Roadha Mihaaru
ވިނަރެސްގެ އަގުހެޔޮ ކުރުން އަވަސްކޮށްދޭން ރައީސަށް ދަންނަވަނީ

ވިނަރެސްގެ އަގުހެޔޮ ކުރުން އަވަސްކޮށްދޭން ރައީސަށް ދަންނަވަނީ

26 ނޮވެމްބަރ 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އަވަސްކޮށްދޭން އެދި އެމަނިކުފާނަށް ހުށަހަޅަން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އަވަސްކޮށްދޭން އެދި އެމަނިކުފާނަށް ހުށަހަޅަން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި މެދުފަންތީގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އެޅި ވިނަރެސް ފުލެޓްތަކުގެ އަގު ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިން ޕްލޭންކޮށްފައި އޮތް އަގަށްވުރެ ބޮޑުކޮށެވެ. ޑައުން ޕޭމަންޓްގެ ގޮތުގައި އެވްރެޖްކޮށް 375،000 ރުފިޔާ އާއި 500،000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް ނަގާފައިވެ އެވެ.

އަދި މަހު ކުލީގެ ގޮތުގައި މަހަކު 16،000 ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ދައްކަންޖެހެ އެވެ. މި އަގުތައް ކުޑަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދުގެ ވާހަކަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނެތުމުން ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރަން ގިނަ ބަޔަކު ބައިވެރިވެގެން ސިޓީއެއް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މިހާތަނަށް 100 އެއްހާ މީހުން ސޮއިކޮށްފައިވާ ކަމަށް، މިކަމުގައި އިސްކޮށް އުޅުއްވާ ޔާމީން އިދުރީސް ވިދާޅުވި އެވެ.

"ރައީސްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވިނަރެސް ފުލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރުން ހިމޭނެނެ ކަމަށް ވިނަރެސް ފުލެޓް ލިބުނު ހުރިހާ ފަރާތްތަކުން ތިބީ އުއްމީދުކޮށްގެން. ނަމަވެސް 100 ދުވަހުގެ ވައުދުގައި އެކަން އެގޮތަށް ހިމެނިފައި ނެތުމުން އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވަން. ލިބުނު މާޔޫސްކަމެއް،" ސިޓީގައިވެ އެވެ.

ނަމަވެސް ވީއެންމެ އަވަހަކަށް ވިނަރެސްގެ މަހު ކުއްޔާއި ޑައުންޕޭމަންޓްގެ އަގު ކުޑަ ކުރުމުގެ ވައުދު ރައީސް ފުއްދަވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ހުށަހަޅަން ތައްޔާރުވަމުން އަންނަ ސިޓީގައި ބުންޏެވެ.

ސިޓީގައި އެދިފައިވަނީ ވިނަރެސް ފުލެޓްގެ މަހުކުލި މެއިންޓެނެންސްފީއާ އެކު 8000 ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތަށް ހަމަޖެއްސުމާއި ޑައުންޓްޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 100،000 ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތަށް ހަމަޖައްސައިދިނުމެވެ. އަދި ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.

ވިނަރެސް އެޕާޓްމަންޓްތަކުގައި ހުރި މައިގަނޑު މައްސަލަތައް؛

- ވިނަރެސް އެޕާޓްމަންޓްގެ ކުޑަ ދޮރުތައް އެތެރެއަށް ހުޅުވޭ ގޮތަށް ހަރުކޮށްފައި ހުރުމުގެ ސަބަބުން ކޮންމެ ކޮޓަރިއަކުން ފަނަރަ އަކަ ފޫޓު ގެއްލިގެންދޭ. އަދި މިދޮރުތައް ބަދަލުކުރުމަށް ކޮންމެ މީހަކު އިތުރު ހަރަދުތަކެއް ކުރަންޖެހުން.

- ހަވާލުކުރަމުންދާ އެޕާޓްމަންޓްގެ ޓައިލްސް ކޮލިޓީ އާއި ފިނިޝިންގެ ފެންވަރު ދަށްވުން

- ބަދިގޭގަ ހުޑް ފަދަ ތަކެތި ނެތުމުން ބަދިގެ ސެޓްއަޕް ނުނިމި ހުރުން. އަދި މިކަމަށްވެސް ބޮޑު ހަރަދެއް ކުރަންޖެހުން

- ލަގްޒަރީ އެޕާޓްމެންޓްގެ އަގުގައި އެޕާޓްމަންތައް ވިއްކަމުންދާ ނަމަވެސް ތަނުގެ ބޮޑުމިނާއި މަސައްކަތުގެ ފެންވަރު ވެސް ހުރީ އެހެން ސޯޝަލް ހައުސިން އެޕާޓްމަންޓްތަކާ އެއް ފެންވަރެއްގައި.

ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވަނީ ދެ ލައްކަ ރުފިޔާގެ ޑައުންޕޭމަންޓަކާއި އަދި މަހުން މަހަށް ފައިސާ ދައްކަންޖެހޭ ގޮތަށް ވިނަރެސް ފްލެޓްތައް ދޫކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ކުރީގެ ސަރުކާރުގައި މަޝްރޫއު ރޭވި ގޮތާ ހިލާފަށް ކަމަށެވެ.

"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދީ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެެވެން އޮތީމަ. އެއީ އެ ޕްރޮޖެކްޓަކަށް ނެގި ލޯނާއި ހުރިހާ ތަފްސީލެއް އަޅުގަނޑަށް އެނގޭ. ފުރިހަމަ ފައިދާއެއް އާބަންކޯ އަށް ލިބޭނެ ކުޑަ ކުރިޔަސް،" ރައީސް ވިދާޅުވެފައިވެ އެވެ.