Roadha Mihaaru
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ

އިޒްރޭލް ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ

26 ނޮވެމްބަރ 2023

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި ހުރި ވެއްޓިފައިވާ އިމާރާތްތަކާއި ހަލާކުވެފައިވާ އިމާރާތްތަކުން ފެންނަ އަގުބޮޑު ތަކެއްޗާއި ފައިސާތައް، އިޒްރޭލު ސިފައިން ގެންދަން ފަށައިފި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި ހުރި ވެއްޓިފައިވާ އިމާރާތްތަކާއި ހަލާކުވެފައިވާ އިމާރާތްތަކުން ފެންނަ އަގުބޮޑު ތަކެއްޗާއި ފައިސާތައް، އިޒްރޭލު ސިފައިން ގެންދަން ފަށައިފި އެވެ.

އިޒްރޭލުގެ ދިފާއީ ވުޒާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިން މިހާރު ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތުގައި ގާތްގަނޑަކަށް ފަސް މިލިއަން އިޒްރޭލީ ޝޭކަލް ވަނީ އަތުލައިގަނެވިފަ އެވެ. އެއީ ގާތްގަނޑަކަށް 1.33 މިލިއަން ޑޮލަރެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ އިރާގު ދީނާރާއި ޖޯޑްން ދީނާރު ވެސް ޣައްޒާގެ އެކި އިމާރާތްތަކުން ފެނުނެވެ. ޣައްޒާގެ އެކި އިމާރާތްތަކުން އެ ފައިސާތައް ފެނުނީ، ހަމާސްގެ ހަނގުރާމަވެރިން ހޯދުމަށް، ޣައްޒާގެ އިމާރާތްތަކަށް އިޒްރޭލު ސިފައިން ވަދެ ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ޣައްޒާ އިން ފެނުނު ގިނަ ފައިސާތަކަކީ، ހަމާސްގެ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ސަރަހައްދުތަކުން ފެނުނު ފައިސާތައް ކަމަށް އިޒްރޭލުގެ ދިފާއީ ވުޒާރާ އިން ބުންޏެވެ. އޭގެ އިތުރުން ހަމާސްގެ ބައެއް އިސް ވެރިންގެ ގެތަކުން ވެސް ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ އިރު، އެ ހުރިހާ ފައިސާއެއް ވެސް މިހާރު ވާނީ އިޒްރޭލުގެ ވެރިރަށް ތަލްއަބީބަށް ގެންގޮސްފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އިޒްރޭލުގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ވެސް އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރަނީ އިޒްރޭލުގެ ޝޭކްލް އެވެ. އިޒްރޭލުން ބުނި ގޮތުގައި ޣައްޒާ އިން އަތުލައިގަތް ފައިސާތައް ޖަމާކުރާނީ އިޒްރޭލުގެ ބައިތުލްމާލަށެވެ.

ފަލަސްތީނުގެ މީޑިއާތައް ބުނާ ގޮތުގައި އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންގެ މުދަލާއި ފައިސާ ފޭރުމަކީ އާ ކަމެއް ނޫނެވެ. ހުޅަނގު އައްސޭރި އަށް ވަދެގަނެ ފަލަސްތީނު މީހުންގެ ގެތައް ބަލައި ފާސްކުރުމުގެ ތެރޭގައި، އެ ގޭގެއިން ވައްކަން ކުރުމާއި ފޭރުމަކީ އިޒްރޭލު ސިފައިން އާންމުކޮށް ކުރާ ކަމެކެވެ.

ޣައްޒާގެ އުތުރުކޮޅަށް ވެރިވެގަނެގެން މިހާރު ތިބި އިޒްރޭލު ސިފައިން މިހާރު ވެސް ގެންދަނީ އެ ސަރަހައްދުގައި ހުރި ވެއްޓިފައިވާ އިމާރާތްތަކާއި ހަލާކުވެފައިވާ އިމާރާތްތަކަށް ވަދެ ބަލައި ފާސްކޮށް، ގަހަނާ އާއި ފައިސާ ފަދަ ތަކެތި ފޭރެމުންނެވެ. އަދި ފަލަސްތީނުގެ އެއްވެސް މީހަކު ޣައްޒާގެ އުތުރު ސަރަހައްދަށް ދިއުން އިޒްރޭލު ސިފައިން މިހާރު ވަނީ މަނާކޮށްފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ހަނގުރާމަ، މި މަހުގެ 24 ވަނަ ދުވަހު ވަގުތީ ގޮތުން މެދުކަނޑައިލުމަށް ފަހު، އިޒްރޭލާއި ހަމާސް އިން ވަނީ ދެ ދުވަސް މަތިން އަސީރުން މިނިވަންކޮށްފަ އެވެ. ނޮވެމްބަރު 24 އަދި 25 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ 78 މީހަކު މިނިވަންކޮށްފައިވާ އިރު، ހަމާސް އިން ވަނީ އިޒްރޭލުގެ 26 ރައްޔިތަކާއި ތައިލޭންޑްގެ 14 މީހަކާއި ފިލިޕީންސްގެ އެކަކު މިނިވަންކޮށްފަ އެވެ.

އަދި ދެ ފަރާތުން މިއަދު މިނިވަން ކުރުމަށް ހަމަޖެހިފައިވާ މީހުންގެ ލިސްޓެއް މިހާރު ވަނީ ގަތަރު މެދުވެރިކޮށް އަނެއް ފަރާތަށް އަންގައިފަ އެވެ. އިޒްރޭލާއި ހަމާސްއާ ދެމެދު، ގަތަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފަލަސްތީނުގެ 150 އަސީރަކު އިޒްރޭލުން މިނިވަންކުރާނެ އެވެ. އަދި ހަމާސް އިން އިޒްރޭލުގެ 50 ރަހީނަކު މިނިވަން ކުރާނެ އެވެ.