Roadha Mihaaru
ގެދޮވެރިކަމުގެ ލޯނުތައް އޮކްޓޫބަރުގައި ދޫކުރަން ފަށަނީ

ފަސް ޕަސެންޓަށްވުރެ އިންޓަރެސްޓް ރޭޓް ދަށް، ގެދޮވެރިކަމުގެ ލޯނުތައް އޮކްޓޫބަރުގައި ދޫކުރަނީ

27 ޖުލައި 2024

ގެދޮރުވެރިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ފަސް ޕަސެންޓަށް ވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެ ގޮތަށް ދޫކުރާ ލޯނުތައް އަންނަ އޮކްޓޫބަރު މަހު ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެދޮރުވެރިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ފަސް ޕަސެންޓަށް ވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެ ގޮތަށް ދޫކުރާ ލޯނުތައް އަންނަ އޮކްޓޫބަރު މަހު ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުން ކަމަށް ވާއިރު، މި ލޯނަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ނެގޭ ގޮތަށް ހުޅުވައިލާ ފުރުސަތެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ލޯނު ދޫކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު އޮތީ ނިމިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ލޯނު ދޫކުރާނެ ކަމަށެވެ. އެއީ މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރެވޭނެ އެވެ.

ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ މި ފަހުން ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން މާލޭ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅާލުމަށް ބާކީ އަޅަންޖެހޭ ދެ ބްރިޖުގެ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ވެސް ހޯދާފައި ކަމަށް ވިދާޅުވެފަ އެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިހާރު ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގައި ގިރާވަރުފަޅު ގުޅުވައިލުމާއި ގިރާވަރުފަޅުން އުތުރުތިލަފަޅަށް ގުޅުވައިލުމެއް ނުހިމެނެ އެވެ. އެކަމަކު އެ ދެ ތަން ގުޅުވައިލާ ބްރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ކަމަށާއި އެ މަނިކުފާނުގެ އަމާޒަކީ އެ ދެ ބްރިޖުގެ މަސައްކަތް 2026 ގައި ފަށައި 2029 އަށް ނިންމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބްރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަން ޖެހެނީ އުތުރުތިލަފަޅަކީ އިގްތިސާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދާ ތަނަށް ވާތީ އެވެ.

ރައީސް ވަނީ ރަސްމާލޭގެ މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި ޗައިނާގެ އެކިއެކި ލުއި ލޯނުގެ ދަށުން މި ދައުރުގެ ތެރޭގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.