީންއާ އެކު ޕީއޭގައި މަސައްކަތް ކުރައްވާ، ޕީއެންސީ އުފައްދަވައި އެ ޕާޓީގެ ރައީސްކަމާ ހަވާލުވާން ވެސް އެދިވަޑައިގެންނެވީ ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް އެ އިހްތިރާމް އެމަނިކުފާނަށް އޮންނާނެ. އެކަމަކަށް ބަދަލެއް ނާދޭ. ޔާމީނަށް ނިކަމެތިކަމެއް އަންނަ ފަދަ ކަމެއްވާކަށް ވެސް އަޅުގަނޑު ދުވަހަކު ވެސް ނޭދެން. ކުޑައިމީސް ބަހެއް ދަންނަވާކަށް ވެސް ބޭނުމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުން، އޭނާ އާއި ޔާމީންއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށްފައިވާ ކަން އިހްސާސް ކުރެވުނީ އިންތިހާބަށް ފަހު، ޔާމީން ގެއަށް ބަދަލުކުރި ދުވަހު އެވެ. އެ ދުވަހު ޔާމީން، އޭނާއާ މެދު އަމަލު ކުރައްވަނީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ސަޕޯޓަރުންގެ ކުރިމަތީގައި ޔާމީން އެ ދުވަހު އަމަލު ކުރެއްވި ގޮތް އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

"އަޅުގަނޑާއި މުއިއްޒުއާ ދޭތެރޭ ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށް. އެމަނިކުފާނު ވަޑައިގަންނަވާތީ އަޅުގަނޑުމެން ތިބީ އެންމެ ކުރީގައި. އެހެން ނޫނީ ޔާމީން އެގޮތަށް މިނިވަންވެވަޑައިގެންނަވާއިރު ބައްދާލާފައި ކޮނޑުގަ ޖަހާލާނެ، އެކަމަކު އެ ދުވަހު އެކަހަލަ އެއްވެސް ގާތް ކަމެއް ނުފެނުނު، ވަރަށް ދުރުދުރުން ސަލާމްކޮށްލާފައި ވަޑައިގެންނެވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ހިސާބުން ވެސް އަޅުގަނޑުމެންނަށް އެނގިއްޖެ އަޅުގަނޑުމެންނާ ދޭތެރޭ އެހާ ރަނގަޅު ނޫން ކަމަށް."

އަބްދުއްރަހީމަށް ސާފުނުވާ ކަމަކީ، އެގޮތަށް ޔާމީން އަމަލު ކުރެއްވި ސަބަބެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ޔާމީން އެންގެވި ގޮތަކަށް ނޫން ގޮތަކަށް އެއްވެސް ކަމެއް، އެންމެ ކަމެއް ފިޔަވައި ކުރައްވާފައިނުވާނެ ކަަމަށެވެ.

"އެއީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރައްވަން އެދިވަޑައިގެންނެވުން. އަޅުގަނޑު މިއަދު ވެސް މި ދަންނަވަނީ އެއީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެންމެ މީހަކަށްޓަކައި މުޅި ޕާޓީ މަގުކޮށްލުމަކީ ކުރާވަރު ކަމެއް ނޫން. އެހެންވެ އެގޮތަށް އަމަލުކުރީ ޔާމީން ފޮނުއްވި ނޯޓުން މަޝްވަރާ އަށް ވެސް ޖާގަ ދެއްވާފައި އޮތުމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މީގެކުރިން އެންމެ ފުރަތަމަ ފޯނު ކޯލް އަބްދުއްރަހީމަށް ކުރެއްވި ނަމަވެސް، ގެއަށް ބަދަލުކުރި ފަހުން މިއަދާ ހަމައަށް އެންމެ ފޯނު ކޯލެއް ވެސް، މެސެޖެއް ވެސް ޔާމީންގެ ފަރާތުން ނުލިބެ އެވެ.

"އިސްވެ އަޅުގަނޑަށް ނުގުޅުއްވާ އެހެން ބޭފުޅުންނަށް ގުޅުއްވައިގެން އަޅުގަނޑަކީ މިކަހަލަ މީހެކޭ އެކަހަލަ ކަމެކޭ ކިޔުއްވީމަ އަޅުގަނޑު ބޭނުން ނުވީ ޔާމީން ފެންނަ ހިސާބަށް ވެސް ދާން. އެއްގޮތަކަށް ވެސް ރުޅިވެރިކަމެއް އޮވެގެނެއް ނޫން. އުނދަގޫވީ، އެފަދަ ބޭފުޅަކު އެހާ ހިތްހަމަނުޖެހިވަޑައިގެން ހުންނަވަނިކޮށް ހަތަރު ކަޅި ހަމަކުރަން އުނދަގޫވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.