Roadha Mihaaru
ޕީއެސްއައިޕީގެ 50ޕަސެންޓު ގެދޮރުވެރިކަމަށް ހާއްސަކުރަނީ

ޕީއެސްއައިޕީ ބަޖެޓުގެ 50 ޕަސެންޓު ހާއްސަ ކުރާނީ ގެދޮރުވެރިކަމަށް: ރައީސް

23 ޖޫން 2024

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ވެސް ޕީއައިސްއައިޕީ މަޝްރޫއުތަކުގެ 50 ޕަސެންޓު ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ވެސް ޕީއައިސްއައިޕީ މަޝްރޫއުތަކުގެ 50 ޕަސެންޓު ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ޖަގަހަ ހިންގި ތަނުގައި ޕީއެންސީން ހެދި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިންތިހާބުވެވެވަޑައިގަތުމުން ކުރިން ވެސް ވިދާޅުވެފައިވާނެ ފަދައިން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަން ހޯދައި ދިނުމަށެވެ.

މިހާރު އަމަލު ކުރަނީ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މަޖުބޫރުވުމުން ހަވާލުވެފައިވާ ބަޖެޓެއް ކަމަށާއި އެ އިން ވައުދުތައް ނުފުދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ދަތިކަމާ އެކު ވެސް މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖިލީހުން މަޝްރޫއުތަކަށް އިސްކަން ދޭނޭ ބަޖެޓު ފާސްކޮށް، އަމަލު ކުރާނެ އެވެ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

މިގޮތުން ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް ހާއްސަކުރާ އަދަދުތަކުގެ ދެ ބައިކޮށްފައި އެއްބައި ގެދޮރު އެޅުމަށް ހާއްސަ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަދުވެގެން 50 ޕަސެންޓު ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން، ދުވަހަކު ވެސް ކުރި ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓުން ގެދޮރު ބިނާކުރުމަށް އިސްކަން ދޭނެ ކަމަށާއި ސަރުކާރުން ވެފައިވާ ވައުދުތައް "އަކުރުން އަކުރަށް" ފުއްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމުގެ ވައުދު ރައީސް މިރޭ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

މަދުވެގެން 50 ޕަސެންޓު ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން، ދުވަހަކު ވެސް ކުރި ކަމެއް ނޫން،"--- ރައީސް

އެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަން ފާހަގަކުރައްވައި، ހުއްޓިފައި އޮތް ރަސްމާލެ މަޝްރޫއު އަންނަ މަހު އަލުން ފެށޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، މަސައްކަތް އަލުން ފަށައި ފުރަތަމަ ޕްލޭނާ އެއްގޮތަށް 1،100 ހެކްޓަރުގެ ބިން މި އަހަރު ނިމެންވާ އިރަށް ހިއްކާނެ ކަމަށެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރު ފަޅުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ރައީސް މުއިއްޒު ދެއްވި އެވެ. އެ ކަންކަން ކުރިއަށް ގެންދާނީ އިގްތިސާދީ އެޖެންޑާގެ ތެރެއިން ޖާގަ ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދުގެ އިތުރުން އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ފަހިކޮށްދީ، ޓޫރިޒަމްގެ އިތުރު ޕްރޮޑަކްޓުތައް އިތުރު ކުރުމާއި އެހެން ގިނަގިނަ ކަންކަން ކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.