Roadha Mihaaru
ގޯއްޗާއި ފްލެޓް އަވަހަށް ހަވާލުކުރަން ގޮވާލާ ގަރާރެއް

ގޯއްޗާއި ފްލެޓްގެ ލިޔުން އަވަހަށް ހަވާލުކުރަން ގޮވާލާ ކުއްލި މައްސަލައެއް

28 ނޮވެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ ލިޔުން ވީ އެންމެ އަވަހަކަށް ހަވާލުކޮށް ނިންމުމަށް މި ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ ލިޔުން ވީ އެންމެ އަވަހަކަށް ހަވާލުކޮށް ނިންމުމަށް މި ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލައިގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މަޖިލީހުގެ 29 މެންބަރުންގެ ވޯޓުން ގަރާރު ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށައިފަ އެވެ.

މީކައިލް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ގެންދަނީ ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ހާމަކުރަމުންނެވެ. މިދިޔަ ރިޔާސީ ކެމްޕެއިންގައި އެއްވެސް ގޯއްޗެއް އަދި ފްލެޓެއް ވެސް އަތުނުލާނެ ކަމަށް އެތައް ފަހަރަކު އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެކަމަށް އިތުބާރުކޮށް، އެތައް ހާސް މީހުންނެއް ރައީސް ޑރ. މުއިއްޒަށް ވޯޓު ދިން ކަމަށާއި ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ބަދަލުވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ބައެއް ގޯތީގެ ރަޖިސްޓްރީ ނުދެވޭނެ ކަމާއި ރަޖިސްޓްރީތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާފައިވާ ކަމަށް މީކައިލް ވިދާޅުވި އެވެ.

އަދި ބައެއް ގޯތިތައް ބަދަލުކޮށް، ފްލެޓްތަކަށް އަލުން ފޯމު ހުށަހަޅަން ޖެހިދާނެ ކަމަށް ވިދާޅުވެ މިނިސްޓަރު އިންޒާރު ދެއްވާފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ބަޖެޓްގައި އެއްވެސް ހަރަދެއް ހިމަނާފައި ނުވާ ކަން ވެސް މީކައިލް ފާހަގަ ކުރެއްވި އެވެ.

ހައުސިން މިނިސްޓަރު ހައިދަރު: މީކާއިލް ވިދާޅުވީ މިނިސްޓަރަށް އިތުބާރު ނެތް ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

ހައުސިން މިނިސްޓަރު ހައިދަރު: މީކާއިލް ވިދާޅުވީ މިނިސްޓަރަށް އިތުބާރު ނެތް ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

އޭގެ ބަދަލުގައި މުޅިން އާ ތަނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓްގައި ހިމަނައި އެ މަސައްކަތް ކުރަމުން ގެންދިއުމަކީ މި ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރެއިންގެ ގިނަ ބައެއް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާނުވާގައި ބޭއްތިބުމުގެ ބަދަލުގައި މިކަމާ ގުޅޭ ސަރުކަރުގެ އަސްލު ސްޓޭންޑް ހާމަކޮށް، ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ވަނީ ގޯތި ދޫކޮށް ބައެއް މީހުން ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. އަދި 4،000 ޕްލެޓް މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނެވެ. ނަމަވެސް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އެންމެ ފަހު ވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވި އެވެ.

އާ ހައުސިން ހައިދަރު މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖައާ ކުރާނެ އެވެ. އެއްވެސް ގޯއްޗެއް އަތުނުލި ކަމުގައިވިޔަސް ބައެއް ގޯތިތަކުގެ ލޮކޭޝަން ބަދަލު ކުރަން ޖެހިދާނެ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.